ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އަންނަ ހަފުތާގައި ހާޒިރުކުރަން ނިންމައިފި އެވެ.

ފަރުވާ ލަސްވެގެން މަރުވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން މިނިސްޓަރ ނަސީމް ހާޒިރުކުރަން ނިންމާފައިވީ ނަމަވެސް އެމަނިކުފާނު ހާޒިރުކުރާ ވަކި ދުވަހެއް އަދިނޭނގެ އެވެ.

އެ ކޮމެޓީއަށް މިނިސްޓަރ ހާޒިރުކުރަން ނިންމާފައިވާ އިރު، މިޝްކާގެ މަރުގެ މައްސަލައިގެ އިހުމާލުތައް ބެލުމަށް ކުރިއަށް ގެންދާ ތަހުގީގު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މިމަހުގެ 7 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ، މިޝްކާގެ މަރާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަން ވަރަށް ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ކުރިއަށްއޮތް ތަނުގައި މެދުވެރިނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:10 ހާއިރު ޢުމުރުން 10 އަހަރުގެ މިޝްކާގެ މަރުވުމާއި ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފަ އެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ނަސީމް ވިދާޅުވެފައިވަނީ އެ މައްސަލަ ބަލާއިރު، އެމަނިކުފާނުގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.