އެމީހުން އެއުޅެނީ ހަސަދަލައިގެން. އަހަރެންނަށް ރަނގަޅު މުރާލި ކުއްޖެއް ލިބުނީމަ މިތަން ހަލާކު ކުރަން ” ޝަމްއާން މަންމައަށް ވިސްނައިދެވޭތޯ ބެލިއެވެ.

ތެދެކެވެ. ޝަމްއާންގެ މަންމަމެންވެސް ކައިވެނި ކުރަން އުޅުނުއިރު ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަ ދެކުވުނެވެ. އެކަމާއި އެމީހުން އަޅައެއް ނުލިއެވެ. ކުރިން އެކަހަލަ ވާހަކަ ގަބޫލުކުރިނަމަ މިއަދު އެމީހުންގެ އާއިލާ އޮންނާނީ ރޫޅިފައެވެ.

ޝަމްއާންގެ ވާހަކަ މަންމަ ގަބޫލުކުރިއެވެ. ޝަމްއާންގެ މަންމަމެންނަށް ވެސް ކަންތައް ދިމާވީ ހަމަ އެގޮތަށެވެ. އެމީހުން ދުރުކުރުމަށް ރަށްރަށުން ފަންޑިތަހަދާ މީހުން ގެނެގެންވެސް އުޅުނެވެ.” ދެން ހިނގާ ސައިބޯން ” ޝަމްއާން ގޮވައިގެން މަންމަ ހިނގައިގަތެވެ.

” ދެން އެކަހަލަ ކަންތަކާއި ނުވިސްނާތި އިނގޭ ” މަންމަ ހިތްހަމަޖައްސައިދެވޭތޯ ޝަމްއާން މަސައްކަތްކުރިއެވެ.

*******

އިރުއޮއްސި މަޢްރިބު ނަމާދަށް ގޮވިތަނާ ޒުމްރާ އަތުވެއްޖެއެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރި މަންޒަރު ފެނެއެވެ. އައިގޮތަށް އައިސް ފެންވަރައިގެން ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ.

” ހާދަ ވަރުބަލިވެފައި ތިއޮތީ ” ޝަމްއާން ވެސް އެނދުގައި އޮށޯތެވެ.

” ވަރުބައްޔޭ ނޫން. އެކަމަކު މިރަށުތެރޭގައި ވާން އުޅޭކަންތަކުން މި ފިކުރުބޮޑުވަނީ ” ޒުމްރާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ

” ކޮންކަމެއްތަވީ ” ޝަމްއާން ނޭގޭ ކަމަށް ހެދިއެވެ.

” ނަމަނަމަ މަށާއި ނުކުޅޭތި. ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެ ” ޒުމްރާ ބުނެލިއެވެ.

ޝަމްއާން އިނީ ބިރުންނެވެ. ދުވަހަކުވެސް ޒުމްރާ އެހާ ރުޅިއައިސްފައި ހުއްޓާ ނުދެކެއެވެ. އަނެއްކާ މިރަށުތެރޭގައި ދެކެވޭ ވާހަކަތައް ޒުމްރާއަށް އިވުނީބާއެވެ. ހަމަ ޔަގީނުންވެސް އެވާހަކަތަކެއް ޒުމްރާއަށް އިވިގެން ނުވާނެއެވެ. ސަބަބަކީ ޒުމްރާއަކީ ރަށުން ބޭރުގައި މަސައްކަތް ކުރާ މީހަކަށް ވާތީއެވެ. ޝަމްއާން އޮތީ ހާސްވެފައެވެ.

” ކިހިނެތްތަވީ. ދެން ރުޅިގަދަނުވެ ބުނެބަލަ ” ޝަމްއާން ލޯބިން ޒުމްރާގެ ބޮލުގައި ފިރުމަލިއެވެ.

” ވީގޮތަކީ އަދި ވާން އުޅޭގޮތަކީ އަހަރެމެން ދެމީހުން ދުރުކުރަން ބަޔަކު ރާވަނީ ” ޒުމްރާ ކިޔައިދިނެވެ.

” އެއީ ކޮންބައެއް ” ޝަމްއާން ހާސްވިއެވެ.

އަދި ފަހުން އެނގޭނެ ކަމަށް ބުނެފައި ޒުމްރާ ބޭރަށް ނިކުތެވެ. ހީވީ ކޮންމެވެސް ކަމަކާއި ހާސްވެގެން އުޅޭހެންނެވެ. ޝަމްއާން ޒުމްރާގެ ފަހަތަކުން ނުދެއެވެ. ޒުމްރާ ރުޅިމަޑުކުރެވޭތޯއެވެ. މާގިނައިރެއް ނުވެ ޒުމްރާ އައިސް އޮށޯތެވެ. މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ފެނިގެންދެއެވެ. ނަމަވެސް ޝަމްއާން އެކަމާއި ސުވާލު ކުރާކަށް ބޭނުމެއްނުވިއެވެ. އެހެން އޮއްވައި ޝަމްއާން އަށް ނިދިއްޖެއެވެ. ހޭލެވުނީ ޒުމްރާ ގޮވީމައެވެ. މަސައްކަތު ދިއުމުގެ ކުރިން ގޮވާލީއެވެ.

” ކާން ހަދާފައި މިދަނީ ” ޒުމްރާ ބުނެލިއެވެ.

” ހާދަ އަވަހަކަށް ” ޝަމްއާން ސުވާލު ކުރިއެވެ.

ޝަމްއާން އަނެއްކާވެސް އޮށޯތީ ނިދާލާށެވެ. އެއިރު ފަތިސް ނަމާދަށް ގޮވަން ގާތްވަނީއެވެ. ޝަމްއާންއަށް ހޭލެވުނީ ޔަމީން އައިސް އެނދަށް އެރީމައެވެ. ކައިވެނީގެ ކަންތަކާއި އުޅެން ހަދައިގެން ދަރިފުޅުގެ ކަންތަކުގަވެސް ނޫޅެވެއެވެ. ގިނަ ދުވަސްތަކެއް ކޮއްލާފައި މީހަކާއި އިނީމަވެސް އެހެން ވެދާނެތާއެވެ. ޔަމީން ބޭނުންވީ ޝަމްއާން ގޮވައިގެން ބޭރަށް ނިކުމެލާށެވެ. ޝަމްއާން އަޅާނުލުމުން ޔަމީން ފެށީ ރޯށެވެ. ޝަމްއާން ޔަމީން އުރައިލައިގެން ގޮސް ބޭރަށް ނިކުތެވެ. އެއިރު ގޯތިތެރޭގައި ޝަމްއާންގެ މަންމަ އެހެން މީހަކާއި ވާހަކަ ދައްކަން ހުއްޓާ ފެނުނެވެ.

” އޭ ދަރިފުޅާ އެއްކަލަ އަލިބެއަށް ބަޔަކު ވަރަށް އަނިޔާކޮއްފައި އެބައޮތޯ ” ޝަމްއާން ފެނުމާއި އެކު މަންމަ ބުނެލިއެވެ.

” ތެދެއް. ބައެއް މީހުން ބުނޭ ހިއެއް ނުވެޔޯ މިރަށުގެ މީހަކަށް އެވަރު ކުރަން ކެރޭނެހެން ” މަންމަގެ ގާތުގައި ހުރި ޝަފީނާ ބުނެލިއެވެ.

” ދެން ކޮންބައެއް ކުރާނީ. މިރަށަށް އަރާ ތިކަހަލަ ކަމެއް ކުރާކަށް އެހެން ބަޔަކަށް ނުކެރޭނެ ” ޝަމްއާން ބުނެލިއެވެ.

” އެމީހުން އެބައުޅޭ މިހާރު ފަންޑިތަ ހަދަންވެސް. އެބަޔަކު ހޯދަން ” ޝަފީނާ ބުނެލިއެވެ.

” ހިނގާބަލަ އަލިބެ ދެކިލަން ދާން ” ޝަފީނާ އާއި އެކީ ޝަމްއާންމެންވެސް ހިނގައިގަތެވެ. އެގެއަށް ދާކަށް މާގިނައިރެއް ނުނަގައެވެ. އެގޭ ގޯތިތެރޭގައި މީހުން އޮތީ ފުރިބާރުވެފައެވެ.” ދެންމެ އަލިބެ އެ ނިޔާވީ ” އެތަނުން މީހަކު ބުނެލި އަޑުއިވުނެވެ. ޝަމްއާންމެންވެސް އަލިބެ އޮތް ތަނާ ގާތަށް ޖެހިލިއެވެ. ތެދެކެވެ. އެއީ އިންސާނަކަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަލިބެއަށް އޮތީ ވަރަށް އަނިޔާ ކޮއްފައެވެ. ޝަމްއާންއަށް ރޮވުނެވެ. އަލިބެގެ ޖަނާޒާގެ ހުރިހާކަމެއްގައި ޝަމްއާން ބައިވެރިވިއެވެ. އަލިބެގެ ޖަނާޒާގެ ކަންތައް ނިންމާލުމަށް ފަހު ޝަމްއާންއަށް ގެއަށް އާދެވުނުއިރު ހުރީ އިރުއްއޮއްސިފައެވެ. އެއިރު ގޭތެރޭގައި ޒުމްރާ އުޅެއެވެ. އާންމުކޮށް އަންނަގަޑިއަށް ވުރެ މިއަދު މާ އަވަހަށް އައީއެވެ. ޒުމްރާ ހުރި ހިނިތުންވެފައެވެ.” ހާދަ އަވަހަކަށް ތިއައީ. މިއަދު މާ އަވަހަށް މަސައްކަތް ނިމުނީތަ ” ޒުމްރާ ފެނުމުން ޝަމްއާން އަހައިލިއެވެ.

” ތިއައީ އަލިބެ ވަޅުލައިފައި ދޯ ” ޒުމްރާ ފެށީ އެހެން ވާހަކައެކެވެ.

” އާނ. ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮތީ ” ޝަމްއާން ޖަވާބު ދިނެވެ.

” ރަނގަޅު އޭނަ މަރުވާން މާ ލަސްވެސް ވެއްޖެ ” ޒުމްރާ ބުނެލިއެވެ.

” އޭ ތިކަހަލަ ވާހަކަ ނުދައްކާ ” ޝަމްއާން ރުޅިއައެވެ.

” އޭނަ އެއީ ވަރަށް ވިޔާނުދާ މީހެއް. މީހުންނަށް ފަންޑިތަ ހަދައިގެން ލަނޑުދޭ މީހެއް ” ޒުމްރާ ތަފްސީލް ކޮއްލަދިނެވެ.

*******

އަލިބެ މަރާއެކު މުޅިރަށުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. އިރުއޮއްސޭއިރަށް ގޭގެ ދޮރުތައް ލައްޕައެވެ. އިޝާނަމާދަށްފަހު ރަށުތެރޭން އެއްވެސް މީހަކު ނުފެނެއެވެ. އަދި ހަވީރު އަތަށް އަޅައިފިއްޔާ އަތިރިމައްޗަށް ވެސް ނިކުންނާކަށް ކެރޭ މަދު މީހަކު ނޫނީ ނުހުރެއެވެ. ގިނަ މީހުން ކިޔަނީ އެއީ ޖިންނީގެ ކަމެއް ކަމަށެވެ. ބުނެވޭނީވެސް އެހެންތާއެވެ. އެރަށަކީ ދުވަހަކުވެސް އެކަހަލަ ކަމެއް ހިނގި ރަށެއް ނޫނެވެ. އެންމެ ފަހުން އަލިބެގެ އާއިލާއިން ނިންމީ ފަންޑިތަ ހަދާ މީހަކު ގެންނާށެވެ. އެކަމުން އެ އާއިލާއަށް އިތުރު ގެއްލުމެއް ކުރިމަތި ވުމުގެ ކުރިންނެވެ. މިކަމާއި އެރަށުގެ ގިނަ ބައެއްގެ ތަރުހީބު ލިބުނެއެވެ. އެއަތޮޅުގެ ވަރަށް މޮޅުކަމަށް ކިޔާ ފަންޑިތަ ހަދާ މީހަކު ރަށަށް ގެނައުމުގެ މަސައްކަތް ކުރިއެވެ. އެނާ އަށް ކިތަންމެ ބޮޑު އެއްޗެއް ދީގެން ނަމަވެސް އެކަންތަކުން އެރަށް ސަލާމަތް ކުރުމަށް އެމީހުން ބޭނުންވެއެވެ. ފަންޑިތަ ހަދާ މީހާ އަށް އެންމެ އަވަހަކަށް ވެސް އާދެވެން އޮތީ ހަފްތާގެ ފަހުންނެވެ. އެނަ އަންނަންވާއިރަށް އެރަށުގެ މުދިންބެ ކިޔެވެލި ލިޔަވަމުން ދެއެވެ. ނަމަވެސް އެރަށުގެ ބިރުވެރިކަމަކަށް ބަދަލެއް އަންނަހެން ހިއެއް ނުވެއެވެ.

ދުވަސްތައް ފާއިތުވެގެންގޮސް މިއަދަކީ ރަށުގެ މީހުންގެ މޫނުމަތިން އުފާވެރި ކަމުގެ ކުލަވަރު ފެނިގެން ދިޔަދުވަހެކެވެ. ދިގު އިންތިޒާރަކަށްފަހު އެރަށަށް އެމީހުން ބޭނުންވެގެން އުޅުނު ފަންޑިތަ ހަދާ މީހާ އަންނަނީއެވެ. އޭނަ ރަށަށް އައިއިރު ރަށުގެ ކުދިބޮޑު އެންމެން އޭނަގެ އިސްތިޤްބާލުގައި ތިއްބެވެ. އެއީ މުޅި އަތޮޅުވެސް ދަންނަ މަޝްހޫރު މީހެކެވެ. އެނަގެ ނަމަކަށް ކިޔަނީ ހަސަންފުޅެވެ. އޭނައަކީ ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައި ފަންޑިތަ ހަދައި އެކަމުގެ ތަޖްރިބާ ލިބިފައިވާ މީހެކޭ ބުނާތީ އަޑުއިވެއެވެ. ހަސަންފުޅު ހުންނަން ހަމަޖެހިފައިވަނީ އެރަށު މުދިންބެގެ ގޭގައެވެ.

********

ހަސަންފުޅު އެރަށަށް އައިތާ ދެވަނަދުވަހެވެ. އޭނަ މަސައްކަތްވެސް ފަށަން ހަމަޖެހިފައި އޮތީ މިއަދުއެވެ. ފުރަތަމަ ހަސަންފުޅު ބޭނުންވީ ރަށުގެ ތުނޑީގައި އެމަސައްކަތް ފަށާށެވެ. އެހެން ކަމުން އެރަށުގެ ބާރުގަދަ ސާޅީސް ފިރިހެނުންވަނީ އެކަމަށް ތައްޔާރުވެފައެވެ. ކިޔެވުމާއި ދުންއެޅުމާއި އެހެނިހެން ކަންތަކުގައެވެ. އިރުއޮއްސެން ގާތްވި ވަގުތު އެ ސާޅީސް ފިރިހެނުން ތިބީ ތުނޑިމަތީގައެވެ. ހަސަންފުޅުގެ އޯޑަރަކަށް ތައްޔާރަށެވެ. އެތަނަށް އެއްވެސް އަންހެނަކު އައުން ހަސަންފުޅު ވަނީ މަނާކޮއްފައެވެ. މަޢުރިބް ނަމާދުކޮއްލައިގެން ހަސަންފުޅު އައިސް އިށީނީ ތުނޑީކޮޅު ރާޅު ޖަހާ ހިސާބުގައެވެ. ހަސަންފުޅު ކިޔަވަން ފަށައިފިއެވެ. ހަސަންފުޅު ކިޔަވަން ފެށުމާއި އެކު ހީވަނީ ބޮޑު ތުފާނެއް އައިހެންނެވެ. ވައިގަދަވެ ވާރޭވެހި ވިދާ ގުގުރަން ފަށައިފިއެވެ. އެންމެން ތެމިފޯވެއްޖެވެ. އެމީހުންނަށް ހަސަންފުޅު ދިޔައީ ހިތްވަރު ދެމުންނެވެ. ގަދަވިއްސާރައިގަވެސް އެމީހުން ހަސަންފުޅުގެ ބަސްގަބޫލުކޮށް ހިތްވަރު ކުރަމުންދިޔައެވެ. ހަސަންފުޅުގެ ކިޔެވުން ނިންމައިލީ އިޝާނަމާދަށް ގޮވީމައެވެ.

” ހިނގާ ދާން. އެއްވެސް ކުއްޖަކު ބިރު ނުގަންނާތި ” ހަސަންފުޅު އެކުދިންނަށް ހިތްވަރު ދިނެވެ.

” ދެން ކިހިނެތް ވާނީ ” އެތަނުން އެކަކު ހަސަންފުޅާއި ސުވާލު ކުރިއެވެ.

” ހީވަނީ މިރަށުތެރޭގައި އެބައުޅޭހެން ކޮންމެވެސް ޖިންނި ކުއްޖެއް ” ހަސަންފުޅު ބުނެލިއެވެ.

” މިރަށަކު ނޫޅޭނެ ތިކަހަލަ ޖިންނިއެއް. އެކަމަކު ޝަމްއާން ކިޔާ ކުއްޖަކު އިނދެގެން އުޅޭނެ ވަރަށް ތަފާތު ކުއްޖަކާއި. ބައެއް މީހުން ކިޔާ އެއީ ޖިންނިއެކޭވެސް ” ސައްތާރު އެހެން ބުނެލީ ވަރަށް ބިރުން ހުރެއެވެ.

” އެގެއަށް އަހަރެން ދާނަން. އެކަމަކު މާދަމާ ” ހަސަންފުޅު ބުނެލިއެވެ.

ހަސަންފުޅު ގެއަށް ލާފައި އެ ޒުވާން ކުދިންކޮޅު ގެއަށް ދާން ހިނގައިގަތެވެ. މާ ދުރަކަށް ދެވޭވަރެއް ނުވިއެވެ. ގުގުރާ ވާރޭ ވެހެން ފަށައިފިއެވެ. އެންމެން އެކި ދިމަދިމާލަށް ދުއްވައިގެންފިއެވެ. ސައްތާރުވެސް ގޮސް ވަދެވުނީ ގެއެއްގެ އަސްކަނި ދަށަށެވެ. ސައްތާރުގެ ގެ ހުންނަނީ ދުރުގައިކަމުން ވާރޭ ހުއްޓާލާތޯ މަޑުކޮއްލީއެވެ. ކުއްލިއަކަށް ފެނުނީ މަގުމަތިން ދުވެލާފައި ދިޔަ އަންހެން ކުއްޖެކެވެ. ސައްތާރު އެކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. އެ ވިއްސާރައިގާ އެކަނި އަންހެން ކުއްޖަކު ބޭރުގައި އުޅޭތީ އެއީ ކާކުކަން ބަލައިލުމުގެ ބޭނުމުގައެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. އެކުއްޖާ ދުވެފައި ގޮސް ގެއްލިއްޖެއެވެ. ވާރޭ ވެހޭތީ އެތަނުން ކޮންމެވެސް ގެއަކަށް ވަނީކަންނޭގެއެވެ. ނުވަތަ ސައްތާރަށް ފިލީކަމަށްވެސް ވެދާނެއެވެ. ސައްތާރުހުރީ ތެމިފައެވެ. ދެން ވާރޭ ހުއްޓާލަންދެން މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ސައްތާރު މަޑު ހިނގުމެއްގައި ދިޔައެވެ. ކުއްލިއަކަށް ސައްތާރުގެ ލޮލުގައި އަޅައިގަތީ އެއްކަލަ އަންހެން ކުއްޖާއެވެ. އެއްވެސް ހަރަކާތެއް ނެތި ފާރުގައި ލެގިލައިގެން އެކުއްޖާ ހުއްޓެވެ. ވާރެއއާއި ތެމިގެންނެވެ. ބަލާބެލުމަށް ފިނީގެ އަސަރެއް އެކުއްޖާއަށް ކުރާހެނެއް ހިއެއްނުވެއެވެ. ސައްތާރު ގޮސް އެކުއްޖާއާއި ގާތްވެލިއެވެ.” މިތާ ކީއްކުރަނީ ” ސައްތާރު ސުވާލުކޮއްލިއެވެ.

” ހިނގާ ގެއަށްދާން. މިތާ އެކަނި ހުންނާކަށް ނުވާނެ ” އެކުއްޖާ ޖަވާބު ނުދިނުމުން ސައްތާރު ދެވަނަފަހަރަށް ވެސް ސުވާލު ކުރިއެވެ.

އެކުއްޖާ ސައްތާރުގެ މޫނަށް ބަލައިލިއެވެ. ހަމަ އެއާއި އެކު ސައްތާރު ދުއްވައިގަތެވެ. ނަމަވެސް އެކަންވެސްވީ ބޭކާރު ކަމަކަށެވެ. އެކުއްޖާ އައިސް ސައްތާރުގެ އަތުގައި ހިފެހެއްޓިއެވެ. ސައްތާރު ކިތަންމެ ބާރު ގަދަޔަސް އެކުއްޖާގެ ކުރިމަތީގައި ޖެހުނީ އިސްޖަހާށެވެ. އެބާރުގެ ބޭނުމެއް ނުކުރެވުނެވެ.

” ބަލަ މަށަކީ ޖިންނިއެއް. އަހަރެން ނައްތާލަން ކޮން މަސައްކަތެއް ތި ކުރަނީ ” އެކުއްޖާ އެހެންބުނެފައި ސައްތާރުގެ ކަރުގައި ހިފިއެވެ.

” ދޫކޮއްލާ. ދެން އެކަހަލަ ކަމެއްގައި ދުވަހަކުވެސް ބައިވެރި ނުވާނަން ” ސައްތާރަށް ބުނެވުނީ އެވަރަށެވެ. މަޑުމަޑުން ބާރު ދޫވެގެން ބިންމައްޗައް ވެއްޓިއްޖެއެވެ.

ހެނދުނުއިރު އެރިތަނާހެން މުޅި ރަށުގައި އޮތީ ސައްތާރު މަރުގެ ވާހަކައެވެ. ރަހުމް ކުޑަ ގޮތަކަށް މަރައިލި ވާހަކައެވެ. ޖެހިޖެހިގެން ދެވަނަ މަރާއިއެކު މުޅިރަށުގައި ކުރިއަށް ވުރެ ބިރު ބޮޑުވިއެވެ. ބައެއް މީހުންގެ އިތުބާރު ހަސަންފުޅަށް ގެއްލެމުންދިޔައެވެ. އަނެއްބައި މީހުން ހަސަންފުޅަށް ނުލާހިކު އިތުބާރު ކުރެއެވެ. އެކަމާއި ހަސަންފުޅު ހިތްވަރު ދުލެއް ނުކުރެއެވެ. އެއީ ހަސަންފުޅަށް އާކަމެއް ނޫނެވެ. ސައްތާރުގެ ޖަނާޒާގައި ރަށުގެ ގިނަބަޔަކު ބައިވެރިވިއެވެ. އެންމެންގެ ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ދެން މަރުބާނީ ކާކުބާއެވެ. މިއީ މިހާރު ރަށުގެ އެންމެންގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލެކެވެ.

**********

ހަވީރު ފެންވަރައި ނަލަހެދިލައިގެން ޝަމްއާން އާއި ޒުމްރާ ތިބީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ކުރިމަތީގައި ހުރި ޖޯލީގައި ޝަމްއާންގެ މަންމަ ވެސް އިނެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ މިރަށުން ފަހަކަށް އައިސް އަނިޔާވެރި ގޮތަކަށް މީހުން މަރުވަމުންދާ ވާހަކައެވެ. އެމީހުން އެވާހަކައިގައި ތިއްބާ ސަލާމް ގޮވާލައިފައި ގޯތިތެރެއަށް ވަދެގެން ހަސަންފުޅު ވަދެގެން އަންނަތަން ފެނުނެވެ. ހަސަންފުޅަށް އިޚްތިރާމް ކުރުމުގެ ގޮތުން ޝަމްއާން ކޮޅަށް ތެދުވެލިއެވެ.

” މިއީ ހަސަންފުޅު. މިރަށް ފަންޑިތަ ހަދަން އައިސް އުޅޭ މީހެއް ” ހަސަންފުޅުގެ ގާތުގައި ހުރި ޒުވާނާ ހަސަންފުޅު ތަޢާރަފް ކުރިއެވެ.

” އާދޭ އިށީންނަން ” ޖޯލިފަތީ ދައްކާލަމުން ޝަމްއާންގެ މަންމަ ބުނެލިއެވެ.

” މިއީ އަހަރެންގެ ދަރިފުޅު، ދެން އެއިނީ އޭނަގެ އަނބިމީހާ ” ޝަމްއާންގެ މަންމަ ހަސަންފުޅަށް ޝަމްއާންމެން ތަޢާރަފްކުރިއެވެ. ހަމައެއާއި ޒުމްރާ ގޭތެރެއަށް ވަންނަން ހިގައިގަތެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ރުޅިއައިސްފައިހުރިހެންނެވެ.

” އެއީ އާދަޔާ ޚިލާފް ކުއްޖެއް ދޯ ” ޒުމްރާއަށް އިޝާރާތްކޮށް ހަސަންފުޅު ބުނެލިއެވެ.

” އާނ އެއީ ވަރަށް ރަނގަޅު އަދި އެހާމެ މުރާލި ކުއްޖެއް. އަދި ޝަމްއާންދެކެ ވަރަށް ލޯބިވޭ ” ޝަމްއާންގެ މަންމަ ހަސަންފުޅަށް ޖަވާބުދިނެވެ.

” މިބުނީ ތިހެނެއްނޫން. އެއީ އިންސާނެއްބާއޭ. އަހަރެންނަށް ޝައްކު ” ހަސަންފުޅު ބުނެލިއެވެ.

” އޭ ފާޑުފާޑުގެ ވާހަކަ ދައްކާނެކަމެއްނެތް މިގެއަށް އައިސް. ކަލޭ އެހާ އަވަހަށް ހިތްކީ ދޯ ” ޝަމްއާން ރުޅިގަދަވިއެވެ.

” މިގެއަށް ތިއައީ ދޭތެރެޖައްސަން ދޯ ” ޝަމްއާންގެ މަންމަވެސް ހުރީ ރުޅިގަދަވެފައެވެ.

” އަހަރެންނަށް ހީވަނީ އެއީ ޖިންނިއެއްހެން. މިރަށުގައި މި ހިނގާ ކަންތަކުގައި އޭނަގެ އަތެއް އޮވެދާނެ ” ހަސަންފުޅު ބުނެލިއެވެ.

” އޭ ކަލޭ މުސްކުޅިވީމަވެސް ޒުވާން ކުދިން ފަހަތުން ދުވެވޭތޯ ދޯ ބަލަނީ ” ޝަމްއާން ބުނެލިއެވެ.

” ނިކުމޭ މިގެއިން. ދެން މިގެއަށް ވަދެގެން ނުވާނެ. އަދި މިއީ މިރަށުގެ މީހެއްވެސް ނޫނޭ އައިސް ފާޑުފާޑުގެ ވާހަކަ ދައްކަނީ ” ޝަމްއާންގެ މަންމަ ހަސަންފުޅު އެގެއިން ނިކުތުމަށް އަމުރު ކުރިއެވެ. ހަސަންފުޅު އެގެއިން ނިކުމެގެން ދިޔައީ ހިތަހަމަ ނުޖެހިފައިހުރެގެންނެވެ.

ނަމަވެސް ހަސަންފުޅުގެ މަސައްކަތަކަށް އެއްވެސް ހުއްޓުމެއް ނުގެނެއެވެ. ހަސަންފުޅާއި އޭނަގެ ޓީމުން ބޭނުންވަނީ އެރަށް އެބިރުވެރިކަމުން ސަލާމަށް ކުރާށެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެން ވިޔަސް ހެވެއެވެ. ދުވަހަކަށް ވުރެ ދުވަހެއް މަސައްކަތް ދިޔައީ ގިނަވެގެންނެވެ. ދިމާވާ ދަތިއުނދަގޫތައްވެސް ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. އާންމުކޮށް ކިޔެވެލި ކިޔަވަނީ ހުކުރު، އަންގާރަ، ބުރާސްފަތީގައެވެ.

*******

ޝަމްއާންގެ މަންމަ ހުރީ ރުޅި އައިސްފައެވެ. ޝަމްއާން އާއި ދޭތެރޭ ރަށުގެ މީހުން ދެކޭގޮތުންނެވެ. ޝަމްއާންގެ ފުރަތަމަ ކައިވެނިވެސް ނިމިގެން ދިޔައީ އެހާމެ ހިތްދަތި ގޮތަށެވެ. އަނެއްކާ މިފަހަރުވެސް އެގޮތަށް ވާކަށް އެމީހުނެއް ނޭދެއެވެ. އަދި އަމުދުން ޒުމްރާ ބީވެގެން ދާކަށް ޝަމްއާނެއް ނޭދެއެވެ. އިރުއޮއްސިގެން ގާތްވި ވަގުތު ޝަމްއާން އޮތީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ޝަމްއާންގެ މަންމަވެސް ޖެހިގެން ހުރި ޖޯލީގައި އޮތެވެ. ޒުމްރާ ވެސް ގޯތިތެރެއަށް ވަދެގެން އާދެއެވެ.

” މިރަށު މީހުން އުޅެނީ އަހަރެން މަރާލަންތަ؟ ބަލާބަލަ އެމީހުން އަހަރެންނަށް ކޮއްފައިވާ އަނިޔާ ” ޒުމްރާ ޝަކުވާ ކުރިއެވެ.

” ކާކު ތިހެން ހެދީ ” ޝަމްއާން ރުޅިގަދަވިއެވެ.

” އެއުޅޭ ހަސަންފުޅު. އަހަރެންނަށްވެސް ތަދުވޭ ” ޒުމްރާއަށް ރޮވުނެވެ.

” މަ މިދަނީ ތިބުނާ ހަސަން ފުޅަކާއި ދިމާލަށް. ޒުމްރާ އަށް ހެދިހެން ހަދާލާނަން ” ޝަމްއާން ދުއްވައިގަތެވެ. ފަހަތުން ޝަމްއާންގެ މަންމަވެސް ދުއްވައިގަތެވެ. ޝަމްއާން ހަސަންފުޅަށް އަނިޔާ ކޮއްފާނެތީއެވެ. ޒުމްރާ އެތަން ބަލަން ދުރުގައި ހުއްޓެވެ. ޝަމްއާން އެދިޔަގޮތަށްގޮސް ހުއްޓުނީ ހަސަންފުޅު އުޅޭ ގެއަށެވެ. އެވަގުތަކީ ހަސަންފުޅުވެސް މިސްކިތަށްދާން ނިކުތް ވަގުތެވެ. ޝަމްއާން ގޮސް ފުރަތަމަވެސް ހިފީ ހަސަންފުޅުގެ ކަރުގައެވެ.

” ކިހިނެތް އުޅޭނަމޭ ހިތާތަ ތިއުޅެނީ މަގޭ އަނބިމީހާ ފަހަތުން ނެއްޓެން ނޭނގިގެން ” ޝަމްއާން ހަސަންފުޅުގެ ކަރަށް ފިތައިލިއެވެ.

” އޭ މިހިރަ މީހާ މިރަށުން ފައިބަން އުޅޭ ” ޝަމްއާން މަންމަވެސް ހަސަންފުޅާއި ދިމާލަށް ހަޅޭލަވަންފެށިއެވެ.

” ބަލަ އަހަރެން މިއުޅެނީ ހަމަ ކަލޭމެންގެވެސް ރައްކަލަކަށޭ ” ހަސަންފުޅު ޝަމްއާން ކޮއްޕާ ދުރަށްލަމުން ބުނެލިއެވެ.

” އާނ ވަރަށް ރައްކާތެރި. މަގޭ އަނބިމީހާއަށް ކަލޭ ކޮއްލާފައި ހުރިވަރު ނިކަން ދެކިބަލަ ” ޝަމްއާން ބުނެލިއެވެ. އެއިރުވެސް ޝަމްއާން ހިފަހައްޓާލެވޭތޯ މަންމަ މަސައްކަތް ކުރަމުން ދިޔައެވެ.

” ގަބޫލުކޮއްބަލަ އެއީ ހަމަ ޖިންނިއެކޭ. ކަލޭމެންނަށް ކޮންމެކަހަލަ ގެއްލުމެއްވެސް ދީފާނެ ” ޝަމްއާންމެންނަށް ވިސްނައިދެވޭތޯ ހަސަންފުޅު މަސައްކަތް ކުރިއެވެ.

” ބަލަ ކަލޭގެ އަނބިމީހާ އާއި ކަލޭގެ ދަރިންނަކީ ޖިންނިން. މަގޭ އަނބިމީހާ އަކީ އިންސާނެއް. ނުލާހިކު ރަނގަޅު ކުއްޖެއް ” ޝަމްއާން އެހެން ބުނެފައި ހަސަންފުޅުގެ މޫނުމަތީގައި ޖެހިއެވެ. ޝަމްއާން މަންމަ އޭނާ ހިފެހެއްޓޭތޯ ބެލިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. މަންމަ ޝަމްއާން ގޮވައިގެން ގެއަށްދާން ހިނގައިގަތެވެ. މަގުމައްޗަށް ނިކުތްއިރު ޒުމްރާ މަގުމަތީގައި ހުއްޓާ ޝަމްއާންއަށް ފެނުނެވެ. އެއިރުވެސް ޒުމްރާގެ ލޮލުން ކަރުނަ ފައިބަމުންދެއެވެ. ޝަމްއާން ފެނުމާއި އެކު ޒުމްރާ ދުވެފައި އައިސް ޝަމްއާންގެ ގައިގައި އޮޅުލައިގަތެވެ. އެއާއިއެކު ޝަމްއާންއަށް ވެސް ރޮވިއްޖެއެވެ. ކުއްލިއަކަށް ފެނުނީ ހަސަންފުޅު އެމީހުންނާއި ދިމާލަށް އަންނަތަނެވެ. ހަސަންފުޅު ފެނުމާއި އެކު ޒުމްރާ ދުއްވައިގެންފިއެވެ. ޝަމްއާން ބަލަހައްޓައިގެން ހުއްޓާ ޒުމްރާ ދުވެފައިގޮސް ގެއްލިއްޖެއެވެ.

” ދެމީހުން އަދިވެސް ގެއަށް ނުދަނީތަ ” ހަސަންފުޅު އެމީހުންނާއި ވާހަކަ ދައްކަންފެށިއެވެ.

” ދެމީހުންތަ؟ ބަލަ ކަލޭވެސް އަނދިރި ދޯ މިހާރު. އެކަމަކުވެސް ޒުވާން އަންހެން ކުދިންގެ ފަހަތުން ތިދުވަނީ ” ޝަމްއާން ޖަވާބު ދިނެވެ.

” ހިނގާ ދާން ދަރިފުޅާ. އެއީ ވަރަށް ނުބައި މީހެއް ” މަންމަ ޝަމްއާން އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

(ނުނިމޭ)