ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްސަލަ އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާލައިފި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަހްލޫފުގެ މައްޗަށް ފޮނުވުމުން އަނބުރާ ފޮނުވާލީ ބައެއް ހެކިވެރީންގެ ބަޔާންތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ގާނޫނާ ޚިލާފަށް ނަގާފައިވާތީ ކަމަށް ވަނީ މަޢުލޫމާތު ލިިބިފަ އެވެ. އަދި ހުށަހަޅާފައިވާ ޗެޓްލޮގްތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށަހަޅާފައި ނެތްކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފު ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓް 27 ގައި މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ވޯޓަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީން ބުނީ މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އޭސީސީ އަށް މަހުލޫފްގެ ފަރާތުން ހުށަހަޅާފައި އޮތް ނަމަވެސް، ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތް ކަަމަށެވެ.

މިއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި މަހުލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.