ޕޯޗުގަލްއަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ބިނާވެފައި އޮތް ޓީމެއް ނޫން ކަމަށާއި އިދިކޮޅު ޓީމަށް ނުރައްކާ ކުރާނެ ގިނަ ކުޅުންތެރިންތަކެއް ޕޯޗުގަލް ޓީމުގައި އެބަތިބި ކަމަށް ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ ބުނެފިއެވެ.

ލޯ މިހެން ބުނެފައި މިވަނީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް މުހިއްމު މެޗަކަށް ނިކުންނަން ޖެހިފައި ވަނިކޮށެވެ. ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ފްރާންސް އަތުން 1-0 އިން ޖަރުމަނު ބަލިވެފައިވާއިރު ޕޯޗުގަލް ވަނީ ފުރަތަމަ މެޗުގައި 3-0 އިން ހަންގޭރީ އަތުން މޮޅުވެފައެވެ.

"ޕޯޗުގަލްއަކީ ހަމައެކަނި ވަންމޭން (ރޮނާލްޑޯއަށް ބިނާވެފައި) ޓީމެއް ނޫން. އިދިކޮޅުން ކޮންމެ ޓީމެއް ނުކުތް ނަމަވެސް ނުރައްކާ ކުރެވޭނެ ފެންވަރު ހުރި ގިނަ ކުޅުންތެރިންތަކެއް ޕޯޗުގަލް ޓީމުގައި އެބަތިބި. އެޓީމުން ކުޅެމުންދަނީވެސް އެކި ދިމާތަކުން ހަމަލާތައް އުފެއްދުމުގެ އުކުޅު ބޭނުން ކޮށްގެން" 2014 ވަނަ އަހަރު ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބު ކޮށްދިން ކޯޗް ލޯ ބުންޏެވެ.

މީގެ އިތުރުން ލޯ ވަނީ ރޮނާލްޑޯގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ސަމާސާ ގޮތަކަށްވެސް ވާހަކަ ދައްކާފައެވެ. "ރޮނާލްޑޯއަކީ ކޯކް ފުޅި އެއްފަރާތަށް ޖައްސާލުމަށްވުރެ މާގިނަ ކަންކަން ކުރެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއް" ޕްރެސް ކޮންފަރެންސްގައި މޭޒު މަތީގައި ހުރި ކޯކް ދެފުޅި ކޯޗް ރޮނާލްޑޯ އެއްފަރާތަށް ޖައްސާލި ހާދިސާއަށް އިޝާރާތް ކުރަމުން ލޯ ބުންޏެވެ.

ލޯގެ ނަޒަރުގައި ޕޯޗުގަލްއިން ގެންގުޅޭ އެކިދިމާތަކުން ހަމަލާ އުފެއްދުމުގެ އުކުޅު ޖަރުމަނަށް ހުއްޓުވޭނެއެވެ. "މިމެޗަށް ތައްޔާރު ވުމަށް ފަރިތަކުރުންތަކުގައި ގިނަ މަސައްކަތްތަކެއް އަހަރެމެން ކޮށްފިން. ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ރޫހެއްގައި މިރޭ ތިން ޕޮއިންޓް ހޯދުމަށް" ލޯ ބުންޏެވެ.

ޖަރުމަނު އަތުން ބޮޑު މުބާރާތެއްގައި ޕޯޗުގަލްއަށް ޖަރުމަނުގެ މައްޗަށް އެންމެފަހުން މޮޅެއް ހޯދިފައި ވަނީ ޔޫރޯ 2000 ގައެވެ. އޭގެފަހުން 2006 އަދި 2014 ގެ ވޯލްޑް ކަޕާއި ޔޫރޯ 2008 އާއި 2012 ގައި މިދެގައުމު ބައްދަލުކުރި ހަތަރު މެޗުންވެސް މޮޅުވެފައި ވަނީ ޖަރުމަނެވެ. މީގެ ތެރެއިން ތިންފަހަރު ޖަރުމަނުން ކާމިޔާބު ހޯދީ ލޯގެ އިރުޝާދުގެ ދަށުންނެވެ.

ޕޯޗުގަލް އާއި ޖަރުމަނު ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ. މިގްރޫޕުގައި ދެން ހިމެނޭ ފްރާންސާއި ހަންގޭރީ މިއަދު ރާއްޖޭ ގަޑިން 18:00 ގައި ބައްދަލު ކުރާނެއެވެ. މިމެޗުން ފްރާންސް މޮޅުވެއްޖެނަމަ ޕޯޗުގަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ދެވަނަ ބުރުގެ ޖާގަ ފްރާންސަށް ޔަގީން ކުރެވޭނެއެވެ.