ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް ތައާރަފް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޓޯނީ ޑެ ލަރޫކް މަރުވެއްޖެ އެވެ.

'މޯލްޑިވް ލޭޑީ' ގެ ނަމުން މަޝްހޫރު ޓޯނީ ޑެ ލަރޫކް ރާއްޖެއަށް އެންމެފުރަތަމަ އައިސްފައިވަނީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

1980 ވަނަ އަހަރު އޭނާ ރާއްޖެ އައުމަށްފަހު، މުޅި ދުނިޔެއަށް ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމަށް ފެށި މަސައްކަތުގައި 41 އަހަރު ވަނީ ދެމިހުރެފަ އެވެ.

"މޯލްޑިވް ލޭޑީ"ގެ ނަން އޭނާއަށް ހަރުވެ، އެ ނަމުން އޭނާ މަޝްހޫރުވީ އެ މަސައްކަތްތައް ކުރަން ފެށުމުން ނެވެެ. އަދި އޭނާގެ ދިރިއުޅުމާއި ތަޖުރިބާއާ ގުޅޭގޮތުން ނެރުނު "ޓޯނީ: ދަ މޯލްޑިވް ލޭޑީ" ފޮތުގެ ސަބަބުން ނެވެ.

އޭނާވަނީ އޭނާގެ އަމިއްލަ ގައުމު، އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް ފާހަގަކޮށްލެވޭ ވަރުގެ މަސްއްކަތްތަކެއް ކޮށްފަ އެވެ.

"މޯލްޑިވްސް ޓްރެވަލް"ގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދައި ގިނަ މަސައްކަތްތަކެއް ވެސް އޭނާ ކޮށްފައިވާ އިރު، ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި އޭނާ ރާއްޖެ އައީ އޭނާގެ ކައިވެނީގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެމައްސަލަތައް ހަނދާން ނައްތާލައި ހިތްހަމަ ޖައްސައިލުމަށް ކަމަށް ބުނެފައި ވެއެވެ.

އެހެންނަމަވެސް އޭނާ ރާއްޖެ އައުމާއެކު އެ ހުރިހާ ކަމެއްގެ މައްޗަށް ރާއްޖޭގެ ލޯބި ޖެހުނު ކަމަށް ބައެއް މީޑިއާގައި އޭރު ވަނީ ރިޕޯޓުކޮށްފަ އެވެ.

ޓޯނީ ބުނެފައިވަނީ ރާއްޖެ ދެކެ ލޯބިވީ ރާއްޖޭގެ ރަށްތައް ރީތިވުމާއި، ދިވެހީންގެ ހިތްހެޔޮ މިޒާޖުން ކަމަށެވެ.

އިނގިރޭސި ވިލާތުގެ ރޭޑިއޯތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަން ފެށުމުގެ ނަތީޖާއަކަށް ވީ، އެގައުމުގެ ރައްޔިތުންގެ މެދުގައި ރާއްޖެއަށް ޝައުގުވެރިކަން އިތުރުވެ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމެވެ.

އޭނާ ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއިން ދިވެހީން ކުރިއެރުވުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ދިވެހި ދަރިވަރުންނަށް އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީތަކުން ފުރުސަތުތައް ހޯދައިދިނުމުގައި އެހީވުމާއި، އޭނާގެ ޓްރެވެލް އެޖެންސީ މެދުވެރިކޮށް ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމުތައް އޭނާ ވަނީ ހިންގާފަ އެވެ.

ޓޯނީގެ މި ޚިދުމަތްތަކުގެ ސަބަބުން 1997 ވަނަ އަހަރު އޭނާގެ އަގުވަޒަންކޮށް ޓޫރިޒަމް މިނިސްޓްރީން ހަނދާނީ ލިޔުމެއް ދީފައިވާ އިރު، އޭނާ ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓޭޓިވްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

މީގެ އިތުރުން ޓޯނީގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ދޭ ޚާއްސަ އިނާމު 2005 ވަނަ އަހަރު އޭނާއަށް ވަނީ އަރުވާފަ އެވެ.

ޓޯނީ މަރުވުމާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހިތާމަފާޅު ކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި މުޅި ދުނިޔެއަށް ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓޯނީ ކުރެއްވި އަގުނުކުރެވޭ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ.