ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މި މަހުގެ 24 ގެ ނިޔަލަށް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިޢުލާނާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދިނުމަށް ނިންމު ނިންމުމެއް ކަމަށެވެ.

އެ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ބަންދުކުރި ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

"އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރުމުގެ ޚިދުމަތް ލިބޭނެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވާނެ." ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ޢާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމުގެ ގޮތުން ހުކުރު، ހޮނިހިރު ފިޔަވައި، އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ޚިދުމަތްދިނުމާއި އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ޚިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.