ހޯމް ސްޓޭ ޓޫރިޒަމްގައި މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ކޮވިޑު-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައިސްފައި މިވާ ދަނޑިވަޅަކީ ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފް ކުރަން އެންމެ އެދެވޭ ވަގުތު ތޯ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސުވާލު އުފައްދާފައިވާ ވަގުތެއްގަ އެވެ.
މިނިސްޓަރ މައިސޫމް ވިދާޅުވީ މުސްލިމުންގިނަ، އާދަކާދަ ފިސާރި މެލޭސިއާ ފަދަ ގައުމުތަކުގައިވެސް “ހޯމްސްޓޭ” ފަތުރުވެރިކަން ކާމިޔާބު ކަމަށެވެ. އަދި ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށް، ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެ ކަމަށެވެ.
މީގެ އިތުރުން މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން ކަމަށް ވެސް ޑރ. މައުސޫމުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ގެސްޓް ހައުސް އެސީސިއޭޝަން (ގޭމްސް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމް ސްޓޭ ޓޫރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއް ކަމަށެވެ. އަދި މި ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކުގެ ސަބަބުން، ހޯމް ސްޓޭ ތައާރަފު ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ؟ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފަ އެވެ.
އެ އެސޯސިއޭޝަނުން ބުނީ ރާއްޖެއަކީ އެއް ގެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް ކަމަށްވާއިރު، ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ގެސްޓްހައުސްތަކަށް ހަމަ އަގެއް ނުލިބޭތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގެސްޓްހައުސްތައް މިހާތަނަށް ދުނިޔޭގައި އިޝްތިހާރު ކުރެވިފައި ނުވާ ކަމަށެވެ.
މިކަމުގެ ސަބަބުންވެސް ޓޫރިޒަމްގެ މި ސިނާއަތަށް ހަމަ އަގު ހޯދަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ގޭމް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.