އައްޑުސިޓީގައި ކޮވިޑޮ-19 ގެ ކޮމިއުނިޓީ ސްޕްރެޑުގެ ސަބަބުން މެދުކަނޑާލާފައިވާ ބައެއް ޚިދުމަތްތައް މާދަމާއިން ފެށިގެން އަލުން ފެށުމަށް ނިންމާފައިވާ ކަމަށް އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނިންމައިފި އެވެ.
އޭއައިއެޗް އިން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ހުޅުމީދޫ، މަރަދޫ އަދި ފޭދޫ ސިއްހީ މަރުކަޒުގައި ސްޕެޝަލިސްޓް ފިޒިކަލް ކޮންސަލްޓޭޝަން ފަށާނެ ކަމަށެވެ. އަދި ހުޅުމީދޫ ސިއްހީ މަރުކަޒަށް ހަފުތާއަކު 2 ދުވަހު ސްޕެޝަލިސްޓު ޑޮކްޓަރުން ޒިޔާރަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން މަރަދޫ އަދި ފޭދޫ ސިއްހީ މަރުކަޒަށް ކޮންމެ ދުވަހަަކު ވެސް ޕެޝަލިސްޓު ޑޮކްޓަރުން ޒިޔާރަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭއީއެޗް ގައި ފިޒިކަލް ކޮންސަލްޓޭޝަން ދޭނީ އޮންލައިން ކޮންސަލްޓޭޝަނަށް ފަހު، ހޮސްޕިޓަލަށް ގެންނަންޖެހޭކަމަށް ކަނޑައެޅޭ ފަރާތްތައް އެކަނި ކަމަށް ވެސް ބުނފައި ވެއެވެ.
އެ ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ޚިދުމަތް ފެށޭ އިރު، ކޮވިޑުގެ ހާލަތަށް ރިޔާއަތްކޮށް އެއްތަންވުން ކުޑަކުރުމުގެ ގޮތުން ޚިދުމަތް ދެވޭނީ އަދަދު މަދުކޮށް ދުވާލަކަށް ކަނޑައެޅޭ ވަކި ޢަދަދަކަށް ކަމަށެވެ.
"ރޫޓިންގ އެމްއާރްއައި، ސީޓީ، އެކްސްރޭ، އެކޯ، އީއީޖީ، އީއެމްޖީ އަދި މެމޮގްރަފީގެ ޚިދިމަތް ފެށޭނެ ކަަމަށާއި ޚިދުމަތް ދެވޭނީ ބަލިމީހާގެ ބަލީގެ ހާލަތަށް ބަލައި، އިސްކަންދޭންޖެހޭ ފަރާތްތަކަށް އިސްކަންދޭ އުސޫލުން. އަދި ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކޮށް އެއްތަންވުން ކުޑަކުރުމުގެ ގޮތުން ޚިދުމަތް ދެވޭނީ ޢަދަދު މަދުކޮށް، ދުވާލަކަށް ކަނޑައެޅޭ ވަކި ޢަދަދަކަށް. އަދި މެދުކަނޑާލާފައި އޮތް ފިޒިއޮތެރަޕީގެ ޚިދުމަތް ވެސް ފެށޭނެ." އޭއީއެޗް ގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ހޮސްޕިޓަލުން ބުނީ ކޮވިޑުގެ ސަބަބުން މެދުކަނޑާލި ޚިދުމަތްތައް އަލުން ފެށުމުން ކުރިންވެސް އަޅާފައިވާ އުސޫލާއި އެއްގޮތަށް އޯޕީޑީ އޮންނަ ދުވަސްތަކުގައި މެއިން އެންޓެރެންސް ހެނދުނު 6 ން ހަވީރު 6 އަށް ހުޅުވާނެ ކަމަށެވެ.
ކޮވިޑުގެ ނާޒުކު މި ދަނޑިވަޅުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
މި ދަނޑިވަޅުގައި ވެސް ބަލަމުން ދަނީ ސިއްހީ ފަރުވާގެ ޚިދުމަތް ވީހާވެސް ލުއި ފަސޭހަކޮށް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭއީއެޗުން ބުނެ އެވެ.
ރޯގާ ނުވަތަ އެނޫން ވެސް ކޮވިޑުގެ އެއްވެސް ޢަލާމާތެއް ހުންނަ ފަރާތްތަކުން ސީދާ ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިއުމަށް ވެސް އޭއީއެޗުން ވަނީ އެދިފަ އެެވެ.