އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންގުޅުއްވާ 2 ކުއްތާގެ ތެރެއިން، އުމުރުން އެންމެ ދުވަސްވީ ކުއްތާ މަރުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ، އެމެރިކަގެ ރައީސް ޖޯ ބައިޑެންއާއި، ފަސްޓްލޭޑީ ޖިލް ބައިޑެން ނެރުއްވި ބަޔާނެއްގައެވެ.

"ޗެމްޕް" ގެ ނަމުން ނަންދީފައިވާ ޖާރމަން ޝެފަޑް ބްރީޑްގެ މި ކުއްތާ މަރުވިއިރު އުމުރަކީ 13 އަހަރެވެ.

މަރުވި ޗެމްޕާއި އަދި ދެން އޮންނަ ކުއްތާއަކީވެސް ޖޯ ބައިޑެންގެ އާއިލާގެ އެންމެން ވަރަށް ލޯބިވާ އަދި ލޯބިދީގެން ގެންގުޅެމުން އަންނަ ދެ ކުއްތާއެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ޖޯ އާއި ޖިލް ވައިޓްހައުސްއަށް ބަދަލުވިއިރު، ޗެމްޕްއާއި އަދި އަނެއް ކުއްތާވެސް ވަނީ އެ ބޭފުޅުންނާއެކު ގެންދަވާފައެވެ. ދެ ކުއްތާވެސް ގެންގުޅުއްވަމުން ގެންދެވީ ރަސްމީ އިއްޒަތް ދީގެންނެވެ.

ޖޯ ބައިޑެންއަށް ޗެމްޕް ލިބިވަޑައިގެންނެވީ އޭނާ 2008 ވަނަ އަހަރު އެމެރިކާގެ ނައިބް ރައީސްކަމަށް އިންތިޚާބު ކުރެވުނު ފަހުންނެވެ.

ބައިޑެން ނައިބް ރައީސްގެ ރަސްމީ ގެކޮޅުގައި ދިރިއުޅުއްވިއިރު، އެ ގެކޮޅުގެ ރަސްމީ ކުއްތާއަކީ ޗެމްޕެވެ. އަދި ޖޯ ބައިޑެންއާއެކު މިއަހަރުގެ ޖެނުއަރީން ފެށިގެން ޗެމްޕް އުޅެމުންދިޔައީ ވައިޓްހައުސްގައެވެ.

ޖޯ ބައިޑެންއާއި ޖިލް ބައިޑެން ނެރުއްވި ބަތާނުގައި ވިދާޅުވެފައިވަނީ، ޗެމްޕް ކުޑައިރު އެންމެ އުފާވަނީ ގޮލްފް ބޯޅަ ފަހަތުން ދުވުމަށް ކަމަށެވެ. އެއީ، ނައިބް ރައީސްގެ ގެކޮޅުގެ ގޯތިތެރޭގައެވެ.

ފަހުން ޗެމްޕް، ވައިޓްހައުސްގެ ބަގީޗާތެރޭގައި ހޭދަކުރަމުންދިޔައީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެންމެ އުފާވެރި ދުވަސްތަކާއި، އެންމެ ހިތާމަވެރި ދުވަސްތައްވެސް ހޭދަކުރައްވާފައިވަނީ ޗެމްޕްއާ އެކުގައި ކަމަށާއި، އެއީ، އެ ދެމަފިރިކަނބަލުންގެ އިހްސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކުއްތާއެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޗެމްޕް މަރުވުމުން، ޖޯއާއި ޖިލްގެ މިހާރު އޮތީ "މޭޖަރ" ނަމަކަށްކިޔާ ކުއްތާއެކެވެ. އެއީވެސް ޖާރމަން ޝެފަޑް ކުއްތާއެކެވެ.

ޖޯ އާއި ޖިލް އެ ކުއްޖާ އެޑޮޕްޓް ކުރެއްވީ، ޑެލަވެއަރ ހިއުމޭން ސޮސައިޓީން 2018 ވަނަ އަހަރުއެވެ. ޑެލަވެއަރއަކީ ޖޯ ބައިޑެންގެ ރަށެވެ.

ޗެމްޕް މަރުވިއިރުވެސް ޖޯ އާއި ޖިލް ތިއްބެވީ ހަފްތާ ބަންދަށް ޑެލަވެއަރއަށް ވަޑައިގެން އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގައެވެ.

ޖޯ ބައިޑެންގެ ދެކަނބަލުން ވައިޓްހައުސްގެ ސައުތު ލޯންގައި ހިންގަވަން ނުކުމެވަޑައިގެން އުޅުއްވަނީ ޗެމްޕާއި މޭޖަރވެސް ގޮވައިގެންނެވެ. ރައީސް ޗުއްޓީ ހޭދަކުރައްވާ ރަށް، ކޭމްޕް ޑޭވިޑަށް ބައިޑެން ބަޑައިގަންނަވާއިރު، އަދި ޑެލަރވެއަށް ވަޑައިގަންނަވާއިރުވެސް ދެ ކުއްތާ ބައެއްފަހަރު ގެންދަވައެވެ.

ޗެމްޕް މަރުވުމުން އިތުރު ކުއްތާއެއް ވައިޓްހައުސްއަށް ގެންދަވަން ބައިޑެންގެ ދެކަނބަލުން ނުވިސްނަވާ ކަމަށް ވެއެވެ. އޭގެބަދަލުގައި އެބޭފުޅުން އުޅުއްވަނީ ބުޅަލެއް ގެންދަވަން ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.