ކޮވިޑް-19 އާ ގުޅިގެން ސްކޭމް ކޯލުތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެގޮތުން ސްކޭމް ކޯލްތައް ކޮށް، މަކަރާ ހީލަތުން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އެކި މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހުރިހާ ފައިސާއެއްވެސް އަތުލާފައިވަނީ އެކި މީހުންނަށް ގުޅާ ސްކޭމް ކޯލުތަކުންނާއި މަކަރާ ހީލަތުގެ އެކިއެކި އުކުޅުތައް ބޭނުންކޮށްގެން ކަމަށެވެ.
އެ މީހާއަކީ ކާކުކަން ނޭގި މަގުމަތިން އޭޓީއެމް ކައިރިން ވެސް މީހުންނަށް އޮޅުވާލާައި ފައިސާ އަތުލުގެ އަމަލުތައް ހިންގާފައި އެބަހުރި ކަމަށާއި ސްކޭމް ކޯލްތަކުގެ އިތުރުން ފިހާރަ ތަކަށް ގޮސް ވިޔަފާރިކޮށް، ފޭކް ސްލިޕް ފޮނުވާ މައްސަލަ ވެސް ފާހަގަ ކުރެވޭ ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތަކުގެ ތަހުގީގު ކުރުމުގައި ވެސް ނިޒާމް އޮންނަ ގޮތުން ވަރަށް ބޮޑެތި ދަތިތަކަކާއި ދިމާވާ ކަމަށެވެ. އަދި ނިޒާމު އޮންނަ ގޮތުން ހަމައެކަނި ފުޓޭޖެއް ބަލައިފައި އެ ފަދަ އަމަލުތައް ހިންގާ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވެން ނޯންނަ ކަމަށެވެ.
" ދައުވާ ކުރަން ފޮނުވާ ނަމަ އެއާ ގުޅުންހުރި ބައިވަރު ކަންކަން ހޯދަން ޖެހޭ. އަދި އެފަދަ ހީލަތުގެ ފައިސާ އަނބުރާ ހޯދުމަކީ ވެސް ދަތި ކަމެއް." ފުލުހުން ބުންޏެވެ.