މާލޭގެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އިންތިހާބު ވެއްޖެއެވެ.

މާލޭ ސިޓީގައި ތިއްބަވާ 19 ކައުންސިލަރުންގެ މެދުގައި މިއަދު ނެގި ވޯޓުގައި ނަރީޝް އަށް ލިބުނީ 12 ވޯޓެވެ. ނަރީޝްއާ ވާދަ ކުރެއްވި މައްޗަށް ގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.

ޕީޕީއެމުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރައްވާނެ ކައުންސިލަރަކު ކަނޑައެޅުމަށް އިއްޔެ އެ ޕާޓީގެ ކައުންސިލަރުން ބޭއްވި ބައްދަލުވުމުގައި ތިން ކައުންސިލަރަކު ކުރިމަތިލެއްވިއެވެ.

އެއީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. އެ އިންތިހާބު ނަރީޝް ކާމިޔާބު ކުރެއްވީ ފަސް ވޯޓުންނެވެ. ޝުޖާއު އާއި ނަހުލާ އަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.