ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 މީހެއްގެ މައްޗަށް ދައުވާއުފުލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވައިފި އެވެ

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު ވަނީ ތަހުގީގު ނިންމައި އެ މައްސަލަ އަލުން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަން ބައެއް މީޑިއާތަކަށް ޔަޤީންކޮށް ދެއްވާފައެވެ.

ވެންޓީލޭޓަރުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށުމާ އެކު މީގެ މަހެއްހާ ދުވަސް ކުރިން މިނިސްޓަރު އަމީން ވަނީ، މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވެވަޑައިގެންފަ އެވެ. އެއީ، މިމައްސަލައިގައި ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ ރައީސް އޮފީހުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވުން އެމައްސަލަ ދިރާސާކުރިއިރު އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ.

34 މިލިއަން ރުފިޔާ އަށް ޕޯޓަބަލް 10 ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާއެ ކުންފުންޏަށް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ބޭންކް ގެރެންޓީއަކާ ނުލައި ދޫކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން އެނގެއެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތްކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި އޮޅުވާލުމެއް ކަަމަށް އޮޑިޓުގައިވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ.