ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

ދިވެހިރާއްޖޭޣެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިޞްލާހުތަކުގައިވާގޮތުން، ކައުންސިލްތަުގެ އިދާރީ އެންމެ އިސް ބޭފުޅަކީ ސެކްރެޓަރީ ޖެނެރަލްއެވެ. އެ ޤާނޫނުގައި ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތުތައްވެސް ބަޔާންކޮށްފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 200 މީހުން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަންނަ ހޯމަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެކަމަށެވެ. އެގޮތުން https://myaccount.csc.gov.mv/CouncilSg ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅޭނެ އިންތިާޒް ސީއެސްސީން މިހާރު ވަނީ ހުޅުވާލާފައެވެ.

ކައުންސިލްތަކުގެ އިދާރީ އެންމެ އިސްވެރިޔާކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ފަސް އަހަރު ދުވަހުގެ މަޤާމެކެވެ. އެގޮތުން ރަށު ކައުންސިލްތަކުގެ އެސްޖީގެ މަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ، ބެޗްލާސް ޑިގްރީއާއެކު ހަތަރު އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑީގްރީއަކާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި އަތޮޅު ކައުންސިލްގެ އެސްޖީގެ މަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ، ބެޗްލާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު މަސައްކަތާ ގުޅޭ ހަ އަހަރުގެ ތަޖުރިބާހުރުމެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާންގައި އެސްސީގެ މަޤާމުގެ މުސާރަވެސް ޢާންމުކޮށްފައިވެއެވެ. އެގޮތުން ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ މަހަކު 9،300 ރުފިޔާއާއި، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާއެޗެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި 12،130 ރުފިޔާ ކަނޑައަޅާފައިވާއިރު، އެގްޒެކެޓިވް އެލަވަންސްގެ 8،870 ރުފިޔާ ލިބޭނެއެވެ. އަދި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ މަހަކު 20،500 ރުފިޔާއެެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅުން އައްޔަންކުރެވޭނީ ކައުންސިލްގެ ރުހުމާއެކުއެވެ. އެގޮތުން 60 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ މީހުންގެ ނަންނަތައް ސިވިލް ސާރވިސް ކޮމިޝަނުން ކައުންސިލްތަކާއި ހިއްސާކުރާނެއެވެ. އަދި ކައުންސިލުން އެސްޖީގެ މަޤާމަށް އައްޔަންކުރާނެ މީހެއް ކަނޑއަޅާ ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވަންޖެހެއެވެ.