ފުރަތަމަ ހާދިސާ: (ހަރުކަށި)

ދީނީ ކަންކަން އޮޅުންނުފިލާ ތިބި ބަޔަކު، އަމިއްލައަށް ކައިވެނިކޮށްގެން ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް، ހުކުރުކޮށް އުޅެމުންދާ ހާލަތެއްގައި، ދިނީ ނަސޭޙަތް ދިނުމުގެ ހުއްދަ އޮތް، ދީނީ ޢިލްމުވެރިޔަކު އެ ބަޔެއްގެ ކައިރިއަށް ގޮސް އެމީހުންނަށް އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތް އޮޅުންފިލުވައިދިނުމަށް ޓަކައި، އެ ބަޔަކު އެއްކޮށްފައި ދީނީ ނަސޭޙަތް ދިނުމުގެ ތެރޭގައި، އޭގެ ތެރެއިން މީހަކަށް ނިސްބަތްކޮށް "ތިބާއަށް ތިޔަ އުޅެވެނީ އިސްލާމް ދީނާ ޚިލާފަށް" ކަމަށް ބުނެފި ނަމަ ދީނީ ޢިލްމު ވެރިޔާ މި ބިލްގެ 124 ވަނަ މާއްދާގެ (ހ) ގެ (1)ގެ ދަށުން ކުށްވެރިވާނެއެވެ. އަދި އެބުނި ބުނުން ވާނީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށަކަށެވެ.

ދެވަނަ ހާދިސާ: (މަޑުކަށި)

ދީނީ ކަންކަމަށް ބެލުމެއްނެތި ދިރިއުޅޭ ބަޔަކު، ކައިވެނިނުކޮށް އެއް ތަނެއްގައި ނިދައި، އެއްޖިންސުން ގުޅުން ހިންގައި، ބަނގުރާ ކައްކައިގެން ބޮއި، މަސްތުގެ ހާލުގައި އުޅެނިކޮށް، ދިނީ ނަސޭޙަތް ދިނުމުގެ ހުއްދަ އޮތް ދީނީ ޢިލްމުވެރިޔަކު، އެ ބަޔެއްގެ ކައިރިއަށް ގޮސް އެމީހުންނަށް ދީނުގައި ކަންކަން އޮންނަ ގޮތް އޮޅުންފިލުވާދިނުމަށްޓަކައި، ދީނީ ނަސޭޙަތް ދިނުމުގެ ތެރޭގައި، އޭގެ ތެރެއިން މީހަކަށް ނިސްބަތް ކޮށް "ތިބާއަށް ތިޔަ އުޅެވެނީ އިސްލާމް ދީނާ ޚިލާފަށް" ކަމަށް ބުނެފި ނަމަ އެ ދީނީ ޢިލްމު ވެރިޔާ މި ބިލްގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ކުށްވެރިވާނެއެވެ. އަދި އެބުނި ބުނުން ވާނީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށަކަށެވެ.

މުޖުތަމައެއް ބިނާކުރުމަށް ޓަކައި އިސްލާމް ދީނުގައި އެންމެ ބާރު އަޅާ އަންގަވައިފައިވާ އެއްކަމަކީ ހެޔޮ ކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް ނަހީކުރުމުގެ މަފްހޫމެވެ. މި ކަން ކުރުމަށް އެންމެންގެ މައްޗަށް އަމުރު ކުރައްވާފައިވެއެވެ. ވަކިން ޚާއްސަކޮށް ދީނީ ޢިލްމު ވެރިންނަށެވެ. އެ ފަދަ ޢިލްމު ވެރިންނަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މި ބިލް ފަރުމާ ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ބިލް މި ގޮތަށް ފާސްވެއްޖެ ނަމަ ދީނީ ޢިލްމު ވެރިންނަށާއި، އަދި މުޖްތަމަޢުގެ ތެރޭގައި ތިއްބެވި ހެޔޮލަފާ މީހުން، އެހެން މީހުންނަށް ހެޔޮމަގު ދައްކައި، ނުބައި މަގުން ދުރުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެއެވެ.

ދިވެހި ހަރު ބަހެއްގައި އޮވެއެވެ. "ހަލާ ދަނޑީގެ ދެކޮޅު ބަލާށެވެ." މި ބިލްގެ ސަބަބުން ދީނަށް ފުރައްސާރަކޮށް އުޅޭ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ހިނގައިދާނެއެވެ. އަދި ދީން އޮޅުންނުފިލާ ތިބި ބަޔަކު އެ މަގުގައި އިތުރަށް ބާރުވެރިވެސް ވެދާނެއެވެ.

މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން، އެކިއެކި ވަނަން ހަދައިގެން ގޮވާ، ދިމާކޮށް ހެދުމަކީ އެއްވެސް މުޖްތަމައެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާ ކުރައްވާފައިވާ ކަންކަމެވެ. ރާއްޖޭގައިވެސް 2005 ވަނަ އަހަރުން ފެށިގެން މީހުންނަށް ވަނަން ހަދައި، ނޫސްތަކުގައި އެނަންތައް ލިޔެ، ގޭގޭދޮށަށް އެއްވެ، އަޑުގަދަކުރާއިން މި ފަދަ ނަންތައް ގޮވައި ހަދައިފައި އެވަނީ "ހަލާ ދަނޑީގެ ދެކޮޅު" އޮންނަކަން ނޭނގޭ މީހެކެވެ. މިއަދު ހަލާ ދަނޑީގެ ފޫކޮޅުން ގައިގައި ޖެހުނީއެވެ.

ހަރުބަސް: ހަލާ ދަނޑީގެ ދެކޮޅު ބަލާށެވެ.

ހަލާ ދަނޑިޔަކީ ކުޅި ޖެހުމުގައި ބޭނުންކުރާ ބާވަތެއްގެ އެއްޗެކެވެ. އެއީ އެއްކޮޅުގައި ގިގުނިލާފައި އަނެއްކޮޅުގައި ތިލައެއް ހަރުކޮށްފައި އޮންނަ ދިގު ދަނޑިއެކެވެ. މި ބަހަށް ބަލާލާއިރު އެ ބުނަނީ ކުޅިޖެހުމުގައި އެ ދަނޑި ބޭނުން ކުރާއިރު އެދަނޑީގެވެސް ދެކޮޅު ބެލުމަށެވެ. މާނައަކީ ތިމާ ކަމެއް ކުރާނަމަ އެކަމުގެ ދެކޮޅުބަލާންވާނެއެވެ. އޭގެ ހެވާއި ނުބަޔަށް ވިސްނާންވާނެއެވެ. –އަބްދުﷲ ޞާދިޤް –

- ޢުމަރު ނަސީރުގެ ލިޔުމެއް