ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށް ޕޮލިސް މީޑިއާއިން ބުނެފިިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ އެޗުޕީއޭގެ ގައިޑްލައިން ތަންފީޒު ކުރަން މަސައްކަތް ކުރައްވާ ބައެއް ފުލުހުން އަންހެން ކުދިން ހުއްޓުވައި ކަމާ ނުގުޅޭ ސުވާލު ކުރަމުންދާ ކަމަށް މީހަކު ކުރި ޓުވީޓަކާބެހޭ ގޮތުންނެވެ. އެ ޓުވީޓުގައި ބުނެފައިވަނީ އަންހެން ކުދިން ހުއްޓުވައި ހުސްހަށިބައިތޯއާއި ދަނީ ކޮންތާކަށްތޯއާއި އަދި ދާތަނަކަށް އެކަނި ދަނީ ކީއްވެތޯ ފަދަ ސުވާލު ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ފެނިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަދި ދަންނަވަމެވެ. އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.