ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ޖަލަށްލާން ޖެހިދާނޭކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާރޓޭ ދެއްވައިފިއެވެ.
ފިލިޕީންސްގެ ރައީސް މިކަމަށް އިންޒާރު މިކުރެއްވީ، އެގައުމުގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ވަގުތެއްގައެވެ.
ފިލިޕީންސް މިހާރުވެސް ވެފައިވަނީ، އޭޝިޔާއިން ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އެއް ގައުމަށެވެ.
އެގައުމުން މިހާތަނަށް 1.3 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި 23،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.
ވެރިރަށް މެނީލާގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ވެކްސިންޖަހާ ސެންޓަރުތަކަށް ވެކްސިން ޖަހަންދަނީ ވަރަށް މަދު ބައެއް ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ފިލިޕީންސްގެ ރައީސް ޑުޓާރޓޭ ވިދާޅުވީ، ރައްޔިތުންނަށް އޮތް އިޚްތިޔާރަކީ ވެކްސިން ޖެހުން ކަމަށެވެ. އެކަމާ އިންކާރުކުރާ މީހުން ދާންޖެހޭނީ ޖަލަށް ކަމަށްވެސް ވިދާޅުވިއެވެ.
ފިލިޕީންސް މިހާރުއޮތީ ކާރިޘާއެއްގެ ތެރޭގައި ކަމަށާއި، ވެކްސިން ޖެހުމަށް ސަރުކާރުން އަންގާ އެންގުންތަކަށް އާންމުން ކިޔަމަންނުވާތީ ހިތްހަމަނުޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑުޓާރޓޭ މިގޮތަށް އިންޒާރު ދެއްވި ނަމަވެސް، ސަރުކާރުގެ ހެލްތު އޮފިޝަލުން ގެންދަވަނީ ވެކްސިން ޖެހުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ، ވެކްސިން ޖެހުމަކީ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ.
މި ޖޫންމަހުގެ 20 އާއި ހަމައަށް ފިލިޕީންސްގައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ 2.1 މިލިއަން މީހުންނެވެ. އެކަމަކު، މިއީ ފިލިޕީންސް ސަރުކާރުން ކަނޑައެޅި ޓާގެޓާ ބަލާއިރު ވަރަށް މަދު މިންވަރެކެވެ.
ފިލިޕީންސް ސަރުކާރުން ކަނޑައަޅާފައިވަނީ މިއަހަރު ނިމެންވާއިރަށް އެ ގައުމުގެ އާބާދީގެ 70 މިލިއަން މީހުންނަށް ވެކްސިން ޖަހައި ނިންމުމަށެވެ.
ފިލިޕީންސްގެ މުޅި އާބާދީގައި ހިމެނެނީ 110 މިލިއަން މީހުންނެވެ.
ފިލިޕީންސް ހިމެނެނީ ކޮވިޑްބަލި ފެތުރުން ހުއްޓުވަން ދުނިޔޭގައި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައެވެ. މިކަމާހެދި ރައީސް ޑުޓާރޓޭއަށް ބޮޑެތި ފާޑުކިއުންތައްވެސް އަމާޒުވެގެން ދިޔައެވެ.
މިހާރުވެސް ފިލިޕީންސް އޮތީ ހަރުކަށި ލޮކްޑައުންއެއްގައެވެ.
ކޮވިޑާ ދެކޮޅަށް ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ދަށުން، ފިލިޕީންސްގެ ސްކޫލްތައް އަދިވެސް ބަންދުކޮށްފައިވާއިރު، އެ ނިންމުން ބަދަލުކުރައްވާކަށް ރައީސް ޑުޓާރޓޭ އަދިވެސް ބޭނުންފުޅެއް ނުވެއެވެ.