އެޗްއާރްސީއެމް ގެ ޓީމެއް މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކޮށްފި އެވެ.
އެޗްއާރްސީއެމް އިން ބުނީ މިއީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންގެ ހާލު ބެލުމަށް ކުރި ދަތުރެއް ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ޓީމުން ކުރާ މި ދަތުރުގެ އިންސްޕެކްޝަންގައި އެ ކޮމިޝަން ދެ މެންބަރުންނާއެކު ތިން ދުވަހުގެ މުއްދަތަށް އެންޕީއެމްގެ ޓީމަކުން ބައިވެރިވާނެ ކަމަށެވެ. އަދި މި އިންސްޕެކްޝަނުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންސްޕެކްޝަންގެ ރިޕޯޓު ފުލުހުންނަށާއި އެހެނިހެން އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްއާރްސީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ދަތުރުގައި އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި މީހުންނާ މެދު އަމަލު ކުރެވޭގޮތާއި ޕޮލިސް ސްޓޭޝަނުގެ އާއްމު ހާލަތު ބަލާނެ ކަމަށެވެ. އަދި އެ ސްޓޭޝަނުގައި ބަންދުގައި ތިބި މީހުންނާމެދު އަނިޔާވެރި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިންގާތޯ ބެލުމާއި އެފަދަ އަމަލަކަށް މަގުފަހިވެދާފަދަ ކަމެއް ހުރިތޯ ބެލުމަކީ ވެސް މި ދަތުރުގެ ބޭނުމެއް ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ގާނޫނުއަސާސީ އާއި އެންޓި ޓޯޗަރ ގާނޫނާއި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ސްޓޭޝަނުގައި ޚިދުމަތްފޯރުކޮށްދޭތޯ ވެސް ބަލާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.
އެޗްއާރްސީއެމް އިން ބުނީ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި މިފަދަ މާހައުލެއްގައި މަސައްކަތްކުރާ އިރު ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭތޯ އާއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެއާއްމު ހާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަކީ ވެސް މި ޒިޔާރަތުގެ ބޭނުމެއް ކަމަށެވެ.
މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން 2015 ވަނަ އަހަރު ވެސް ވަނީ ޒިޔާރަތްކޮށް އިންސްޕެކްޓްކޮށްފަ އެވެ.
އެގޮތުން އެފަހަރު އިސްލާހު ކުރަންޖެހޭ 17 ހުށަހެޅުމެއް ކަމާގުޅޭ އިދާރާއަށް ވަނީ ހުށަހަޅައިފަ އެވެ.