މާލެ ސަރަހައްދުގެ ޖިމްތައް ސަރވިސް ޕްލޭން ހުށަހެޅުމުން ހުޅުވަން ހުއްދަ ދޭން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ޖިމްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ހަވީރު 6 އަށް ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުވަން ހުއްދަ ދޭނީ، ޖިމްގެ ސަރވިސް ޕްލޭނެއް ތައްޔާރުކޮށް ހުށަހެޅުމުން، އެޗްޕީއޭއިން މޮނިޓަރ ކުރުމަށްފަހު ކަމަށެވެ.

ޖިމްތައް ހުޅުވަން ހުއްދަ ދީފައިވީނަމަވެސް ގުރޫޕް ކަސްރަތު ކްލާސްތަކަށް އަދި ހުއްދައެއް ނުދެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އަންނަ އިރު، އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް މީގެކުރިންވަނީ ހުއްދަ ދީފަ އެވެ.

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއި ސެލޫންތައް ބަންދުކުރަން އަންގާފައިވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.