މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 30 މީހެއްގެ މައްސަލަ، ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހާމަކޮށްފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ބޮޑު ހިޔާނާތުގެ މައްސަލަގެ ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އޭސީސީގެ ބުނީ މައްސަލަ ނިމޭނެ ތާރީހެއް ބުނަން ދަތިކަމަށާއި މި މައްސަލައިގައި ހިމެނޭ 30 މީހެއްގެ މައްސަލަ، ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޭސީސީގެ މެމްބަރު އަލީ އަޝްރަފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާ އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލުމުން އޭސީސީގައި މި މައްސަލައާއި ގުޅިގެން ހުރި ހުރިހާ ލިޔެކިއުމެއް އެ ކޮމިޝަނަށް ފޯރުކޮށްދިން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މި މައްސަލަ އަކީ ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރެވޭ 'ޖޮއިންޓް އިންވެސްޓިގޭޝަން' އަކަށް ވާތީ މި މައްސަލަ ނިންމޭނެ ތާރީހެއް ހަމައެކަނި އޭސީސީއަކަށް ނުބުނެވޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ވެސް އެތައް އަހަރެއް ވެފައިވާއިރު، ތަހުގީގު ކޮޅެއްގައި ނުޖެހި ގިނަ ދުވަސް ވަމުންދާތީ މަޖިލީހުން ވެސް އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.