ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއި ކުރުމުން ފިހާރަ އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ފަދަ ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން 8:00 ން ހަވީރު 18:00 އާއި ހަމަޔަށް ޓޭކްއަވޭ އާއި ޑެލިވަރީ ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި 6:00 ން 00:00 އަށް ޑެލިވަރީގެ ޚިދުމަތް ވެސް ދެވޭނެ ކަމަށެވެ.

އެކަމަކު ޑެލިވަރީގެ ޚިދުމަތް ދެވޭނީ ފުލުހުންގެ ހުއްދަ އާއިއެކު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފިހާރަ ފަދަ މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވައިގެން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހެނދުނު 8:00 ން 18:00 އާއި ހަމަޔަށް ޚިދުމަތް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން ކެފޭތަކާއި ރެސްޓޯރެންޓްފަދަ ތަންތަން އަދި ފިހާރަ ފަދަ ވިޔަފާރިތަކުންވެސް އެތަންތަނުގެ މުވައްޒަފުންނަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާފައި އޮންނަ އަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާ ވިޔަފާރިތަކުން [email protected] އަށް މެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެކަމަށް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވަނީ އަންގާފަ އެވެ.

ކެެފޭ ރެސްޓޯރެންޓްތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނައިނަމަވެސް އެތަންތަނުގެ ތެރޭގައި ޑައިން-އިން ޚިދުމަތް ދިނުމަށް އަދިހުއްދަ ދީފައެއް ނުވެ އެވެ.