ފެނަކަ ކޯޕަރޭޝަނުން ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގޭގެ މަސައްކަތް ފެށުމަށް ބިންގާ އަޅައިފިއެވެ.

އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޖަމްޝީދު މުހައްމަދާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ، މި އިންޖީނުގެއަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ގާއިމުކުރެވިގެންދާނެ އިންޖީނުގެ އެއް ކަމަށާ އިންޖީނުގެ ހުޅުވިގެންދާއިރުވެސް ހަތަރު މެގަވޯޓްގެ ފަސް ބެޑް ބެހެއްޓިގެންދާނެކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް 35 ވަރަކަށް އަހަރު އިންޖީނުގެއަށް އެއްވެސް ބަދަލެއްގެންނަން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު އިތުރަށް ވިދާޅުވީ، އިންޖީނުގެއަކީ އަޑު މަޑުކޮށް ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ އިންޖީނުގެއެއް ކަމަށެވެ.

ފެނަކައިން ބުނީ ކުޅުދުއްފުށީގައި އިމާޜާތް ކުރާ އިންޖީނުގެއަކީ އެ ކުންފުނިން މިހާ ތަނަށް އަޅާ އެންމެ ބޮޑު އިންޖީނުގެ ކަަމަށެވެ. ޖުމްލަ 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަޅައި މި އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށް ފެނަަކއިން މައުލޫމާތު ދެއެވެ. އެއްބަސްވުމުގައި ވާގޮތުން މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 330 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ އަތޮޅުތެރޭގައި ފެނަކައިން ޤާއިމްކުރާ އެންމެ ބޮޑު އިންޖީނުގެއެވެ. ފެނަކައިން ވަނީ މިއަހަރުގެ ތެރޭގައި 800 ކިލޯވޯޓްގެ ދެ ޖަނަރޭޓަރު ސެޓް ކުޅުދުއްފުއްޓަށް ގެންގޮސް އިންސްޓޯލް ކޮށްފައެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު 13 ރަށެއްގައި އިންޖީނުގެ އެޅުމަށް އިޢުލާންކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންގެންދާކަމަށް ފެނަކައިން ބުނެއެވެ. މިމަސައްކަތް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނައިރު މި 3 އަހަތު ތެރޭގައި 56 ރަށުގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 56 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްދެމުންނެވެ. އޭގެ ތެރެއިން 42 ރަށެއްގައި ފެނަކައިން އަންނަނީ ފެނުގެ ޚިދުމަތް ދެމުންނެވެ.