ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ތަން ބަލާލުމުގެ ފުރުސަތު ހަމަޖެއްސުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް 26 ޖޫން ވާ ހޮނިހިރު ދުވަހުން ފެށިގެން 4 ޖުލައި ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ފުލެޓުތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ފުލެޓުތައް ދެއްކުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ފުލެޓަކުންވެސް، ފުލެޓު ބެލުމުގެ ފުރުޞަތު ދެވޭނީ ގިނަވެގެން ދެފަރާތަކަށެވެ. ފުލެޓު ބަލަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ. ފުލެޓު ބަލަން ވެރިފަރާތައް ހާޒިރު ނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން، ވެރިފަރާތުގެ އައިޑީ ކާޑުގެ ސާފު ފޮޓޯއެއް ގެންދަން ޖެހޭނެއެވެ.

ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ފުލެޓު ބަލަން އަންނަ ފަރާތްތަކުގެ ހާޒިރީ ގައި ނަން ނޯޓުކޮށް ސޮއިކުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ކޮންމެ ފަރާތަކުންވެސް އަމިއްލަ ގަލަންފަދަ ތަކެތި ގެންދަން އެޗްޑީސީ އިން އެދިފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ މި ފުރުސަތުގައ ފްލެޓް ބަލަން ހާޒިރުނުވެވޭ ފަރާތްތަކަށް ފްލެޓް ދެއްކުން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރާ ދުވަހުކަމަށެވެ. އެޗްޑީސީ އިން ބުނީ މި ފްލެޓުތައް ދެއްކުމަށް ހުޅުވާލުމުގެ މަޤުޞަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެފަރާތަކަށް ލިބިފައިވާ ފުލެޓު ބަލައި، ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށާއި، ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުސަތު ދިނުން ކަމަށެވެ.