ވޯލްޑް ކަޕް ކޮލިފައިން ސައުތު އެމެރިކާ ޒޯނުގައި މަޝްހޫރު ބްރެޒިލާއި އާޖެންޓީނާ އަދި ވަރުގަދަ އުރުގުއޭ ސިއްސުވާލުމަށްފަހު އިކްއެޑޯ ރޭ މޮޅުވެއްޖެއެވެ.
އާޖެންޓީނާ މޮޅުވީ ބޮލީވިއާގެ ދަނޑުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު 2-1 އިންނެވެ. ބޮލީވިއާއަކީ ކަނޑުގެ ލޮނުގަނޑަށްވުރެ ފަސްހާސް މީޓަރު އުސް ގައުމެއް ކަމަށްވުމުން ބޮލީވިއާގެ ދަނޑުގައި އެޓީމު ބަލިކުރުމަކީ އެއްވެސް ގައުމަކަށް ވަރަށް އުނދަގަލުން ނޫނީ ނުކުރޭ ކަމެކެވެ. މެޗުގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށް ކުރި ހޯދީވެސް ބޮލީވިއާއިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މާސެލޯ މާޓިންސްއެވެ. އާޖެންޓީނާއިން އެއްވަރު ކުރީ 45 ވަނަ މިނެޓުގައި ފޯވާޑް ލައުރާޓޯ މާޓިނޭޒްއެވެ. މިއީ 2016 ގެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ކެޕްޓަން ލިއޮނަލް މެސީ ނޫން އެހެން ކުޅުންތެރިޔަކު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އާޖެންޓީނާއިން ލީޑް ނެގީ މެޗުގެ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އިޓަލީގެ ލާޒިއޯގައި މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވިންގަރ ޖޯކުއިން ކޮއްރިއާއެވެ.
ވޯލްޑް ކަޕުގެ ތާރިހުގައި އެންމެ ކާމިޔާބު ގައުމު ކަމުގައިވާ ބްރެޒިލުން ޕެރޫގެ މައްޗަށް ކުރި ހޯދީ ފޯރިގަދަ ކުޅުމަކަށްފަހު ނޭމާގެ ހެޓްރިކާއެކު 4-2 އިންނެވެ. ނޭމާ ކާމިޔާބު ކުރި ތިންލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބު ކުރި ދެލަނޑެވެ. އަނެއްލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. ބްރެޒިލަށް ދެންލަނޑު ޖަހައިދިނީ ރިޗަލްސަންއެވެ. މިމެޗުގެ ހަވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑް ނެގީ ޕެރޫއިންނެވެ. ބްރެޒިލުން އެއްވަރު ކުރުމުން ދެވަނަ ފަހަރަށްވެސް ޕެރޫއިން ލީޑް ނެގިއެވެ. މެޗު ހޫނު ވެގެންދިޔައީ 83 ވަނަ މިނެޓުގައި ބްރެޒިލަށް ޕެނަލްޓީއެއް ދިނުމުންނެވެ. މިހަމަނުޖެހުން ތަކުގެ ތެރޭގައި ރެފްރީ ވަނީ ޕެރޫގެ ދެކުޅުންތެރިންނަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އިކްއެޑޯއިން ވަރުގަދަ އުރުގުއޭގެ މައްޗަށް ކުރި ހޯދީ އަމިއްލަ ދަނޑުގައި 4-2 އިންނެވެ. މީގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މައިކަލް އެސްޓްރާޑާއެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ މޮއިސެސް ކައިސެޑޯ އާއި ގޮންޒާލޯ ޕްލާޓާއެވެ. އުރުގުއޭގެ ދެލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށް ލިބުނު ދެޕެނަލްޓީން ތަޖުރިބާކާރު ފޯވާޑް ލުއިސް ސްއަރޭޒްއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ސައުތު އެމެރިކާ ޒޯނުގައި މިހާތަނަށް ކޮންމެ ގައުމަކުން ދެމެޗް ކުޅެފައިވާއިރު 6 ޕޮއިންޓާއި ފައިދާ 7 ލަނޑާއެކި އޮތީ ބްރެޒިލްއެވެ. ދެވަނައިގައި 6 ޕޮއިންޓާއި ފައިދާ ދެލަނޑާއެކު އޮތީ އާޖެންޓީނާއެވެ. ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ކޮލަމްބިއާއެވެ. ހަމަމިއަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ޕެރަގުއޭވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ސައުތު އެމެރިކާ ބައްރުގައި ދެން މެޗުތަކަށް ކުޅޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.