ދުނިޔޭގެ އެންމެ އުސް ލަގްޒާރީ ހޮޓާ ޗައިނާގެ ޝަންހާއީގައި ހުޅުވައިފިއެވެ.

"ޖޭ ހޮޓެލް" ޝަންހާއީގައި ހުންނަ ޝަންހާއީ ޓަވަރަށް ވުރެންވެސް އުހެވެ. ޝަންހާއީ ޓަވަރަކީ ޑުބާއީގައި ހުންނަ ބުރްޖް ޚަލީފާއަށްފަހު ދުނިޔޭގައި ހަދާފައިވާ ދެވަނައަށް އެންމެ އުސް އިމާރާތެވެ.

ނަމަވެސް، ލަގްޒަރީ ހޮޓަލެއްގެ ގޮތުގައި ހުޅުވުނު ޖޭ ހޮޓެލްއަކީ ދުނިޔޭގެ އެންމެ އުސް ލަގްޒަރީ ހޮޓަލަށް ވަނީ ވެގެންގޮސްފައެވެ.

އެ ހޮޓަލުގެ 120 ވަނަ ބުރީގައި ވަނީ 24 ގަޑިއިރު، ބޭނުން ޚިދުމަތެއް ލިބޭގޮތަށް ރެސްޓޯރަންޓެއްވެސް ގާއިމްކޮށްފައެވެ. މުޅި ހޮޓަލުގައި ޖުމްލަ 7 ރެސްޓޯރަންޓް ހިމެނެއެވެ.

ޖޭ ހޮޓެލްގެ މަތީ ފްލޯތަކަށް އެރުމަށް ބަހައްޓާފައިވާ ލިފްޓްތައް ސިކުންތަކު 18 މީޓަރަށް ދަތުރުކުރެއެވެ. މިއީ، ވަރަށްވެސް ބާރު ސްޕީޑެކެވެ.

ޖޭ ހޮޓެލް މިހާރުވަނީ މެހްމާނުންނަށް ހުޅުވާލާފައެވެ. މި ހޮޓާ މި ހުޅުވީ، ކޮވިޑާހެދި ހުޅުން ފަސްކުރުމަށް ފަހުގައެވެ.

މެހްމާނުންނަށް ހުޅުވާލި ނަމަވެސް، އެތަނުގެ އަގުތައް ހުރިގޮތުން އެތަނާ ގާތްވެވެނީ ވަރަށް މުއްސަނދީންނަށެވެ. ފައިސާގެގޮތުން ފުންނާބުއުސް މީހުންނަށެވެ.

ޖެ ހޮޓެލްގައި 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފާރސަނަލް ބަޓްލަރުން ތިބޭގޮތަށް 7 ރެސްޓޯރަންޓް ގާއިމްކޮށްފައި ވާއިރު، އެތަނުގައި ބާރތަކާއި، ސްޕާތައްވެސް ހިމެނެއެވެ.

އަދި 84 ވަނަ ބުރީގައި ސްވިމިންޕޫލްއެއްވެސް ހުރެއެވެ. އަދި އެފަދަ މަތީ ފެންވަރުގެ ހޮޓަލަކުން ލިބޭނެ ހުރިހާ ޚިދުމަތެއް ލިބޭން ހުރެއެވެ.

ޖޭ ހޮޓެލް ހުޅުވުމާ ގުޅުވައި ސްޕެޝަލް އެކްސްޕީރިއަންސް ރޭޓުތަކެއް ތައާރަފް ކޮށްފައި ވެއެވެ. އެގޮތުން، ކޮޓަރިއަކަށް ރެއަކަށް ދައްކަންޖެހެނީ 3،088 ޔުއާން ނުވަތަ 477 އެމެރިކާ ޑޮލަރެވެ.

އެކަމަކު، ސްޕެޝަލް އެކްސްޕީރިއަންސް ރޭޓުތަކުގެ ދަށުންވެސް އެ ހޮޓެލްގައި ހިމެނޭ 34 ސުއިޓްސްގެ އަގު ހުރީ އާދައިގެ މީހަކު އަތްފޯރާ ފަށަށްވުރެ މަތީގައެވެ. އިމާރާތުގެ އުސްމިނާ އެއްވަރުގެ އަގުތަކެއްގައެވެ.

އެގޮތުން "ޖޭ ސުއިޓް" އެއް އެންމެ ރެއަކަށް ލިބެނީ 67،000 ޔުއާން ނުވަތަ 10،360 އެމެރިކާ ޑޮލަރެވެ.

ޝަންހާއީގައި މި ހުޅުވުނު ޖޭ ހޮޓެލްއަކީ ޖިން ޖިއާންގް އިންޓަރނޭޝަނަލް ހޮޓެލްސް ޗޭނުގައި ހިމެނޭ ހޮޓަލެކެވެ. ޖިން ޖިއާންގް އިންޓަރނޭޝަނަލް ހޮޓެލްސްއަކީ ޗައިނާ ސަރުކާރަށް ނިސްބަތްވާ ގްރޫޕެކެވެ.

ޖޭ ހޮޓެލް ހުޅުވުމާއެކު، އެތަން ބަލާލަން އެތައްބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެ ހޮޓަލުގެ ވެބް ޕޭޖްވެސް މީހުންނާއިގެން ފްލަޑްވެގެން ދިޔަ ކަމަށް ވެއެވެ. ޒިޔާރަތްކުރި އެތައްބަޔަކު އެ ހޮޓަލުގެ ޚިދުމަތްތައް ތަޖުރިބާކޮށްލަން ޝައުގުވެރިކަން ފާޅުކުރުރި ކަމަށް، ޖޭ ހޮޓެލްގެ މާކެޓިންގ ޑިރެކްޓަރ ރީނީ ވޫ ބުނެފައި ވެއެވެ.