އިސްލާމިކް ރިޕަބްލިކް އޮފް މޮރިޓޭނިއާއަކީ، ދުނިޔޭގެ 28 ވަނައަށް އެންމެ ބިން ބޮޑު އެއް ގައުމެވެ. ފަސް މިލިއަނެއްހައި މީހުން ދިރިއުޅޭ މި ގައުމަކީ، އެޓްލާންޓިކް ކަނޑާއި ހުޅަނގު ސަހަރާއާ އިންވެގެން އޮންނަ ގައުމެވެ.
މޮރިޓޭނިއާއަކީ، އެގައުމުގެ ވެރިކަން ކުރާ ކޮންމެ ރައީސަކުވެސް ރިއާސީ ގަނޑުވަރުން ސީދާ ޖަލަށް ވަޑައިގަންނަވާ ސަގާފަތެއް އޮންނަ ގައުމެކެވެ. އެކަމަކު "ފަގީރުންގެ ރައީސް"، ކުރީގެ ރައީސް މުޙައްމަދު ވަލަދު އަބްދުލް އަޒީޒުގެ ޙާލަތު ތަންކޮޅެއް ތަފާތެވެ. އޭނާ ޖަލަށް ވަޑައިގަތީ ވެރިކަމުން ފައިބައި ވަޑައިގެން ޔޫރަޕްގައި ޗުއްޓީއެއް ހޭދަކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވެ.
މިމަހުގެ 22 ވަނަ ދުވަހު އޭނާ ޖަލަށް ވަޑައިގަތީ، ކޮރަޕްޝަންއާއި މަނީ ލޯންޑެރިންގއާއި ހައްގު ނޫން ގޮތުގައި ފައިސާ ހޯއްދެވުމުގެ ތުހުމަތުގައި ޝަރީއަތަށް ހުށަހެޅިފައި ވުމާ ގުޅިގެންނެވެ. އޭނާގެ ވެރިކަން ވެއްޓުނީ 2019ގައި ބޭއްވި އިންތިޚާބްގައި ނާކާމިޔާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ.
މޮރިޓޭނިއާއަކީ، އެތައް ގަރުނެއްވަންދެން، އަޅުންގެ ވިޔަފާރީގެ މައްޗަށް އެގައުމުގެ އިގްތިސާދު ބިނާވެފައި އޮތް ގައުމެކެވެ.
ވަލަދު އަބްދުލް އަޒީރު ބަންދު ކުރެވޭނެ ޖަލަކީ، އޭނާގެ ވެރިކަމުގައި ދެކޮޅުވެރިން ބަންދު ކުރެއްވުމަށް އޭނާ ބިނާ ކުރެއްވި ތިން ޖަލުގެ ތެރޭން އެއް ޖަލެވެ. ވެރިރަށުން ބޭރުގައި އޭނާ އިމާރާތް ކުރެއްވި މިޖަލުތަކަކީ، ޓެރަރިޒަމްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންނާއި އެ ކުށުގައި ޖަލަށްލާ މީހުން ބަންދުކުރުމަށް އިމާރާތް ކުރެއްވި ތަންތަނެވެ.
ވަލަދު ޢަބްދުލް ޢަޒީޒު އަކީ، ވެރިކަން ކުރެއްވި އިރު ފުލުހުންނާއި ޝަރުއީ ދާއިރާ ބިނާ ކުރެއްވުމަށް މަސައްކަތް ކުރެއްވި ރައީސެއް ނޫނެވެ. މި ދެ ދާއިރާއިންވެސް އޭނާގެ ވެރިކަމުގައި އަޅައި ނުލި ކަމަށް ބުނެ ޝަކުވާ ކުރެއެވެ.
އޭނާ މިވަގުތު ހުންނެވީ ކޯޓުގެ އަމުރަކަށް ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ. އޭނާގެ ފުށުން ކޮރޯނާގެ ބަލި ނުފެންނަކަން ޔަގީން ވުމުން އޭނާ ރަސްމީ ޖަލަކަށް ބަދަލު ކުރާނެއެވެ.
ވަލަދު ޢަބްދުލް އަޒީޒުގެ ވެރިކަމުގައި ފުލުހުންގެ ވަޒީފާއަށް މީހުން ވެއްދުމަށް އޭނާ ހުރަސް އެޅުއްވިއެވެ. އޭނާ އުފައްދަވައި ތަރައްގީ ކުރެއްވި ފުލުހުންގެ ޑިޕާޓްމަންޓަކީ، ޓްރެފިކް ޕޮލިސް އެވެ. ޖެނެރަލް މިސްޣާރޫ ވަލަދު ސީދީގެ ބެއްލެވުމުގެ ދަށުން އުފައްދާފައިވާ ޓްރެފިކް ޕޮލިހަކީ ފުލުހުންގެ އެންމެ އިސް އިދާރާއެވެ. ވަލަދު އަބްދުލް އަޒީޒު މި ދުވަސްކޮޅު ހުންނެވީ ޓްރެފިކް ޕޮލިސްގެ މެހްމާނެއްގެ ހައިސިއްޔަތުންނެވެ.
ވަލަދު އަބްދުލް ޢަޒީޒުއާ ޝަރުއީ ދާއިރާއާ ދެމެދު ވެސް މައްސަލަ ހޫނުވެގެން ދިޔައެވެ. އޭނާގެ މަނީލޯންޑްރިންއާއި ކޮރަޕްޝަންގެ މައްސަލަ ބަލަމުންދާތީ، ކޯޓުން އޭނާ ބަހައްޓާފައި ވަނީ، ގޭގެ ބަންދުގައެވެ. އޭނާއަށް ގެއިން ބޭރަށް ނިކުންނެވެނީ، ދީނީ ކަމަކަށްޓަކައި ނުވަތަ ސިއްޙީ ބޭނުމަކަށް ޓަކައެވެ. އަދި ހަފްތާއަކު ތިން ދުވަހު ފުލުހުންގެ އިދާރާއަށް ވަޑައިގެން އޭނާ ހާޒިރީގައި ސޮއިކުރައްވަން ޖެހިވަޑައިގަންނަވައެވެ.
ވަލަދު އަބްދުލް އަޒީޒު ކޮންމެ ހަފްތާއަކު ފުލުހުންގެ އިދާރާއަށް ހާޒިރީގައި ސޮއިކުރައްވަން ވަޑައިގަންނަވަނީ ހިންގަވާފައެވެ. އޭނާއާއެކު ސަޕޯޓަރުންގެ ފައުޖެއް ގޮވެލި ގޮވަމުން އޭނާގެ ފަހަތުން އާދެއެވެ. އަދި ދޭތެރެއަކުން އޭނާ ވަނީ ސޮއިކުރެއްވުމާ ދެކޮޅު ހައްދަވައި މިއީ އޭނާއަށް ބިރު ދެއްކުމަށް ކުރެވޭ ކަމެއްކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ވެރިރަށް ނަވާކްޝޫތުގައި ހަމަނުޖެހުން ބޮޑުވެގެން ކޯޓުން ނިންމީ އޭނާގެ ހާލަތުގައި އެންމެ ރަނގަޅު ވާނީ ޖަލުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ވަލަދު އަބްދުލް އަޒީޒު ޖަލަށް ލުމުން އޭނާވެ ވަޑައިގަންނަވަނީ، 1970ގެ ފަހުން އެގައުމުގެ ވެރިކަން ކުރާން ފެއްޓެވި ރައިސުންގެ ތެރޭން މޮރިޓޭނިއާގައި ޖަލަށް ލެވޭ ފަސް ވަނަ ރައީސަށެވެ.
ވަލަދު އަބްދުލް އަޒީޒަކީ، މޮރިޓާނިއާގެ ބާރުގަދަ މީހާއެވެ. އޭނާ ވަނީ އޭނާގެ ކުރީގެ ދެ ރައީސުންގެ ވެރިކަން ވައްޓަވާލައްވާފައެވެ. އެއީ، މުޢާވިއާ ވަލަދު ޠާއިޢުއާއި މަރުޙޫމް ސީދީ މުޙައްމަދު ވަލަދުއްޝެއިޚް އަބްދުﷲ އެވެ.
މިހާރު މޮރިޓޭނިއާ މީހުން އޭނާއަށް މުޚާތަބު ކުރަނީ "ގައިދީ ރައީސް ފަސްވަނަ"އިގެ ގޮތުގައެވެ. އޭނާއަކީ ވެރިކަމުގައި ހުންނެވިއިރު ޕާޓީ މީހުންނާއި ސަރުކާރު ބޮޑުން އޭނާއަށް ގިނަ ލަގަބުތަކެއް އެރުވި ރައިސެކެވެ.
އޭނާއަށް ޒަމާނީ މޮރިޓޭނިއާ ބިނާ ކުރެއްވި ރައީސްގެ ލަގަބު ދެވިފައި ވެއެވެ. ފަގީރުންގެ ރައީސްގެ ލަގަބާއި އިސްލާމީ ކަންކަން އާލާ ކުރެއްވި ރައީސްގެ ލަގަބާއި ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރމަ ކުރެއްވި ރައީސްގެ ލަގަބުވެސް އޭނާއަށް އެރުވިފައި ވެއެވެ.
ވަލަދު އަބްދުލް އަޒީޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާގެ ކުރިން ހުންނެވި ރައީސް މުޚުތާރު ވަލަދު ދާދާ، ބަންދުކުރައްވައިފައި އޭނާ ބެހެއްޓެވީ ގައުމުގެ ދުރުހިސާބެއްގައި ހުރި ޖަލެއްގައެވެ. ވަލަދު ދާދާ ބެއްޓެވީ ލާއިންސާނީ ހާލަތެއްގައި ކަމަށް ފަރަންސޭސިވިލާތުން ޝަކުވާ ކުރުމުން ބުރަކަށީގެ ފަރުވާއަކަށް އޭނާ ބޭރަށް ވަޑައިގަތުމަށް މިނިވަން ކުރެއްވިއެވެ.
އަސްކަރީ ކޯޓަކުން ރައީސް މުޚުތާރު ވަލަދު ދާދާ ޖަލަށްލީ ގައުމަށް ޚިޔާނާތްތެރިވުމުގެ ކުށުގައި 50 އަހަރަށެވެ. އޭނާއަށް ކޮރަޕްޝަންގެ ތުހުމަތެއް ނުކުރެވެއެވެ. އެހެންވެ، މިއަދާ ހަމައަށްވެސް ވަލަދު ދާދާއަކީ މޮރިޓޭނިއާ މީހުންގެ ގާތު "އެންމެ އަމާނާތްތެރި ފަގީރު ރައީސް" އެވެ. ވަލަދު ދާދާއަކީ މޮރިޓޭނިއާގެ ވެރިންގެ ތެރެއިން އަސްކަރީ ކޯޓެއްކަމުގައި ވިއަސް ކޯޓު ޙުކުމަކުން ޖަލަށް ލެވުނު ހަމައެކަނި ރައީސެވެ. އެ ނޫން އަނެއް ތިން ބޭފުޅުން ޖަލަށް ލެވުނީ، އިންގިލާބެއްގައެވެ.
މުޚުތާރު ވަލަދު ދާދާގެ ވެރިކަން ވައްޓާލި މުސްތަފާ ވަލަދު މުހައްމަދުއް ސާލިކް ޖަލުން ސަލާމަތްވީ، އޭނާގެ ވެރިކަން ވައްޓާލި މުޙައްމަދު ޚޫނާ ވަލަދު ހައިދާލާގެ ސަރުކާރު ވައްޓާލުމުންނެވެ. ވަލަދު ހައިދާލާ ޖަލަށްލީ، މުޢާވިޔާ ވަލަދު ޠާއިއުގެ އިންގިލާބަށް ފަހުއެވެ. ވަލަދު އަބްދުލް އަޒީޒުގެ އިންގިލާބުގައި ސީދީ މުހައްމަދު ވަލަދުއް ޝެއިޚް އަބްދުﷲގެ ވެރިކަން ވައްޓާލުމަށްފަހު އޭނާވެސް ޖަލުގައި ހުންނެވިއެވެ. ސިޔާސީ މަސައްކަތާ ދުރުގައި ހުންނަވާނެކަމަށް ވައުދުވެ ވަޑައިގަތުމުން އޭނާ ޖަލުން މިނިވަންވެގެން ދިރިއުޅުއްވީ، މިދިޔަ ފެބްރުއަރީގައި އަވަހާރަވުމާ ހަމައަށް ރަށްފުށުގެ ހިސާބެއްގެ މިސްކިތެއްގައެވެ.
ވަލަދު ޢަބްދުލް އަޒީޒަކީ މޮރިޓޭނިއާގެ ތާރީޚްގައި މަނީ ލޯންޑެރިންއާއި ކޮރަޕްޝަންގެ ތުހުމަތުގައި ޖަލަށް ލެވޭ ފުރަތަމަ ރައީސެވެ. އޭނާ ވަނީ ސިޔާސީ މަސައްކަތުގައި އުޅުއްވުމުގެ ގޮތުން އޭނާގެ ސަޕޯޓްގައި ނިކުންނާނެ އެތައް ސިޔާސީ ޕާޓީއެއް އުފައްދަވައި ފައެވެ. އެހެންވެ، އޭނާގެ ދިފާއުގައި އުޅެނީ އިދިކޮޅު ކޮއެލިޝަނުންނެވެ. އޭނާގެ ކޮރަޕްޝަންގެ މައްސަލައިގެ ބޮޑުކަމުން މިމައްސަލަ އެންމެ ފުރަތަމަ ބަލާފައި ވަނީ ޕާލަމެންޓްގެ ކޮމިޓީއަކުންނެވެ. ފަހުން މައްސަލަ ޕްރޮސެކިއުޓަރއަށް ފޮނުވީއެވެ.
ވަލަދު އަބްދުލް އަޒީޒުގެ ވެރިކަމުގައި މަގުތައް ހެދުމާއި އިމާރާތް ކުރުމަށް ބޮޑެތި އަދަދުން ހޭދަ ކޮށްފައި ބޮޑެތި ލޯންނަތައް ޗައިނާއިން ނަގާފައި ވެއެވެ. މޮރިޓޭނިއާގައި ޗައިނާއިން ބިނާ ކޮށްދޭން ނިންމި ޕްރެންޑްޝިޕް ޕޯޓް ހެދުމަށް 82 ބިލިއަން އެމެރިކާ ޑޮލަރު ނެގި މައްސަލައަކީވެސް އޭނާއާ ދެކޮޅަށް ބެލޭ މައްސަލައެވެ.
ވަލަދު އަބްދުލް އަޒީޒުގެ ކުރިން ވެރިކަން ކުރެއްވީ އާދައިގެ ދިރިއުޅުމެއް އުޅުއްވި ބޭފުޅުންނެވެ. ވަލަދު އަބްދުލް އަޒީޒުގެ އަމިއްލަ ބީ އެމް ޑަބްލިއު ކާރާއި ޚިލާފަށް އެހެން ރައީސުން އަމިއްލަ ކާރުކޮޅެއްވެސް ގެންގުޅުއްވާފައެއް ނުވެއެވެ.
މިހާރު ވަލަދު އަބްދުލް އަޒީޒާއި އޭނާގެ ޕާޓީތަކުގެ ވެރިންނާއި ޕާލަމެންޓް މެމްބަރުންނާއި ގާތް މީހުންނަކީ، މޮރިޓޭނިއާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހުންނެވެ. މިހާތަނަށް ކޯޓުން ވަނީ މިމީހުންގެ އަތުން 113 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރަށް ނަގާފައެވެ. އަދި ވަލަދު އަބްދުލް އަޒީޒާއި އާއިލާގެ ނަމުގައި އޮތް އެތައް ބިމަކާއި އުޅަނދެއްވެސް ސަރުކާރަށް ވަނީ ނަގާފައެވެ.
ވަލަދު އަބްދުލް އަޒީޒުގެ ކޮރަޕްޝަންގެ މައްސަލަތަކުން އޭނާވެ ވަޑައިގަންނަވާނީ، ޖަލުގައި އެންމެ ދިގު މުއްދަތެއް ހޭދަލުރައްވާނެ ކުރީގެ ރައީސަށެވެ.
މި ރާްއްޖޭގަވެސް އޮތީ މިކަހަލަ ގޮތެއް. ޖަލަށް ނުދިޔަކަމުގައި ވިޔަސް އެމީހަކު ދިރިއުޅެންޖެހިފައި އޮތީ ޖަލަށްވުރެ ނިކަމެތި ހާލުގައި.