ކިއުބާއިން ވަނީ ކޮވިޑް19އާ ދެކޮޅަށް ދެ ވެކްސިނެއް އުފައްދާފައެވެ. ކިއުބާގެ ދެ ވެކްސިންއަކީވެސް އޭގެ ތިން ޑޯޒް ދޭން ޖެހޭ ވެކްސިނެކެވެ. ތިން ޑޯޒަށް ފަހު މި ވެކްސިންގެ ބާރު 92 އިންސައްތައަށް އަރާކަމަށް ކިއުބާގެ ވެކްސިން އުފެއްދި އިންސްޓިއުޓްތަކުން ބުނެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ފަގީރުކޮށްފައިވާ ކިއުބާއިން ބުނާ ގޮތުން އޮގަސްޓް މަސް ނިމޭއިރަށް އެގައުމުގެ 75 އިންސައްތަ މީހުންނަށް ވެކްސިން ޖަހައި ނިމޭނެއެވެ. އަދި އަހަރު ނިމޭ އިރަށް މުޅި އާބާދީގެ އެންމެނަށް ވެކްސިން ޖަހައި ނިމޭނެ އެވެ.

ކިއުބާއިން އުފެއްދި އަބްދަލާ ވެކްސިން މަޝްހޫރުވެގެން ގޮސްފައިވަނީ އެވެކްސިންއަށް ދީފައިވާ ނަމުންނެވެ. ނިއުޔޯރކް ޓައިމްސްއިންވެސް ވަނީ މިވެކްސިންއާ ބެހޭ ގޮތުން ރިޕޯޓް ކޮށްފައެވެ.

ވެކްސިން އަބްދަލާއަށް ނަން ދީފައިވަނީ ޢަބްދުﷲ އަށް ނިސްބަތް ކޮށެވެ. ކިއުބާއިން ބުނާ ގޮތުން ބައޯކޫބާފާރްމާ އިން އުފައްދާފައިވާ މިވެކްސިންއަށް ނަން ދީފައިވަނީ އެގައުމުގެ އެންމެ މަޝްހޫރު ލިޔުންތެރިޔާ، ޅެންވެރިޔާ ހޯސޭ މާރޓީގެ ވާހަކައެއްގައި އުޅޭ ބާރުގަދަ ބަޠަލް ޢަބްދުﷲއަށް ނިސްބަތް ކޮށެވެ. 1895ގައި އުމުރުން 42 އަހަރުގައި ނިޔައުވި، ހޯސޭ މަރޓީއަކީ އޭނާގެ ލިޔުންތަކުގައި އަރަބި ސަގާފަތާއި އަރަބި ނަންތައް ބޭނުން ކުރި ލިޔުންތެރިއެކެވެ.

ކިއުބާގައި އަބްދަލާގެ އިތުރުން ސޯބެރާނާ 2ގެ ނަމުން އެހެން ވެކްސިންއެއްވެސް ބޭނުން ކުރެއެވެ.