ދެކުނު އޭޝިޔާގެ ކުޑަ ގައުމެއް ކަމަށްވާ ބޫޓާނުން ކޮވިޑްބަލީގައި މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ.
މިބަލީގައި ބޫޓާނުން އިތުރު މީހެއްގެ ފުރާނަ ގެއްލުނަ ނުދިނުމަށް އެންމެ ބުރަ މަސައްކަތެއް ފެށްޓެވީ ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްއެވެ.
ބުރަކަށީގައި ދަބަސްކޮޅެއް އަޅުއްވައިގެން ބޫޓާންގެ ރަސްގެފާނުވަނީ، ބޫޓާންގެ ރަށްފުށުގެ އެތައް ހިސާބަކަށް ވަޑައިގެންފައެވެ. އެގޮތުން، ބިޔަ ޖަންގަލިތަކާއި، ފަރުބަދަތަކާއި، ވާދީތައް ހުރަސްކުރައްވައި ރަށްފުށުގެ އެތައް ހިސާބަކަށް ވަޑައިގެންފައި ވެއެވެ.
ކާރުކޮޅުގައާއި، އަސްކޮޅުގައާއި، އަދި ދުއްވާ އެއްޗެއްގައި ވަޑައިނުގެންނެވީ ހިސާބުތަކަށް ރަސްގެފާނު ވަޑައިގެންފައިވަނީ ފައިމަގުގައި ހިންގަވާފައެވެ.
ބޫޓާންގެ ރަސްގެފާނު، އެގައުމުގެ ރަށްފުށުގެ ހިސާބުތަކަށް މިގޮތަށް ވަޑައިގަންނަވާތާ މިހާރު ގާތްގަނޑަކަށް 14 ވަރަކަށް މަސް ވެދާނެކަމަށް ވެއެވެ.
ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް މިގޮތަށް، ޚާއްސަކޮށް ރަށްފުށުގެ ހިސާބުތަކަށް ވަޑައިގަންނަވަން ފެށްޓެވީ ކޮވިޑްބަލީގައި އިތުރު ފުރާނައެއް ގެއްލުނަ ނުދިނުމުގެގޮތުން، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރައްވައި، ފިޔަވަޅުތަކަށް އަމަލުކުރުމުގެ މުހިންމުކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށެވެ.
ބުޓާންގެ ރަސްގެފާނުގެ މަސައްކަތްޕުޅުގެ ނަތީޖާ ކިތަންމެހާވެސް ރަނގަޅުކަމަށް ބޫޓާންގެ ބަލީގެ ހާލަތުން ހާމަވާކަން އެންމެންވެސް ގަބޫލު ކުރެއެވެ.
ބުޓާންގެ އާބާދީގައި ހިމެނެނީ އެންމެ ހަތްލައްކައެއްހާ މީހުންނެވެ. އެ ގައުމު އޮންނަނީ ކޮވިޑްބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއާއި، އަދި ބަލީގެ ހާލަތު ދުނިޔެއިން ދެވަނައަށް އެންމެ ގޯސްވެފައިވާ އިންޑިއާއާ ދެމެދުގައެވެ. އެހެން ނަމަވެސް، ކޮވިޑްބަލީގައި ބޫޓާނުން މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ.
ބޫޓާންގެ ބޮޑުވަޒީރު ލޯޓޭ ޓްޝަރިންގް ވިދާޅުވީ، ރަސްގެފާނު ރަށްފުށުގެ ހިސާބުތަކަށް ވަޑައިގެން ކޮވިޑްބަލީގެ ހާލަތަށް މީހުން ހޭލުންތެރިކުރަން ބަސްފުޅު ވިދާޅުވުމުން، މީހުން ރަސްގެފާނުގެ ބަސްފުޅަށް އިހްތިރާމްކޮށް ވަރަށް ސީރިއަސްކޮށް ބަލައިގަންނަ ކަމަށެވެ.
ސިއްހީ ގައިޑްލައިނެއް ނެރުމަށްވުރެ ރަސްގެފާނު ވަޑައިގެން ވިދާޅުވާ ބަސްފުޅު މާބޮޑަށްވެސް ބާރުގަދަ ކަމަށް ބޮޑުވަޒީރު ލޯޓޭ ވިދާޅުވިއެވެ. ޚުދު ރަސްގެފާނު ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ރައްޔިތުންނަށް ވަރަށްބޮޑު އިތުބާރަކާއި ޔަގީންކަމެއް ލިބިގެންދާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްއާއެކު، ބޮޑުވަޒީރު ލޯޓޭވެސް ބައެއް ފަހަރު ރަށްފުށުގެ ހިސާބުތަކަށް ވަޑައިގަންނަވައެވެ.
ބޫޓާން ދުސްތޫރީ ރަސްކަމަކަށް ބަދަލުވެފައިވަނީ 2008 ވަނަ އަހަރުއެވެ.
ދުސްތޫރީ ރަސްކަމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރައްވައި، ގައުމު ހިންގުމުގައި ރަސްގެފާނަށް ލިބިދީފައި އޮތް ބޮޑެތި ބާރުތައް ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް ދޫކޮށްލެއްވި ނަމަވެސް، ބޫޓާންގެ މުޖުތަމައު ޝާހީ އާއިލާއަށް ކުރާ އިހްތިރާމާއި ވަފާތެރިކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްއަކީ ޔޫކޭގެ އޮކްސްފޯޑް ޔުނިވަރސިޓީން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ރަސްގެފާނު އަމިއްލަފުޅަށް ނުކުމެވަޑައިގެން އާންމުން ހޭލުންތެރިކުރައްވަން މަސައްކަތް ފެށްޓެވީ އެންމެ ކަމަކާ ބިރުފުޅުންނެވެ. އެއީ، ކޮވިޑްބަލި ޖަންގަލީގައި ރޯވާ އަލިފާންގަނޑެއް ފަދައިން ބޫޓާނުގައި ފެތުރިގެން ހިނގައްޖެނަމަ އެގައުމު ދުނިޔެއިންވެސް ފޮހެވިގެން ހިނގައިދާނެ ކަމުގެ ބިރުފުޅެވެ.
ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްވަނީ، ރަށްފުށުގެ ހިސާބުތަކަށް ވަޑައިގެން ބައްޔާ ދެކޮޅަށް ޕްރައިމެރީ ހެލްތު ވޯކަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.
އެގައުމުގެެ ބައެއް ހިސާބުތައް މިހާރުވެސް ލޮކްޑައުން ކޮށްފައިވާއިރު، ސްކްރީން ކުރުމާއި، ޓެސްޓުކުރުން އިތުރަށް ފުޅާކޮށްފައި ވެއެވެ.
ބޫޓާނުގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްވެސް ޖައްސަވާފައިވަނީ ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެކެވެ.
ބުޓާންގެ އާބާދީގައި ހިމެނޭ ވެކްސިން ޖެހޭ އުމުރުގެ 90 އިންސައްތަ މީހުންނަށް މިހާރުވަނީ އެސްޓްރަޒެނެކާގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިން ޖެހުން ހުއްޓާލީ ވެކްސިން ހުސްވެގެންނެވެ.
އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިމީހުން ދެވަނަ ޑޯޒް ޖަހަންޖެހޭ 12 ހަފްތާގެ މުއްދަތު މިމަހު ހަމަވާއިރު، ބޫޓާން ސަރުކާރުން އަދިވެސް ގެންދަނީ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އަދި އެސްޓްރަޒެނެކާގެ ބަދަލުގައި ދެވަނަ ޑޯޒްގެ ގޮތުގައި އެހެން ވެކްސިނެއް ޖެހޭތޯވެސް ގެންދަނީ ބަލަމުންނެވެ.