ދުނިޔޭގައި މިހާރު އެނެމެ ގިނައިން ހަތިޔާރު އެތެރެކުރާ ގައުމުތަކަކީ، މެދުއިރުމަތީގެ ގައުމުތަކެވެ. މި ސަރަހައްދުގެ ގައުމުތަކުން 2011ން 2015އަށް އެތެރެ ކުރި ހަތިޔާރަށް ވުރެން މި ދިޔަ ފަސް އަހަރުގެ ތެރޭގައި 25 ގުނަ އިތުރަށް ހަތިޔާރު އެތެރެކޮށްފައި ވެއެވެ.

އަލްޖަޒީރާގެ ރިޕޯޓަކުން ބުނިގޮތުގައި ސައޫދީ އަރަބިއްޔާއިން ހަތިޔާރު އެތެރަކުރާ ނިސްބަތް ވަނީ 65 އިންސައްތައަށް އިތުރު ވެގެން ގޮސްފައެވެ. ގަތަރުން ހަތިޔާރު އެތެރެކުރާ ނިސްބަތް ވަނީ 361 ޕަސެންޓަށް އިތުރުވެގެން ގޮސްފައެވެ.

މި ސަރަހައްދުން ހަތިޔާރު އެތެރެކުރާ ނިސްބަތް އިތުރުކަމަށް ދެއްކި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުން ހަތިޔާރު އެތެރެކުރާ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ، ޗައިނާއާއި ރަޝިޔާއިން ހަތިޔާރު ބޭރުކުރި ނިސްބަތް ދަށް ވުމެވެ.

ޖުމުލަ ގޮތަކަށް ޗައިނާއިން އެހެން ސަރަހައްދުތަކަށް ހަތިޔާރު އެކްސްޕޯޓް ކުރާ ނިސްބަތް ދަށްވިނަމަވެސް، ޗައިނާއަކީ މެދުއިރުމަތީގެ ގައުމުތަކަށް އެންމެ ގިނައިން މިހާރު ހަތިޔާރު އެކްސްޕޯޓް ކުރާ ގައުމެވެ.

ދަ ޑިޕްލޮމޭޓުން ބުނާ ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ފަހަތަށް ޖައްސާލައި ޗައިނާ ވަނީ މެދުއިރުމަތީގައި ހަތިޔާރުގެ ބާޒާރުގައި ގަދައަށް ފައި ވިއްދާފައެވެ. މިހެން ދިމާވާން ޖެހުނު މައިގަނޑު ސަބަބަކީ އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތާމެދު އަރަބި ގައުމުތަކުން ޝައްކުގެ ނަޒަރަކުން ބެލުމެވެ.

ޗައިނާއަށް އަރަބި ގައުމުތަކަށް ހަތިޔާރު ވިއްކުން ފަސޭހަވެގެން ދިޔައީ، އަރަބި ގައުމުތައް، ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނުމުންނެވެ. ދަ ޑިޕްލޮމޭޓުން ލަފާ ކުރާ ގޮތުގައި ޗައިނާއިން މެދުއިރުމަތީގެ ހަތިޔާރުގެ ބާޒާރަށް ވަދެފައިވަނީ ދިގު މުއްދަތެއްގެ އަމާޒަކާއެކުގައެވެ. ޗައިނާއިން ރާވަމުން ދަނީ ގަލްފްގެ އަރަބި ގައުމުތަކަށް އަސްކަރީ ޓެކްނޮލޮޖީ ޓްރާންސްފާއެއް ހަދައި ބައެއް ލުއި ހަތިޔާރު އެގައުމުތަކުގައި އުފެއްދުމަށެވެ.

ޗައިނާއިން ސައޫދީ އަރަބިއްޔާއަށް ހަތިޔާރު އެކްސްޕޯޓް ކުރާ ނިސްބަތް 386 ޕަސެންތަށް އިތުރުވެފައި ވާއިރު، ޔޫއޭއީއަށް ހަތިޔާރު އެކްސްޕޯޓް ކުރާ ނިސްބަތް ވަނީ 169 ޕަސެންޓަށް އިތުރު ވެގެން ގޮސްފައެވެ. މިކަންކަން ފަހިވެގެން ގޮސްފައިވަނީ 2016 ވަނަ އަހަރު ޗައިނާގެ ރައީސް ސައޫދީ އަރަބިއްޔާއަށާއި މިސްރާއި އީރާނަށް ކުރެއްވި ދަތުރުތަކަށް ފަހުއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމުގެ ހާލަތު އޮތް ގޮތުން އެ ސަރަހައްދުގެ ގައުމުތަކުން މިހާރު ބޭނުން ވަނީ، ކުރިއަރައިފައިވާ ހަތިޔާރެވެ. އެއީ އެސަރަހައްދުގައި ދިމާވާން ހުރި ނުރައްކާތަކަކީވެސް އާދަޔާ ޚިލާފް ނުރައްކާތަކެއް ކަމަށްވާތީއެވެ. ސުންނީ ގައުމުތަކުން އަބަދުވެސް ތިބެނީ ނިއުކްލިއަރ ތަރައްގީ ކުރަމުންދާ އީރާނުން އައިސްދާނެ ނުރައްކަލެއްގެ ފާރައަކަށެވެ. އަދި ދައުލަތެއް ނޫން ގޮތަށް ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުން ދިމާވާން ހުރި ނުރައްކާތައްވެސް މި ސަރަހައްދުގައި ކުޑައެއް ނޫނެވެ.

ސޫރިޔާއާއި ޔަމަންގައި އަދި ކޮންމެވެސް މިންވަރަކަށް އިރާގްގައި މިކަންކަމާ ގައުމުތަކުން ދަނީ ކުރިމަތި ލަމުންނެވެ.

މެދުއިރުމަތީގައި ޗައިނާގެ އެންމެ ގާތް ބައިވެރިޔާ ސައޫދީ އަރަބިއްޔާއަކީ އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ ގައުމެވެ. ސައޫދީ އަރަބިއްޔާއަކީ، ދުނިޔެއިން އިންޕޯޓް ކުރި ހަތިޔާރުގެ 11 ޕަސެންޓް އެތެރެކުރި ގައުމެވެ.

މެދުއިރުމައްޗަށް ހަތިޔާރު ވިއްކުމާއެކު ޗައިނާ ހިމެނިގެން ގޮސްފައިވަނީ ދުނިޔޭގެ ހަތިޔާރު އެކްސްޕޯޓް ކުރާ މައި ގައުމުތަކުގެ ތެރޭގައެވެ. 2016ން 2020ށް ޗައިނާއަކީ ދުނިޔޭގައި ފަސްވަނައަށް އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓް ކުޜާ ގައުމެވެ.

މީގެ އިތުރުން އދން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމާ ގުޅިގެން ޗައިނާއިން އީރާނަށް ހަތިޔާރު ވިއްކުން އިތުރު ވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ. ޗައިނާއިން ވަނީ އީރާނާއެކު 25 އަހަރުގެ ސްޓްރެޓިޖިކް ޕާރޓްނާޝިޕް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

މި ވަގުތު ޗައިނާގެ އެންމެ ބޮޑު މަޝްރޫއަކީ ސައޫދީ އަރަބިއްޔާގެ ކިންގް އަބްދުލް އަޒީޒު ސިޓީގައި ޗައިނާއިން ޓްރާންސްފާ ކޮށްފައިވާ ޓެކްނޮލޮޖީގެ ދަށުން އުފައްދަމުންދާ ޗައިނާ އޭރޯ ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑްރޯން އުފެއްދުމުގެ މަސައްކަތެވެ. ސައޫދީން މި ޑްރޯން ހޫތީންނާ ދެކޮޅަށް ބޭނުން ކުރެއެވެ. އަދި މިސްރާއި އުރުދުންއާއި ޔޫއޭއީއާއި އިރާގްގައިވެސް މި ތަކެތި ބޭނުން ކުރެވެއެވެ. ކިންގް އަބްދުލްއަޒީޒު ސިޓީއަކީ، މި ޑްރޯންގެ މައި ސަރވިސް ސެންޓަރވެސް މެއެވެ.

ޒަމާންތަކެއް ވަންދެން އެމެރިކާއިން މި ގައުމުތަކާއެކު ހަތިޔާރުގެ ރޮނގުން މުއާމަލާތު ކޮށްފައި ވީނަމަވެސް ޗައިނާއަކީ ފަސޭހަކަމާއެކު ޓެކްނޮލިޖީ ޓްރާންސްފާ ކޮށް މުއާމަލާތު ކުރެވޭ، ހުރަސްތައް މަދު ފަރާތެއްކަމުން އަރަބިންނަށް ޗައިނާއާއެކު މުއާމަލާތު ކުރަން ފަސޭހަވެއެވެ.

މެދު އިރުމަތީގައި ހަތިޔާރުގެ ރޮނގުން ޗައިނާގެ އިތުރުވަމުންދާ ނުފޫޒަކީ ކޮންމެވެސް ހިސާބަކުން ހުޅަނގާއި އެމެރިކާއިން އެއަށް ނުތަނަވަސްކަން އިޙުސާސް ކުރާނެ މަސައްކަތެކެވެ.