ނުދެއްކިވާ ޓެކްސް އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް ހަމަޖައްސައިދިނުމާއި ޓެކުހާގުޅޭ ޖޫރިމަނާ މީރާއިން ލުއިކޮށްދެއްވައިފިއެވެ.
މީރާއިން ވިދާޅުވެފައިވަނީ މިގޮތަށް ލުއި ދެއްވުމަށް ނިންމެވީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މީރާއިން ވަނީ އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިފަސޭހަތަކެއް ދެއްވައިފައެވެ. އެގޮތުން، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވައި ދެއްވައިފައެވެ. އޭގެ އިތުރުން އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ވެސް ވަނީ ހަމަޖައްސަވައި ދެއްވައިފައެވެ.
މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ %50 ނަގަމުން ދިޔަނަމަވެސް އެ އިންސައްތަ މިހާރު ވަނީ %5 އާއި %10 އާ ދެމެދަށް ކުޑަ ކޮށްދެއްވައިފައެވެ. އަދި 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް މިހާރު ވަނީ ހަމަޖައްސަވާފައެވެ. އަދި މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ އެމް.އެސް.އެމް.އީ ފަންތިއާއި، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލުއައިސްފައިވާ މިންވަރަށް ރިޢާޔަތްކޮށް ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.
މިހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށް ވެސް ވަނީ ނިންމަވާފައެވެ. އޭގެ އިތުރުން ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދިނުމަށް ވެސް މިރާއިން ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށް ވެސް ވަނީ ހަމަޖައްސަވާފައި ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.
މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ލުއިތަކެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނޭ އުސޫލަކުންނެވެ.