” މަޑުކޮއްބަލަ. އަހަރެންނަށް ފެނުނީ ތިޔަ ދެމީހުން. އިތުރު މީހެއް ނުފެނޭ ” ހަސަންފުޅު ބުނެލިއެވެ.

” ބަލަ މަގޭ އަނބިމީހާ ކަލެއަށް ނުފެނޭތަ. ކަލޭ ފެނިފައި އެފިލީ ބިރުން ” ޝަމްއާން ބުނެލިއެވެ.

” އެހެންވީމައޭ އަހަރެން ބުނީ އެއީ ޖިންނިއެކޭ ” ހަސަންފުޅު އެހެން ބުނެލުމާއިއެކު ޝަމްއާންގޮސް ހަސަންފުޅުގެ އަނގަމަތީގައި ޖެހިއެވެ.

ހަސަންފުޅުވެސް މިފަހަރު ބަލާކަށް ނުހުރެ ޝަމްއާންގެ މޫނުމަތީގައި ޖެހިއެވެ. ދެމީހުންގެ ތަޅާފޮޅުން ހުއްޓުވީ ރަށުގެ ޒުވާނުންތަކެކެވެ.

********

ހުކުރުދުވަހު އިރުއޮއްސެން ގާތްވި ވަގުތު ރަށުގެ ބޮޑުމަގުގައި ހުރީ ހުދު ކުލައިގެ ފޮތިން ފުރާލާފައެވެ. މަގުގެ މެދަށްވާ ކަހަލަ ގޮތަކަށް ބޮޑު މޭޒެއް ބަހައްޓައި އެމޭޒުގެ ވަށައިގެން ގޮނޑި ޖަހައިފައި ހުއްޓެވެ. ރަށުގެ ބާރުގަދަކަމަށް ކިޔާ ޒުވާނުން ފިޔަވައި އެހެން ބަޔަކު ފެންނާކަށްނެތެވެ. އަދި އެހިސާބުގައި ވަނީ ފަނޑު އަލިކަމެކެވެ. ހަސަންފުޅާއި އޭނަގެ ގްރޫޕް މަޢްރިބު ނަމާދުން ފައިބައިގެން އައިސް އިށީނީ އެމޭޒު ދޮށުގައެވެ. ވަށައިގެން ޖަހާފައި ހުރި ގޮނޑި ތަކުގައި ގްރޫޕްގެ ކުދިން އިށީނެވެ. އެންމެންވެސް ތިބީ ހަސަންފުޅުގެ އޯޑަރަށް އިންތިޒާރުގައެވެ. އެމީހުން މާގިނަ ވަގުތެއް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހަސަންފުޅުގެ އޯޑަރު އައެވެ. ހަސަންފުޅު ކިޔެވެލި ކިޔަވަންފަށައިފިއެވެ. އަދި ދުންއަޅައި އޭނަގެ ޖާދޫ ދައްކަމުން ދިޔައެވެ.

”ކުދިންނޭ ހިތްވަރު ދޫކޮށް ނުލާތި. ކޮންމެފަދަ ކަމަކާއިވެސް ދިމާވެދާނެ. އެކަމަކު ބޭބެ މިހެން ހުރިހާ ދުވަހަކު ތިކުދިންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ” ހަސަންފުޅު އެމީހުންނަށް ހިތްވަރު ދެމުންދިޔައެވެ.

” ތިހެން ކިޔޭ ކުރިންވެސް. އެކަމަކު ކުރީރޭގަވެސް މީހަކު އެ ނިޔާވީ ” އެތަނުން ޒުވާނަކު ބުނެލިއެވެ. ހީވަނީ އެމީހުންވެސް މިހާރު ހަސަންފުޅަކަށް އިތުބާރު ނުކުރަނީހެންނެވެ.” އެއީ އޭނަ އަހަރެންގެ ބަސްނާހާ އުޅުނީމަ ވީގޮތް ” ހަސަންފުޅު ބުނެލިއެވެ.

އެންމެން ސިހިގެން ދިޔައީ ޝަމްއާން ދުވެފައި އައިސް ހަޅޭލަވަން ފެށުމުންނެވެ. ބަލާކަށް ނުތިބެ އެއްބަޔަކު ގޮސް ޝަމްއާން ހިފެހެއްޓިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ޝަމްއާންއަށް މިރޭ ލިބިފައި ހުރީ އާދަޔާ ޚިލާފް ބާރެކެވެ. އެކަކަށްވެސް ޝަމްއާން ހުއްޓުވޭކަމަކަށް ނުވިއެވެ. ޝަމްއާން ދުއްވައިގަތީ ހަސަންފުޅާއި ދިމާލަށެވެ. ހަސަންފުޅު އިނީ ދިމާވެދާނެ ހުރިހާ ކަމަކަށް ތައްޔާރުވެގެންނެވެ. ޝަމްއާން ހަސަންފުޅާއި ހަމަ ގާތްވެލިތަނާ ހަސަންފުޅު އަތުގައި ހުރި ފެންތަށި ޝަމްއާންގެ މޫނަށް ޖެހިއެވެ. ޝަމްއާން ވަގުތުން ބިންމައްޗަށް ވެއްޓިއްޖެއެވެ. އެހާ ގަދަފަދަ ބާރެއް ލިބިފައިވާ މީހާގެ ގައިގައި މިހާރު އެއްވެސް ބާރެއް ނެތެވެ. ހަމައެކަނި ނޭވާލާ ކަމެވެ. ހަސަންފުޅާއި އޭނަގެ ގްރޫޕުން ޝަމްއާން ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އަދި އަނެއްކާވެސް ކިޔެވެލި ކިޔަވަން ފަށައިފިއެވެ. ދެން ފެނުނީ އެހެން މަންޒަރެކެވެ. ހަސަންފުޅާއި ދިމާލަށް ޝަމްއާންގެ މަންމަ ކަތިވަޅިއެއް ހިފައިގެން ދުވެފައި އަންނަތަނެވެ. ކައިރިގައި ތިބި މީހުންނަށް ރައްކާތެރިވާން ހަސަންފުޅު ބުނެލިއެވެ. ނަމަވެސް ހަސަންފުޅާއި ހަމައަށް ޝަމްއާންގެ މަންމަ އަށް ނާދެވުނެވެ. ހަސަންފުޅުގެ ގާތުގައި ތިބި މީހުން އެއަށްވުރެ މާހުޝިޔާރެވެ. ޝަމްއާންގެ މަންމަ އަތުން އެ ކަތިވަޅި އަތުލިއެވެ.

” އޭ މަގޭ ދަރި މިހާރު ދޫކުރޭ ” ޝަމްއާންގެ މަންމަ ހަޅޭލަވަން ފެށިއެވެ.

” ނޫން. ދުލެއް ނުކުރާނަން ” ހަސަންފުޅު ޖަވާބު ދިނެވެ.

ކުއްލިއަކަށް ފެނުނީ ޝަމްއާން ބާއްވާފައި އޮތް މޭޒުމަތީގައި އަލިފާން ރޯވެފައި ހުއްޓައެވެ. އެންމެން ދުއްވައިގައިތީ ޝަމްއާން ސަލާމަތް ކުރާށެވެ. ނަމަވެސް އެކަމާއި ހަސަންފުޅު ދެކޮޅު ހެދިއެވެ.” އޭނަ ބާއްވާ. އެކަކުވެސް އޭނަގެ ގައިގައި އަތްލައިގެން ނުވާނެ ” ހަސަންފުޅު ބުނެލިއެވެ.

ޝަމްއާން މޭޒުމަތީގައި އޮވެގެން ތެޅިފޮޅެނީއެވެ. އޭނަގެ ގާތުގައި ހުރެގެން ޝަމްއާންގެ މަންމަ މޮޔައިން ފަދައިން ހަޅޭލަވަނީއެވެ. ޝަމްއާންގެ މަންމަގެ ގައިގައި ބާރުގަދަ ފަސް ފިރިހެނުން ހިފަހައްޓައިގެން ތިއްބެވެ. ޝަމްއާން އޮތް މޭޒުކައިރީގައި އިނީ ހަމައެކަނި ހަސަންފުޅެވެ. އެހެން މީހަކު އެމޭޒާއި ގާތްވާކަތް ހަސަންފުޅުގެ ހުއްދައެއް ނެތެވެ. އިރުކޮޅަކުން ރޯވެފައިވާ އަލިފާން ނިވިއްޖެއެވެ. ޝަމްއާންވެސް ތެދުވެއްޖެއެވެ. ޝަމްއާންގެ ގައިގައި އެއްވެސް ވަރެއް ނެތް ކަހަލައެވެ. ކޮޅަށް ހުރެވެނީވެސް ހަމަ ކިރިޔާއެވެ. ކިޔަވައި ނިމުމާއިއެކު އެންމެންގެ އަތްދަނޑިމަތީގައި ޝަމްއާން ގެނެސް ގެއަށް ވެއްދިއެވެ. އެއިރުވެސް ޝަމްއާންގެ މަންމަ އެމީހުންގެ ފަހަތުން މޮޔައެއްފަދައިން ހަޅޭލަވަމުން ދިޔައެވެ.

” ދަރިފުޅާ ހިތްވަރު ކުރޭ. އެމީހުން ކުރާކަންތަކާއި އަޅާނުލާ ” އެމީހުން ދިއުމުންޝަމްއާންގެ މަންމަ ހިތްވަރު ދެމުން ދިޔައެވެ.

ޒުމްރާވެސް އަދި ގެއަކަށް ނާދެއެވެ. އެހެންވުމާއިއެކު ނިދާލާށޭ ކިޔާފައި ޝަމްއާންގެ މަންމަ ސަކީނާ ކޮޓަރީގެ ދޮރުލައްޕާފައި ނިކުތެވެ. ޝަމްއާންއަށް ވެސް ނިދިއްޖެއެވެ. ޝަމްއާން އަށް ހޭލެވުނީ ކޮޓަރީގައި މީހަކު އުޅޭހެން ހީވެގެންނެވެ. މަޑުމަޑުން ލޯހުޅުވައި ބަލައިލިއެވެ. ޝަމްއާންއަށް ހީވީ ރަނގަޅަށެވެ. ކޮޓަރިތެރޭގައި ޒުމްރާ ހިނގާލަ ހިނގާލަ ހުއްޓެވެ. ޝަމްއާން ތެދުވެގެންގޮސް ޒުމްރާގެ ގާތަށް ދިޔައެވެ. ޒުމްރާ ހުރީ ކޮންމެވެސް ވަރަކަށް ޒަޚަމްވެފައެވެ.

” ކިހިނެތްވެފައި ތިޔަހުރީ ” ޝަމްއާން ހައިރާންކަމާއެކު އަހައިލިއެވެ.

” ކޮންމެހެން ނޭނގޭކަމަށް ހަދާނެކަމެއްނެތް ” ޒުމްރާ ހުރީ ހިތްހަމަނުޖެހިފައެވެ.

” އަހަރެންނަކަށް ނޭނގެ ” ޝަމްއާން ޖަވާބުދިނެވެ.

” ބަލަ އެއުޅޭ ހަސަންފުޅުގެ ކަންތަކެއްނު މިއީ ” ޒުމްރާއަށް ރޮވެންފެށުނެވެ.

” އަހަރެމެން މިއައީ އެމީހުންގެ ގާތުގައި އުޅެފައި. ޒުމްރާއެއް އެތާކުނެތް ” ޝަމްއާން ޒުމްރާގެ އަތުގައި ހިފެހެއްޓިއެވެ.

” ބަލަ އަހަރެންނަކީ ޖިންނިއަކަށް ވެއްޖެއްޔާ އެތާ ހުރެވިދާނެއެއްނު ” ޒުމްރާ ހީލިއެވެ.

” އޭ ހެވޭ ތިއީ ޖިންނިއަކަށްވިޔަސް ” ޝަމްއާން ކުޑަކޮށް ޖެހިލުންވެހުރެ ބުނެލިއެވެ.

ތެދެކެވެ. ޒުމްރާގެ ކިބައިން ފެންނަމުންދަނީ އާދަޔާ ޚިލާފް ކަންތަކެކެވެ. އެއްވެސް މީހަކަށް ނުފެނި ޒުމްރާއަށް އެބަ އަނިޔާތަކެއްވެއެވެ. ޒުމްރާ ބުނާގޮތުން އެއީ ފަންޑިތަ ހަދަން އައިސްގެން އުޅޭ ހަސަންފުޅުގެ ފަރާތުން މެދުވެރިވާ ކަންތަކެކެވެ. އެކަމަކު މިރަށުގެ މީހުންގެ ކުރިމަތީގައި ހަސަންފުޅަށް އިންސާނަކަށް އެހާ ބޮޑު އަނިޔާއެއް ދޭން ކެރޭނެބާއެވެ. އަދި އެފަދަ އަނިޔާއެއް ކުރާތަން ބަލަން މިރަށުގެ މީހުން ހިމޭނުން ތިބޭނެބާއެވެ. މިއީ ހައްތަހާވެސް ޝަމްއާންގެ ހިތުގައި އުފެދެމުންދާ ސުވާލުތަކެވެ.

********

ޝަމްއާންގެ ބައްޕަ މާލޭގައި އުޅެފައި ރަށަށް އައި ދުވަހެވެ. ޝަމްއާންއާއި ޝަމްއާންގެ މަންމަ ސަކީނާ ގޭތެރޭގައި ހޭލަމޭލައަށް އުޅެމުންދެއެވެ. ގިނަ ދުވަސްތަކެއް ކޮއްލާފައި ޝަމްއާންގެ ބައްޕަ ރަށަށް އަންނާތީއެވެ. ބައްޕަގެ ބަލިހާލަތު ހުރިގޮތުން މާލޭގައި އުޅޭތާ ގިނަދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިފަހަރު އައީ އިރާދަކުރެއްވިއްޔާ އެއްކޮށް ރަނގަޅުވެގެންނެވެ. ނަމަވެސް ޝަމްއާންމެންނަށް ދިމާވެފައިވާ ކަންތަކުގެ ސަބަބުން ބައްޕަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ބައްޕަ އައިސް ފުރަތަމަވެސް ހޯދީ ޒުމްރާއެވެ. އެއިރު ޒުމްރާ ގެއަކު ނޫޅެއެވެ.” އަހަރެން ބޭނުން ތިޔަބުނާ މޮޅު ހަސަންފުޅާއި ވާހަކަ ދައްކަން ” ޝަމްއާންގެ ބައްޕަ ބުނެލިއެވެ.

” ނޫން. ދާނެކަމެއް ނެތް. އެއީ ވަރަށް ނުރައްކާ މީހެއް. މުޅި މިރަށް ފިތުނަވެރި ކޮއްފި ” ޝަމްއާންގެ މަންމަ ބުނެލިއެވެ.

” އެމީހުން އުޅެނީ އަހަރެމެން ނައްތާލަން ” ޝަމްއާންއަށް ރޮވުނެވެ.

” ނުވާނެތިކަމެއް. އަހަރެންނަކީވެސް ނުލަފާ މީހެއްކަން އަންގާލާނަން ” ޝަމްއާންގެ ބައްޕަ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

” ބައްޕާ އެމީހުންނާއި ކުރިމަތި ނުލާތި ” ޝަމްއާން ބައްޕަގެ ގާތުގައި އާދޭސް ކުރިއެވެ. މިކަންތައް އަނެއްކާވެސް ބޮޑުކަމަކަށް ހަދާކަށް ޝަމްއާން ބޭނުމެއް ނުވެއެވެ. ބައްޕަ ގޮވައިގެން ގޭތެރެއަށްވަނެވެ. އެއިރު ޔަމީން ކުޅެން ގޭތެރޭގައިނެވެ. ޔަމީންގެ ކާފަ ފެނުމާއިއެކު ގޮސް ބައްދައިލިއެވެ. ޔަމީން ދެކެ އަބަދުވެސް ޝަމްއާންގެ ބައްޕަ ވަރަށް ލޯބިވެއެވެ.

” މިސޮރަށް ކާންވެސް ނުދެންދޯ ސަކީނާ ” ޔަމީން އަނަރޫފަކަމުން އޭނަގެ ކާފަ ބުނެލިއެވެ.

” ދެން އަހަރެން ކީއްކުރާނީ. ކާންދޭން އުޅުނަސް ނުކައޭ ” ޔަމީންގެ މާމަ ސަކީނާ ޖަވާބުދިނެވެ.

” އަދި ޒުމްރާ އާއިވެސް ދިމާނުވޭ. އެމަންޖެ ކޮބާތަ ” ޝަމްއާންގެ ބައްޕަ ބުނެލިއެވެ.

” ސާބަހޭ. މާގިނަ ވާހަކަ ނުދައްކާ ދެން އާދެބަލަ ބަތްކާން. އެމަންޖެއަށް އާދެވޭއިރު ހުންނާނީ އިރުއޮއްސިފައި ” ސަކީނާ ކާންހަދަން ހުރފައި ބުނެލިއެވެ. ގިނަދުވަސްތަކަކަށްފަހު ކެއުމުގައި އެއާއިލާގެ ހުރިހާ މެންބަރުން ބައިވެރިވިއެވެ. ކެއުމަށްފަހު ޝަމްއާންގެ ބައްޕަ ދިޔައީ ކޮޓަރިއަށެވެ. ދަތުރުގެ ވަރުބަލި ފިލުވައިލުމަށެވެ. ޝަމްއާން ނިކުތީ ބޭރަށެވެ. ޔަމީން ގޮވައިގެން މަންމަވެސް ބޭރަށް ނިކުތެވެ. ޔަމީން އޭނަގެ ކާފަ ގާތަށް ދާން ރޮނީއެވެ. ހަދިޔާ ހޯދާށެވެ. ޝަމްއާންގެ މަންމަ ޔަމީން ގޮވައިގެން ގޮސް ބޭރުގައި ހުރި ޖޯލިފަތީގައި އޮށޯތެވެ. ގޭތެރޭގައި މަޑުކޮއްފިއްޔާ ޔަމީންއާއި ހެދި ކާފައަކަށް ނުނިދޭނެއެވެ. ޝަމްއާންގެ ބައްޕައަށް ހޭލެވުނީ އިރުއޮއްސެން ގާތްވެފައި ހުއްޓައެވެ. އަވަހަށް ތެދުވެގެންގޮސް ފެންވަރައިގެން ނިކުތެވެ. މަޢުރިބް ނަމާދަށް ދިއުމަށެވެ. އެވަގުތަކީ ޒުމްރާވެސް ގޭތެރެއަށް ވަދެގެން އައި ވަގުތެވެ.

” ދަރިފުޅު ހާދަ ބިޒީކޮއްލައިގެން ތިއުޅެނީ ” ޒުމްރާ ފެނުމާއިއެކު ޝަމްއާންގެ ބައްޕަ ބުނެލިއެވެ.

” އާނ ވަރަށް ބިޒީކޮށް މިއުޅެނީ. ބައްޕަ މިއަދު އަންނަކަން އެނގޭތީ ތަންކޮޅެއް އަވަހަށް މިއައީވެސް ” ޒުމްރާ ޖަވާބު ދިނެވެ.

” ދަރިފުޅާ ކިހިނެތް ވެފައިތަ ތިޔަހުރީ. މީހަކު އަލިފާން ޖެއްސީތަ ” ޒުމްރާގެ އަތުގައި ހުރި ޒަޚަމްތަށް ފެނިފައި ޝަމްއާންގެ ބައްޕަ ބުނެލިއެވެ.

” މިއީ އެއުޅޭ ހަ.ހަ.ހަސަންފުޅު ދިން އަނިޔާއެއް ” ޒުމްރާ ހުއްޓުން އަރަމުން ބުނެލިއެވެ.

” އެއީ މިރަށަށް އައިސްގެން އުޅޭ މީހާ ދޯ. ބަލަ އަހަރެމެންނަށްވެސް ކެރޭ ކަންތަށް ކުރަން ” ޝަމްއާންގެ ބައްޕަ ރުޅިގަދަވިއެވެ.

” އެގެއަށް ނުދާތި ” ޝަމްއާންގެ ބައްޕަ އެހެން ބުނެލިއަޑަށް ސަކީނާ ބުނެލިއެވެ.

” މި ސަކީނާ އާއި ހުރެ އެއްވެސް ކަމެއް ވާކަށް ނޯންނާނެ. އެކަމަކު އަހަރެން ދާނަން ހަސަންފުޅާއި ބައްދަލުކުރަން ” ޝަމްއާންގެ ބައްޕަ ހިތްހަމަ ނުޖެހުނެވެ. ޝަމްއާންގެ ބައްޕަ ހިނގައިގަތީ ހަސަންފުޅާއި ބައްދަލު ކުރުމަށެވެ. ފަހަތުން ޝަމްއާންގެ މަންމަ ސަކީނާވެސް ހިނގައިގަތެވެ. އެގެއަށް ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެނބުރި ގެއަށްދާ ޚިޔާލެއް އެމީހުން ނުކުރިއެވެ. ކިތަންމެ ގިނައިރުވިޔަސް ހަސަންފުޅާއި ބައްދަލު ކޮއްފައި ނޫނީ ގެއަށް ނުދާން މަޑުކޮއްލީއެވެ. މާދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ދޮރާށިން ވަދެގެން އައީ ހަސަންފުޅެވެ. ސަކީނާމެން ފެނުމާއިއެކު ހަސަންފުޅު ސަލާމް ގޮވައިލިއެވެ. ޝަމްއާންގެ ބައްޕަ ހިނިތުންވުމާއި އެކު ސަލާމް ބަލައިގަތެވެ.

” ހަސަންފުޅުގެ ގާތަށް ކަމަކު މިއައީ ” ޝަމްއާންގެ ބައްޕަ ބުނެލިއެވެ.

” އަވަހަށް ބުނޭ ” ހަސަންފުޅު ހިނިތުންވެލިއެވެ.

” މިއައީ ހަސަންފުޅު ޒުމްރާއަށް އަނިޔާ ކުރާވާހަކަ އަޑު އިވިގެން. އެކަހަލަ ކަންތައް ނުކުރުމަށް ބުނެލަން ” ޝަމްއާންގެ ބައްޕަ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ.” ކަލޭމެން ގަބޫލުކޮއްބަލަ އަހަރެން މިދައްކާ ވާހަކަ. އެއީ ޖިންނި ކުއްޖެއް. އަވަހަށް އެކަމުން ސަލާމަތްވާން އުޅޭ ” ހަސަންފުޅު އެމީހުންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.” ބަލަ ކަލޭ މިރަށަށް އައިފަހުން މިކަމެއް މި މެދުވެރިވީ. އަހަރެން އަޑުއެހިން ކަލޭ ތިއީ ޒުވާން އަންހެން ކުދިންގެ ފަހަތުން ދުވާމީހެކޭ ” ޝަމްއާންގެ ބައްޕަ މަލާމަތުގެ ރާގަކަށް ބުނެލިއެވެ.” އަހަރެންގެ ވާހަކަ އަޑުއަހާ. އިންސާނުންނާއި ޖިންނީންގެ ތަފާތު. ތިޔަބުނާ ޒުމްރާއެއް ދުވާލު ގަޑީގައި މީހުންނަށް ނުފެންނާނެ. ހުރިހާ ކަމެއް ކުރަން އުޅޭނީ އިރުއްއޮއްސޭގަޑީގައި ” ހަސަންފުޅު އެމީހުންނަށް ވިސްނައިދެވޭތޯ އަނެއްކާވެސް މަސައްކަތް ކުރިއެވެ.

” އަހަރެން ބަލާނަން ކަލެއަށް ތި ގޮތަށް އުޅެވޭތޯ ” އެހެން ބުނެލާފައި އެގެއިން ނިކުންނަން ޝަމްއާންގެ ބައްޕަމެން ހިގައިގެންފިއެވެ. ގެއަށް ވަންއިރު އެމީހުންތިބީ ރުޅިގަދަވެފައެވެ. ގޭތެރެއަށް ވަދެފައި އެންމެ ފުރަމަވެސް ބައްޕަ ގޮވާލީ ޝަމްއާނަށެވެ. އެހާމެ އަވަހަށް ޝަމްއާންވެސް އަތުވެއްޖެއެވެ.

” ކޮބާ ޒުމްރާ ” ބައްޕަ ސުވާލު ކޮއްލިއެވެ.

” އެބަ އުޅޭ ގޭތެރޭގައި ” ޝަމްއާން ދިނީ ކުރުޖަވާބެކެވެ.

” ކީއްވެތަ ދުވާލުގަޑީގައި ޒުމްރާ ގޭތެރެއިން ނުފެންނަނީ ” ބައްޕަ ޝައްކުގެ ނަޒަރަކުން ޝަމްއާންގެ މޫނަށް ބަލައިލިއެވެ.

( ނުނިމޭ )