ޗައިނާއާއެކު އަސްކަރީ ކުރިމަތިލުމަކަށް ދާން ޖެހިދާނެ ކަމަށް ޓައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވެއްޖެއެވެ. ސީއެންއެންއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޗައިނާއިން ޓައިވާގެ ވައިގެ ސަރަހައްދަށް ވަދެ ހަދާއިރު، ޓައިވާނަށް ބަލަ ބަލައި ނޯވެވޭނެ ކަމަށެވެ. އަދި ޓައިވާނުން ތައްޔާރު ވާންވީ ޗައިނާއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައިގެންނެވެ.
މިދިޔ ހަފްތާގައި ޗައިނާއިން ތުހުމަތު ކޮށްފައިވަނީ ޓައިވާންގައި ޗައިނާއިން ވަކިވެގަތުމަށް ހަރާކްތަތެރިވާ ފަރާތްތަކުގެ މުގުލުގައި ހުންނަވަނީ ވޫ ކަމަށެވެ.
ވޫ ވިދާޅުވާ ގޮތުގައި ޗައިނާއަކީ ޚުދު މުޚުތާރު ގައުމެއްކަމުން ޓައިވާނަށް ޗައިނާއާއެކު އިއްތިހާދު ވުމަށް އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި ޓައިވާނަކީ، ދުނިޔޭގައި އޮތް ޗައިނާ ބަހުން ވާހަކަ ދައްކާ ހަމައެކަނި ޑިމޮކްރެސީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މުހައްލިލުން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޚާރިޖީ ސިޔާސަތުގައި އެއް ގޮތަކަށް އޭނާ އަދިވެސް ހިފަހައްޓަވާ ހަމައެކަނި ސިޔާސަތަކީ ޗައިނާއާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމެވެ. އެމެރިކާއިން ވަނީ މިދިޔަ ހަފްތާގައި ޗައިނާއާ ދެކޮޅަށް ތިން ފިޔަވަޅެއްވެސް އަޅާފައެވެ. އެގޮތުން ތައިވާން ކަނޑު އޮޅިއަށް އެމެރިކާގެ މަނަވަރުތައް ފޮނުވުމާއި އަދި އެއަށްފަހު ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ބަލަހައްޓަމުންދާ ގިރިއާއި ފަޅުތައް ކައިރިން މި މަނަވަރުތައް ދަތުރުކޮށްފައެވެ.
އެމެރިކާއިން ވަނީ އިރުގެ އަވިން ހަކަތަ އުފައްދާ ޕެނަލްތައް އުފައްދާ ޗައިނާގެ ކުންފުންޏަކާ ދެކޮޅަށް ބުރާސްފަތި ދުވަހު އައު ބުރަކަށް ފިޔަވަޅު އަޅާފައެވެ. އެމެރިކާއިން ބުނެފައި ވަނީ މި ކުންފުންޏަކީ ޝިންޖިއާންގައި މުސްލިމުންގެ ކުޑަ ކުދިން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ކުންފުންޏެއް ކަމަށެވެ. އެގޮތުން ހޯޝައިން ސިލިކަން އިންޑަސްޓްރީން އުފައްދާ އެއްވެސް މުދަލެއް އެމެރިކާއަށް ނުގަތުމަށާއި އެކުންފުނީގައި އެމެރިކާއިން އިންވެސްޓް ނުކުރުމަށް ނިންމާފައި ވެއެވެ.
ޗައިނާއިން ޓައިވާނަށް ނަސޭހަތްރި ވެފައި ވަނީ ހަނގުރާމައަކާ ދިމާލަށް ނުދިނުމަށެވެ. އަދި އެމެރިކާއާއެކު ބާއްވާ ގުޅުން ކަނޑާލުމަށްވެސް ޓައިވާނަށް ޗައިނާއިން ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ ކުރިންވެސް އެމެރިކާއިން ވަނީ ޗައިނާގެ 48 ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އަދި ޝިންޖިއާންގައި އުފައްދާ ކަފައާއި ޓޮމާޓޯއާއި ބެޓެރިއާއި އެނޫނަސް އެތައް މުދަލެއް ނުގަތުމަށް އެމެރިކާއިން ވަނީ ނިންމައި ފިޔަވަޅު އަޅާފައެވެ.