ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ބަންދުކުރުމަށްފަހު ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލާފައެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. 9 ރަށަކުން 16 ތަނެއް މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިތާ 3 މަސް ދުވަހަށްފަހު މިހާރު މިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފަށާފައެވެ.

ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ 9 ރަށަކީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

ގެސްޓްހައުސްތަށް ހުޅުވުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލުގައިވާ ގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ. އަދި ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުން މަޖުބޫރެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން މަނާވާނެއެވެ.