الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!
ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ
ޚިތާނު ކުރުން:
ޚިތާނު ކުރުމަކީ އިސްލާމީ ފިޠުރަތުގެ ސިފަތަކުގެ ތެރެއިން އެއް ސިފައެވެ. ނަބަވީ ސުއްނަތެކެވެ. އިބްރާހީމީ މިއްލަތުގެ އާދަކާދައިގެ ތެރެއިން މިއުއްމަތަށް ވާރުތަވެފައިވާ ޢަމަލެކެވެ. އެންމެހައި ނަބީ ބޭކަލުން ވަނީ ޤުދުރަތީގޮތުން ޚިތާނު ކުރެވިފައި ކަމަށް ބުނެވެއެވެ. ސައްޔިދިނާ އިބްރާހީމުގެފާނު ނަކަތްގެލެއްވެވުނީ މާތް ﷲގެ އަމުރުފުޅަށް އެކަލޭގެފާނުންގެ ޢުމުރުފުޅުން 80 އަހަރުފުޅުގައެވެ. މިކަމަކީ އިސްލާމީ ޝިޢާރުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިއީ މުސްލިމުންނާއި ޣައިރު މުސްލިމުން ވަކިކޮށްދޭ ޢަލާމަތެއް މެއެވެ.
ފިރިހެން ކުދިން ޚިތާނުކުރުން:
ޚިތާނު ކުރުމުގެ އަޞްލު ގޮތަކީ ފިރިހެން ކުދިން ޚިތާނު ކުރުމެވެ. މިއީ އުއްމަތް އިޖްމާޢުވެ އެކަމަށް އެއްބަސްވެފައިވާ ކަމެކެވެ. އެހެންނަމަވެސް މިއީ ވާޖިބެއްތޯ ނުވަތަ ސުއްނަތެއްތޯ އެކަމުގައި ދީނުގެ ޢިލްމުވެރިންގެ އަރިހުގައި ރައުޔު ތަފާތުވެފައި ވެއެވެ. ބައެއް ބޭކަލުން ވިދާޅުވަނީ ވާޖިބެއް ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ ސުއްނަތެއް ކަމަށެވެ. އިމާމު އަޙްމަދުގެ މަޛްހަބަކީ ވާޖިބެއް ކަމަށެވެ. އިމާމު ޝާފިޢީއާއި ޝާފިޢީ މަޛްހަބުގައި ދެގޮތަށްމެ އައިސްފައި ވެއެވެ. ސުއްނަތެއް ކަމަށާއި ވާޖިބެއް ކަމަށެވެ. ޝާފިޢީ މަޛްހަބުގައި ފަތުވާ ދެވެނީ ފިރިހެންކުދިން ޚިތާނު ކުރުމަކީ ވާޖިބެއް ކަމަށެވެ. އިމާމު އަބޫ ޙަނީފާއާއި މާލިކުގެ މަޛްހަބަކީ އެއީ ސުއްނަތެއް ކަމަށެވެ. އަދި ޙަނަފީ ބައެެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ސުއްނަތެއް ނޫންކަމަށާއި ހުއްދަ ކަމެއް ކަމަށެވެ.([1]) މިކަމުގެ ދަލީލުތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ވަނީ ތިން ދަލީލެކެވެ. އެއް ދަލީލަކީ ފިޠުރަތުގެ ތެރޭން ހިމެނޭ ކަމެއްގެ ގޮތުގައި އައިސްފައިވާ ޙަދީޘެވެ. عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ خَمْسٌ مِنْ الْفِطْرَةِ الْخِتَانُ وَالِاسْتِحْدَادُ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ وَقَصُّ الشَّارِبِ (މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. ފިޠުރަތުގެ ފަސްކަމެއް ވެއެވެ. އެއީ ޚިތާން ކުރުމާއި ޢާނަތުގެ އިސްތަށި ބޭލުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތީގެ އިސްތަށިތައް ލުއްސުމާއި މަތިމަސް ކޮށުމެވެ.) އަނެއް ޙަދީޘަކީ إِذَا الْتَقَى الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ([2]) (މާނައީ: ދެޚިތާނު ބައްދަލުވުމުން ހިނައިން ވާޖިބުވީއެވެ.) މިމައްސަލާގައި ދެން އައިސްފައި ހުރި ޙަދީޘު ތަކަކީ ޟަޢީފު ޙަދީޘުތަކެވެ. މިޙަދީޘުތަކަށް ބަލާއިރު މިއިން އެއްވެސް ޙަދީޘަކުން ފިރިހެނުން ޚިތާނު ކުރުމަކީ ވާޖިބެއް ކަމުގައި ސާބިތު ނުވާކަމުގައި މުޙައްޤިޤުން ވިދާޅުވެފައި ވެއެވެ. އިމާމު އިބްނި ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވެފައި ވެއެވެ. " ޝާފިޢީ މަޛްހަބުގެ ބައެއް ބޭކަލުންނާއި ދީނުގެ ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތުގައި ފިރިހެނުންގެ ޙައްޤުގައިވެސް މިއަކީ ވާޖިބު ކަމެއް ނޫނެވެ. އަދި ކިއެއްތަ! ފިރިހެނުންގެ ޙައްޤުގައި އެއީ ސުއްނަތެކެވެ. އެހެނެއް ކަމަކު އަންހެނުންގެ ޙައްޤުގައި ހުއްދަ ކަމެކެވެ.
އަންހެން ކުދިން ޚިތާނު ކުރުން:
އަންހެން ކުދިން ޚިތާނު ކުރުމުގައި ދީނުގެ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތު ވެފައި ވެއެވެ. އިމާމު ޝާފިޢީގެ އެއްބަސްފުޅަކީ ވާޖިބެއް ކަމަށެވެ. އަނެއް ބަސްފުޅަކީ ސުއްނަތެއް ކަމަށެވެ. އިމާމު ނަވަވީ ބުރަވެ ވަޑައިގަންނަވަނީ ވާޖިބެއް ކަމަށެވެ. ނަމަވެސް އިމާމު ބައިހަޤީއާއި ޣަޒާލީއާއި އިމާމުލް ޙަރަމައިން ބުރަވެ ވަޑައިގަންނަވަނީ ހުއްދަ ކަމެއް ކަމަށެވެ. އިމާމު އަޙްމަދުގެ މަޛްހަބަކީ ސުއްނަތެއް ކަމަށެވެ. ނަމަވެސް އިމާމު އަބޫ ޙަނީފާއާއި މާލިކުގެފާނުންގެ އަރިހުގައި އެއްބަސްފުޅަކީ މުސްތަޙައްބު ކަމެއް ކަމަށެވެ. އަނެއް ބަސްފުޅަކީ ސުއްނަތެއް ނޫންކަމަށާއި ހުއްދަކަމެއް ކަމަށެވެ. ޙަނަފީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނި ޢާބިދީން އެކަލޭގެފާނުންގެ ޙާޝިޔާގެ 6/751 ގައި ވިދާޅުވެފައި ވެއެވެ. وَخِتَانُ الْمَرْأَةِ لَيْسَ سُنَّةً بَلْ مَكْرُمَةً لِلرِّجَالِ (މާނައީ: އަންހެނާ ޚިތާނު ކުރުމީ ސުއްނަތެއް ނޫނެވެ. އަދިކިއެއްތަ! ފިރިހެނުންގެ ޙައްޤުގައި އެއީ ހުއްދަވެގެންވާ ރަނގަޅު ކަމެކެވެ.)
އަންހެނާ ޚިތާނު ކުރުން ސާބިތުވާ ކަމަށް ޢިލްމުވެރިން ގެންނަވާ ޙަދީޘުތަކެއް ވެއެވެ. އޭގެ ތެރޭން އެންމެ މަޝްހޫރު ޙަދީޘަކީ ކުރީގައި ބަޔާން ކުރެވުން މުސްލިމު ރިވާ ކުރަށްވާފައިވާ ދެޚިތާނު ބައްދަލުވުމުން ހިނައިން ވާޖިބުވާ ކަމަށް އަންނަ ޙަދީޘެވެ. إِذَا الْتَقَى الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ މިޙަދީޘަކީ ޞައްޙަ ޙަދީޘެއް ކަމުގައި ވިއަސް މިއަކުން އަންހެނާ ޚިތާނު ކުރުމެއް ސާބިތެއް ނުވެެއެވެ. އެއީ އަންހެނާގެ ޢައުރަ ގުނަނަށް ޚިތާނުއޭ ވިދާޅުވެފައި އޮތީ މަޖާޒީ ގޮތުންނެވެ. އެއާ ޚިތާނު ކުރުމާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އަންހެނާ ޚިތާނު ކުރާމީހުން ޚިތާނު ކުރަނީ އޭނާގެ ކުޅަދިލި ކަމަށްވީހިނދު އެތަނާ ފިރިހެނާގެ ޢައުރަ ގުނަނާ ޖެހިގެނެއް ހިނައިގަންނަން ޖެހޭކަމަކަށް އެއްވެސް ޢިލްމުވެރިއަކު ވިދާޅެއް ނުވެއެވެ. މިފަދަ މަޖާޒީ ނަންނަން ދިވެހި ބަހުގައި ޢައުރަ ގުނަނަށް ބުނަމުން ދިޔައެވެ. އެއެއްޗަކާ ޢައުރައަކާ ގުޅުމެއް ނުވެއެވެ. އަންހެނާ ޚިތާނު ކުރުމަށް ވިދާޅުވާ ބޭކަލުން ގެންނަވާ އަނެއް ދަލީލަކި އިމާމު އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައިވާ އަންނަނިވި ޙަދީޘެވެ. أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْخِتَانُ سُنَّةٌ لِلرِّجَالِ مَكْرُمَةٌ لِلنِّسَاءِ([3]) މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. ޚިތާނު ކުރުމަކީ ފިރިހެނުންގެ ޙައްޤުގައި ސުއްނަތެކެވެ. އަންހެނާއަށް ޓަކައި ހުއްދަ ކަމެކެވެ. މިއެވެ. މިޙަދީޘަކީ އެންމެހައި މުޙައްދިޘުންގެ އަރިހުގައި ޟަޢީފު ޙަދީޘެކެވެ. މީގެ ސަނަދުގައި ޟަޢީފު ރާވީއެއް އެބަވެއެވެ. އަދި މުދައްލިސަކު ވެއެވެ. ބައެއް ރިވާޔަތްތަކުގައި ގޮތްނޭގޭ (މަޖްހޫލު) ރާވީއަކު ވެއެވެ. ބައިހަޤީ ވިދާޅުވަނީ މިޙަދީޘުގެ އެންމެހައި މަގުތަކެއް ޟަޢީފު ކަމަށެވެ.
މާލިކީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނި ޢަބްދުލް ބައްރު އެކަލޭގެފާނުންގެ ތަމްހީދުގެ 21/56ގައި ވިދާޅުވެފައި ވެއެވެ. އަންހެނުން ޚިތާނު ކުރުމާ ބެހޭގޮތުން އަންނަ ޙަދީޘުތަކަކީ ޟަޢީފު ޙަދީޘުތަކެވެ. ތިމަންމެންގެ މާލިކީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުން ޚިތާނު ކުރުން އޮންނަނީ ހަމައެކަނި ފިރިހެނުންނަށެވެ. އަދިވެސް ވިދާޅުވެފައި ވެއެވެ. ފިރިހެނާ ޚިތާނު ކުރުމާމެދުވަނީ އެންމެހައި މުސްލިމުން އެކަމަށް އިޖްމާާޢު ވެފައެވެ.
އަންހެނާ ޚިތާނު ކުރުމާ ބެހޭގޮތުން އަންނަ އަނެއް ޙަދީޘަކީ އުއްމު ޢަޠިއްޔާގެ ޙަދީޘެވެ. އިމާމު އަބޫ ދާއޫދު އުއްމު ޢަޠިއްޔާގެ ކިބައިން ރިވާކުރަށްވަނީ އެކަމަނާ މަދީނާގެ އަންޞާރިއްޔަ ކުދިންގެ ޚިތާނު ކުރަށްވާ ހައްދަވާ ކަމަށެވެ. މިޚަބަރު ލިބިވަޑައިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. لاَ تُنْهِكِي فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ وَأَحَبُّ إِلَى الْبَعْلِ މާނައީ: އޭ އުއްމު ޢަޠިއްޔާއެވެ! ބޮޑަށް ހަންފަށަލަ ނުކަނޑާށެވެ. ތިޔަ ކަމަކީ އަންހެނާގެ އުޅުން ރަނގަޅުކޮށްލަދޭނެ ކަމެކެވެ. އަދި ފިރިމީހާ ބޮޑަށް ހިތާވާނެ ކަމެއް މެއެވެ.
މިޙަދީޘު ރިވާ ކުރެއްވުމަށްފަހު އިމާމު އަބޫ ދާއޫދު (4/369) ވިދާޅުވެފައި ވެއެވެ. قَالَ أَبُو دَاوُد لَيْسَ هُوَ بِالْقَوِيِّ وَقَدْ رُوِيَ مُرْسَلاً قَالَ أَبُو دَاوُد وَمُحَمَّدُ بْنُ حَسَّانَ مَجْهُولٌ وَهَذَا الْحَدِيثُ ضَعِيفٌ މާނައީ: އަބޫދާދު ވިދާޅުވިއެވެ. އެއީ ގަދަ ޙަދީޘެއް ނޫނެވެ. އެހެން ރިވާޔަތެއްގައި މުރްސަލްކޮށް ރިވާވެގެން ވެއެވެ. އަދި ބުނަމެވެ. މިރިވާޔަތުގައި އަންނަ މުޙައްމަދު އިބްނި ޙައްސާނަކީ މަޖްހޫލެކެވެ. އަދި މިއީ ޟަޢީފު ޙަދީޘެކެވެ.
އަންހެނުން ޚިތާނު ކުރުމުގެ ސަގާފަތް:
އަންހެނުން ޚިތާނު ކުރުމަކީ އިސްލާމް ދީން އައުމުގެ މާކުރިންވެސް ޢަރަބި ބައެއް ޤަބީލާތަކުގައްޔާއި އެފްރިކާގެ ބައެއް ތަންތާގައި އޮތް ކަމެކެވެ. ފިރުޢައުނުގެ ރަސްކަމުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. މިއީއަކީ ކީރިތި ރަސޫލާގެ އުފަން ރަށް ކަމުގައިވާ މައްކާގެ މީހުން ދަންނަ ކަމެއް ނޫނެވެ. އެހެނަސް މަދީނާގައި އޮތް ސަޤާފަތެކެވެ. މިގޮތުން ރަސޫލާގެ ދުވަސްވަރު އެބައިމީހުންގެ ތެރޭގައި ކުރަފަތްޖަހައި ހަދާ މީހަކަށް މަޝްހޫރުވެފައި ވަނީ އުއްމު ޢަޠިއްޔާއެވެ. އެހެންކަމުން އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައި ވަނީ وَرُوِيَ عَنْ أُمِّ عَطِيَّةَ أَنَّهَا كَانَتْ تَخْفِضُ نِسَاءَ اْلأَنْصَارِ މާނައީ: އުއްމު ޢަޠިއްޔާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ އަންޞާރިއްޔަ އަންހެންކުދިންގެ ލޭދައްކައި ހައްދަވަތެވެ.
މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން އިބްނި ޢަދިއްޔު އާއި ބައްޒާރާއި އިބްނި ޙަޖަރާއި ޝައުކާނީއާއި ޠަބަރާނީއާއި ބައިހަޤީ ރިވާކުރަށްވާފައި ވެއެވެ. އޭގައި ވިދާޅުވެފައި ވެއެވެ. يَا نِسَاءَ اْلأَنْصَارِ اخْتَضِبْنَ غَمْسًا وَاخْفِضْنَ وَلاَ تُنْهِكْنَ މާނައީ: އޭ އަންޞާރިއްޔަ ބޭކަނބަލުންނޭވެ! ތިޔަ ކަނބަލުން ތަދު ނުވާނޭހެން ކުޑަކޮށް ލޭއަރުވައިލާށެވެ. އެކަން ލުއިކުރާށެވެ. ނަމަނަމަ ހަންކޮޅެއް ކަނޑަން ނުހަދާށެވެ. މިއެވެ. މިޙަދީޘުގެ ތަފާތު މަގުތަކަށް ބަލާއިރުވެސް ހުރިހާ މަގުތަކެއް ޟަޢީފެވެ. އޭގައި ޟަޢީފު މަޖްހޫލު ރާވީން އެބަތިއްބެވެ. އިމާމު ބުޚާރީ ވިދާޅުވަނީ މުންކަރު ޙަދީޘެއް ކަމަށެވެ. ޔަޙްޔާ އިބްނި މުޢީނުވެސް ހަމައެފަދައިން ވިދާޅުވެފައި ވެއެވެ. އިމާމު އިބްނިލް މުންޛިރު ވިދާޅުވެފައި ވަނީ لَيْسَ فِي الْخِتَانِ خَبَرٌ يُرْجَعُ إلَيْهِ وَلاَ سَنَدٌ يُتَّبَعُ ([4]) މާނައީ: ޚިތާނު ކުރުމާ ބެހޭގޮތުން އެއަށް ރުޖޫޢަވުން ހެއުވާނެ ހަމަ އެންމެ ޙަދީޘެއްވެސް ނެތެވެ. އަދި އެއަށް ބަރޯސާ ކުރެވޭނެ ޞައްޙަ ސަނަދެއް ނެތެވެ.
ޢައްލާމާ ޝައުކާނީ އޭނާގެ ތަޙްޤީޤު ނިންމާލައްވަމުން ވިދާޅުވެފައި ވެއެވެ. وَمَعَ كَوْنِ الْحَدِيث لاَ يَصْلُحُ لِلاِحْتِجَاجِ لاَ حُجَّةَ فِيهِ عَلَى الْمَطْلُوبِ މާނައީ: އަންހެނާގެ ޙައްޤުގައި ބަޔާންވެގެންވާ ޙަދީޘުތައް އެއްވެސް މަގަކުން އެއިން ދަލީލު ނެގުމަށް ކަމުނުދާތީވެ އެއީ އެއަށް ޢަމަލު ކުރުމަށް ޙުއްޖަތެއް ކަމުގައި ޤަބޫލު ކުރެވޭކަށް ނެތެވެ.([5])
ޖާހިލިއްޔަ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް:
އަންހެނުން ޚިތާނު ކުރުމަކީ އިސްލާމް ދީން އައުމުގެ ކުރިންވެސް ޢަރަބި ބައެއް ޤަބީލާގެ ތެރޭގައި އޮތް ކަމެކެވެ. މިގޮތުން އަންޞާރިއްޔަ ބޭކަނބަލުން އެކަން ކުރަށްވަނީ ސަގާފީ ކަމެއްގެ ގޮތުގައެވެ. އެބައިމީހުން ދެކޭގޮތުން އެއީ ޞިއްޙަތަށް ފައިދާލިބެނިވި ކަމެކެވެ. އަދި މިކަމަކީ ފިރުޢައުނުންގެ ދުވަސްވަރުން ފެށިގެން މިޞުރާއި އެފްރިކާގެ ބައެއް ޤަބީލާތަކުގެ މެދުގައި ކުރެވުމުން އައި ކަމެކެވެ. މިބައިމީހުން މިކަން ކުރަމުން އައީ ފިރިހެނުންނަށް ފައިދާއަކަށް ޓަކައެވެ. އަންހެނުންގެ ޝަހުވަތު އުނިކުރުމުގެ ގޮތުންނެވެ. މިއަދަށް ދާނދެންވެސް މިތަންތާގައި މިކަން ކުރަމުންދާ ބަޔަކު އެބަތިއްބެވެ. މިބައިމީހުން އަންހެން ކުއްޖާގެ ކުޅަދިލީގެ ބައެއް ބުރިކޮށްލަނީއެވެ. މިއީ އަންހެނާއަށް ނުހަނު ގެއްލުން ހުރި ކަމެކެވެ. އޭނާގެ ދިރިއުޅުމަށް ދެވޭ ބޮޑުވެގެންވާ އުނިކަމެކެވެ. މިއީ އެއްގޮތަކަށްވެސް ހުއްދަ ވެގެން ވާނޭ ކަމެއް ނޫނެވެ. މިސުރުގެ ދާރުލް އިފްތާގެ މުފްތީގެ ފަތުވާގައި މިފަދައިން އައިސްފައި ވެއެވެ. "އަންހެނުން ޚިިތާނު ކުރުމުގެ މައްސަލަައަކީ އޭގެ އަޞްލަށް ބަލާއިރު އެއީ އަޅުކަމާ ގުޅުންހުރި ދީނީ ކަމެއް ނޫނެވެ. ޙަޤީޤަތުގައި އެކަން ރުޖޫޢަވަނީ އެބައިމީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެބައިމީހުން ދެކޭގޮތުން ފަރުވާއެއް ކަމަށް ބެލެވޭ ކަމަކަށެވެ. މިކަން ދިރާސާ ކުރުމަށްފަހު ތިމަންނާމެންނަށް އެނގުނީ މިކަމަކީ އެބައިމީހުންގެ އާދަކާދައިގެ ތެރެއިން ވާރުތަވަމުން އައިސްފައިވާ، އެއިން އަންހެނާއަށް ޖިސްމާނީ ގޮތުން ގެއްލުން ދެނިވި ކަމެއް ކަމަށެވެ. މިސަބަބާހުރެ ތިމަންމެން ބުނާނީ މިގޮތަށް މިކަންކުރުމީ ޝަރުޢީގޮތުން ޙަރާމްވާނެ ކަމެއް ކަމަށެވެ."
އިމާމު މުޙައްމަދު އިބްނިލް ޙާއްޖު އަލްމާލިކީގެ ކިބައިން ޢައްލާމާ ޝަމްސުލް ޙައްޤު ނަގުލު ކުރަށްވާފައި ވެއެވެ. ޝައްކެއްނެތި ފިރިހެންކުދިން ޚިތާނު ކުރުމަކީ ސާފުކޮށް އެނގޭ ފަދައިން ސުއްނަތްވެގެންވާ ކަމެކެވެ. އެހެނަސް އަންހެނާއަށް ބަލާއިރު އެއީ ނަމަކަށް ކޮށްލެވޭ ކަމެކެވެ. ދެން އެކަން ކުރާނެ ގޮތަކީ ކޮބައިތޯ ޚިލާފު ވެފައި ވެއެވެ. އެއީ ހަމަ މުޠްލަޤުކޮށް ލެއި ދައްކާލުންތޯ ނުވަތަ މަޣުރިބު ކަރައިގެ މީހުންނަށް ތަބާވާން ވީތޯއެވެ. އިރުމަތީ ތަންތާގެ މީހުން އެކަން ކުރާގޮތަކީ ހަމައެނި އެމީހުން ދެކޭގޮތުގައި އެއީ އިތުރު ކަމަކަށްވާތީ ބަރަކާތަށްޓަކައި ލެއިދައްކާލަނީއެވެ. އެހެނަސް މަޣުރިބު ކަރައިގެ މީހުން ވަނީ (އެތަންތާގައި އެކަންކުރާ ގޮތުން ބޮޑު އަނިޔާއަކަށްވާތީ) އެކަން ކުރުން މުޅިން ދޫކޮށްލައި އެކަން މަނާކޮށްފައެވެ." ([6])
ދިވެހި އާދަކާދައިގެ ތެރެއިން އަންހެން ކުއްޖާ ޚިތާނު ކުރުން:
ފިރިހެންކުދިން ޚިތާނު ކުރުމަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޙަފްލާތަކާއި ކުޅިވަރުތައް ބާއްވައިގެން ދުރާލާ މައިންބަފައިން އެކަމަށް ތައްޔާރުވެ ކުރަމުން އަންނަ ކަމެކެވެ. ދިނީ ސަގާފީ އުފަލެއްގެ ގޮތުގައެވެ. އެހެނަސް އަންހެން ކުދިންނަށް އެކަން ކުރާކަމެއް ވެސް ބަޔަކަށް ނޭގެއެވެ. އެނގެނީ ހަމައެކަނި ކުއްޖާގެ މަންމައަށާއި އެކަންކުރާ ފޫޅުމައި ދައިތައަށެވެ. މިއީ ހަމައެކަނި މާތް ކަމެއްގެ ގޮތުން ނަމަކަށް ކޮށްލާ ކަމެކެވެ. ހަމައެކަނި ލެއިފޮދެއް އަރުވާލަނީއެވެ. ކުއްޖާއަށް ކަމެއް ކުރިކަން އިޙްސާސްވެސް ނުވާނެއެވެ. އެހެންކަމުން ދިވެހި ބަސްފޮތުގައި މިކަމުގެ މާނަ ކޮށްފައި ވަނީ އެއީ އަންހެންކުދިންގެ ކުޅަދިލީގެ މަތީގައި ތޫނު ކަމެއް ޖައްސައިލައި ލޭ ދައްކައިލުމެއް ކަމަށެވެ. މިއީ ދިވެހިން އެކަން ކުރަމުން އައި ގޮތެވެ. މިއީ އަކީ އަންހެން ކުއްޖާއަށް ގެއްލުމެއްލިބޭ ކަމެއް ނޫނެވެ. އަދި އެކުއްޖާއަށް އެކަން ކުރުމުގައި އިޙްސާސްވެސްވާ ކަމެއްނޫނެވެ. އަންހެން ކުއްޖާގެ ކަންފަތުފޫޅު ތޮރުފުމަކީ އަޅުގަނޑުމެން އެންމެން ރުހޭ ޒީނަތުގެ ކަމަކަށްވާއިރު އެއީ އެއިން ކޮންމެވެސް ވަރެއްގެ ވޭނެއްވެސް އަޅާ ކަމެކެވެ. ކުދިންގެ ނިޔަފަތި ކަނޑާއިރުވެސް ބޮޑަށް ނިޔަފަތިން ތަންކޮޅެއް ކަނޑާލެވިއްޖެނަމަ ކުއްޖާ ރޮއިވެސް ހަދައެވެ. ލޭވެސް އަރާގޮތް ވެއެވެ. މިއިންކަމަކާ މީހުން ކަންބޮޑުވެ ވާހަކަދައްކައި ނުހަދައެވެ. އެކަމަކު ލޭ ދެއްކުމަކީ އަންހެން ކުއްޖާއަށް މިކަން ކުރުމުގައި ތަދުނުވާ އިރު އަދި އެއީ އެކުއްޖާއަށް އިޙްސާސްވެސް ނުވާކަމަކަށް ވާހިނދު މިއަދު މިކަން ބޮޑުވެގެން އުޅޭ ސަބަބަކީ ކޮބައިބާއެވެ!
މައްސަލަ ސިޔާސީ ގޮތުން ހައްދު ފަހަނަޅައި ގޮސްފައިވުން:
ކޮންމެއަކަސް ރައީސް މައުމޫނުގެ ދުވަސްވަރުގައި (ވަކި ތާރީޚެއް ނޭގޭ) މިިގޮތަށް އަންހެން ކުދިން ޚިތާނު ކުރުން ސަރުކާރުންވަނީ ރަސްމީކޮށް މަނާކުރަށްވާފައެވެ. މިއީ މިހާރަކު ހޮސްޕިޓަލްތަކުގައި ނަރުހުންވެސް އަދި ފޫޅުމައިންވެސް ކުރަމުންދާ ކަމެއްނޫނެވެ. އަދި މިކަން ކުރާން ދަންނަ މީހަކުވެސް އުޅޭހެނެއް ހީއެއް ނުވެއެވެ.
ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން މިކަން މަނާކުރީ އެންމެ ފުރަތަމަ ތުރުކީންނާއި މަޣުރިބު ކަރައިންނެވެ. މިޞުރުން މަނާކުރި ކަމުގައި ވިއަސް އަދިވެސް މިސުރު ސަރުކާރަކަށް އެކަން ކޮންޓްރޯލް ނުކުރެވެެއެވެ. އެތާގައި އެކަން ކުރާމީހުން ކުރަމުންދަނީ ފިރުޢައުނުގެ އާދަކާދާގައި އިސްލާމީ ލޭބަލް ޖަހައިގެންނެވެ. އަދި މިހާރު މިކަންކުރުން ވަނީ ދުނިޔޭގެ އިސްލާމީ ގިނަ ޤައުމު ތަކުން ހުއްޓާލާފައެވެ. އަދި އެތަންތާގެ ފިޤުހުވެރިންވެސް ވަނީ އެއީ ކުރުމަށްވުރެން ނުކުރުން ރަނގަޅުކަމެއް ކަމުގައި ފަތުވާ ދެއްވާފައެވެ. ބައެއް ޤައުމުތަކުން (މިސާލަކަށް މިސުރާއި މޮރޯކޯ) އެއީ ޙަރާމްކަމެއް ކަމުގައި ފަަތުވާ ދެއްވާފަައި ވެއެވެ. އަޅުގަނޑަށް ލަފާވާ ގޮތުން ޙަރާމް ކުރެއްވީ އެތަންތާގައި އެކަންކުރަމުންދާ ގޮތުގެ ބާވަތުންނެވެ. ގަލްފުގެ ޤައުމުތަކުގައްޔާއި ޔަމަނާއި ޢިރާޤާއި އީރާނާއި ސީރިޔާއާއި ޖޯޑަންއާއި ފަލަސްޠީނާއި ލީބިޔާއާއި ތޫނިސްއާއި އަލްޖޭރިޔާއާއި މިފަދަ ހުރިހާ ތަނެއްގައިވެސް މިކަން ވަނީ ހުއްޓާލާފައެވެ.
މިވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި މިމައްސަލަ މާބޮޑަށް ހޫނުވެފައިވަނީ ސިޔާސީ އައްޑަނައެއްގެ ގޮތުގައެވެ. ރާއްޖޭގައި އެކަން ކުރަމުން ނުދާއިރުގައި ވެސް ހުޅަނގުގެ ރުހުން ހޯދުމުގެ ގޮތުން ސިޔާސީ ބައެއް ބޭފުޅުން ޕާޓީތަކުގެ ޕޯޑިޔަމްތަކުގައްޔާއި އެނޫން ތަންތާގައި އެކަމާ އިންކާރުކޮށް އެވާހަކަ އެބަދައްކަވައެވެ. އަނެއްބައި ސިޔާސީ ބޭފުޅުން ތިމާމެން އެކަން ޤަބޫލު ނުކުރާހިނދު މާބޮޑު އިސްލާމީ ކަމަކަށް ހަދައިގެން ރައްޔިތުން އޮޅުވާލައްވަން މަސައްކަތް ކުރަށްވައެވެ. ހަމަ މިމޭރުމުން ބައެއް ޝައިޚުން ސިޔާސީ ބޭނުމުގައި އެއްވެސް ދިރާސާއެއް ކުރެއްވުމެއްނެތި އިންކާރު ކުރާމީހުން އިންކާރުކުރާ ސަބަބުވެސް ބެއްލެވުމެއްނެތި އިސްލާމްދީނާ އިންކާރު ކުރަނީއޭބުނެ މިކަމާ އިދިކޮޅަށް ވާހަކަދައްކާ މީހުން މުރުތައްދުވާނެ ކަމުގެ ފަތުވާ ދެއްވަމުން އެބަގެންދަވައެވެ. ދެން މިދީނީ ޝައިޚުންނާ ޚިލާފަށް ސިޔާސީ ބޭފުޅުން އެކަމާބެހޭ ޤާނޫނު ހަދާނެ ވާހަކަ ދައްކަވައި އިންޒާރު ޖަައްސަވަމުން ގެންދަވަނީއެވެ. ބައެއް އަންހެން ބޭފުޅުން މިކަން ބޮޑުކޮށްލައްވައިގެން އުޅުއްވަނީ މިސުރާއި އެފްރިކާގެ ޤައުމުތަކުގައި މިކަންކުރާ ގޮތުގެ މަޢުލޫމާތު ލިބިވަޑައިގެން އެއާ އިންކާރު ކުރަށްވަމުންނެވެ. ދިވެހި ރާއްޖޭގައި މިކަން ކުރަމުންއައީ ކިހިނަކުންކަން އެކަމުން ލިބިދާނެ ކުޑަބޮޑުމިނެއް ވެސް ބެއްލެވުމެއް ނެތިއެވެ. ޔުނެސްކޯގެ ކަމާބެހޭ ބައިނަލް އަޤްވާމީ ދުވަހުގައި ބައިވެރިވުމުގެ ގޮތުންކަން ނޭގެއެވެ. އަނެއްބަޔަކު ޤަބޫލުކުރަން ހެއުނުވާވަރުގެ ދެތިން ޙަދީޘެއް ކިހިލި ޖަހައިގެން އިސްލާމް ދީނޭ ކިޔަމުން ނޭގުމެއްގެ ތެރޭގައިތިބެ ތިމާމެންގެ ބަހުންނާއި ޢަމަލުން އިސްލާމް ދީން ބަދުނާމު ކުރަނީއެވެ. މިއެންމެހައި ބޭފުޅުންވެސް ޠަވާފު މިކުރަށްވަނީ ކުރިމަތީގައި ފެންނަން ނެތް ގެފުޅެއްގެ ވަށައިގެންނެވެ. ދިވެހި ރާއްޖޭގައި ކިނބޫ ދިރިނޫޅޭއިރު ކިނބޫ ޙިމާޔަތް ކުރުމުގެ ޤާނޫނެއް ހަދަން އުޅޭނަމަ އެބަޔަކާމެދު މޮޔައަށް ނުގޮވާނެބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
ޝައްކެއްނެތެވެ! އަންހެނުން ޚިތާނު ކުރުމަކީ ދީނުގެ ކަމެއް ނޫނެވެ. ޟަޢީފު ޙަދީޘަކުން ދީނުގެ ޙުކުމެއް ސާބިތު ނުކުރެވޭނެއެވެ. އަޒުހަރުގެ ކުރީގެ ޝައިޚާއި މިހާރުގެ މުފްތީ ފަތުވާ ދެއްވަނީ އެއީ ޙަރާމް ކަމެއް ކަމަށެވެ. ދެން މިއީ ދުނިޔަވީ ކަމެއް ނުވަތަ ސަގާފީ ކަމެއް ކަމުގައި ބަލާނަމަ އެކަމުން ލިބޭ ފައިދާއެއް ވެސް އޮންނަން ޖެހެއެވެ. އެއާމެދު ކަމާބެހޭ މާހިރުން ބުނަނީ ކީކޭތޯވެސް ބަލަން ޖެހެއެވެ.
ދުނިޔެވީ ކަމެއް ކުރުމުގައި ކީރިތި ރަސޫލާގެ ބަސްފުޅެއް އޮތްތޯ ބަލާކަށް ނުޖެހެއެވެ.
1982 ވަނަ އަހަރު އަޅުގަނޑު ބައިރިވެރިވި ދީނީ މަޖިލީހެއްގައި ހެނދުނު ނާސްތާއަށްފަހު މޭވާއަށް ފަޅޮއެއް ނެގެވުނެވެ. އޭރު ފަޅޯ ކަނޑަން ޖެހުނުމީހާ ތިބީން ކައިރިން ސުވާލުކުރީ ފަޅޯ ކަނޑާނެ ސުއްނަތް ގޮތަކީ ކޮބައިތޯއެވެ؟ މިހިރީ އެއްބައެއްގެ ދީނީ ޙާލަތު ހުރިވަރެވެ. ދުނިޔެވީ ކަމެއް ކުރުމާމެދު ކީރިތި ރަސޫލާގެ ޢަމަލުފުޅެއް އޮތްތޯ ބަލާކަށް ނުޖެހެއެވެ. އަދި އެފަދަ ކަމަކާމެދު އިތުރު އެކަލޭގެފާނުންގެ ބަސްފުޅެއް އައިސްފައި އޮތްކަމުގައި ވިއަސް އެބަސްފުޅަށް ބަލާކަށް ނުޖެހެއެވެ. ފަހަރެއްގައި އެބަހަކީ ކީރިތި ރަސޫލާގެ ނަމުގައި ބަޔަކުމީހުން ހަދާފައި އޮތްއެއްޗަކަށް ވެސް ވެދާނެއެވެ. އެފަދަ ކަންކަމުގައި ބަލަންޖެހޭނީ ކަމާބެހޭ މާހިރުންގެ ބަސްތަކަށެވެ. އަންހެން ކުދިން ޚިތާންކުރުމުގެ މައްސަލައަކީ އިސްލާމް ދީނުގައި ކީރިތި ރަސޫލާ ކުރަން އެންގެވި ކަމެއް ނޫނެވެ. އެކަމާމެދު އައިސްފައިހުރި ހުރިހާ ޙަދީޘުތަކަކީ ޟަޢީފު، މުންކަރު ޙަދީޘުތަކެވެ. އެހެނެއްކަމަކު ވަގުތީ ގޮތުން އެއީ ކީރިތި ރަސޫލާގެ ބަސްފުޅުތަކެއް ކަމުގައި ބެލިކަމުގައި ވިއަސް އެއީ އިތުރު އެކަލޭގެފާނު މަދީނާގެ އަންހެންވެރިން ކުރަމުން އައި އެބައިމީހުންގެ ސަގާފީ ކަމެއްގެ މައްޗަށް އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަށް އެކަން އިޞްލާޙު ކުރަށްވައި އެކަމުގެ މަޞްލަޙަތު އޮތްގޮތް ކަަމަށް އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތް އެބައިމީހުންނަށް ބަޔާންކޮށް ދެއްވީއެވެ. ދީނީ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ ދުނިޔެވީ ކަމަކަށް ވީހިނދު ކީރިތި ރަސޫލާއަށް ވިސްނި ވަޑައިގެންނެވި އެންމެ ރަނގަޅުގޮތް ބަޔާންކޮށް ދެއްވީއެވެ. މިފަދަ ދުނިޔަވީ ކަންކަން ކީރިތި ރަސޫލާއަށް އެނގިވަޑައިގަންނަވާކަށް ނުވެސް ޖެހެއެވެ. އެކަލޭގެފާނަކީ އެކަންކަމުގެ މާހިރެއް ނޫނެވެ. މިސާލަކަށް، މަދީނާގެ މީހުން ކަދުރު ރުކުގެ ފިރިހެން ރުކާއި އަންހެން ރުއް ގުޅުވައިގެން ދަރިމައި ކުރުވަމުން ދަނިކޮށް އެތަން ފެނިވަޑައިގެން ކީރިތި ރަސޫލާ އެކަން މަނާކުރެއްވިއެވެ. އެންމެ ފަހުން އެބަސްފުޅު ރަނގަޅު ނޫންކަން ޚުދު ރަސޫލާއަށް އެނގިވަޑައިގަތުމުން އެކަން ކުރުމަށް ހުއްދަ ދެއްވުމަށްފަހު ޙަދީޘު ކުރެއްވި ބަސްފުޅާމެދު މުސްލިމުން ރަނގަޅަށް ވިސްނާލަން އެބަޖެހެއެވެ. ޙަދީޘު ކުރެއްވީ ކީކޭތޯއެވެ؟ فَإِنِّي إِنَّمَا ظَنَنْتُ ظَنًّا، فَلاَ تُؤَاخِذُونِي بِالظَّنِّ، وَلَكِنْ إِذَا حَدَّثْتُكُمْ عَنِ اللَّهِ شَيْئًا فَخُذُوا بِهِ - إِذَا أَمَرْتُكُمْ بِشَيْءٍ مِنْ دِينِكُمْ فَخُذُوا بِهِ، وَإِذَا أَمَرْتُكُمْ بِشَيْءٍ مِنْ رَأْيٍ فَإِنَّمَا أَنَا بَشَرٌ- أَنْتُمْ أَعْلَمُ بِأَمْرِ دُنْيَاكُمْ([7]) މާނައީ: އެއީ ތިމަން ކަލޭގެފާނުންގެ އަމިއްލަފުޅު ހީފުޅަކަށް ވިދާޅުވި ބަސްފުޅެކެވެ. އެފަދަ ހީފުޅެއްގައި ހިފާކަށެއް ތިޔަބައިމީހުންނަކަށް ނުޖެހޭނެއެވެ. އެހެނަސް ތިޔަބައިމީހުންގެ ދީނުގެ ކަމެއް ﷲގެ ޙަޟުރަތުން އައުމުން އެކަމެއް ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ފޯރުކޮށް ދެއްވާހިނދު އެއަށް ތަބާވެ އޭގައި ހިފާށެވެ. އެކަމަކު ދަންނާށެވެ. އެއާ ޚިލާފަށް ތިޔަބައިމީހުންގެ ދުނިޔެވީ ކަމަކާމެދު ތިމަން ކަލޭގެފާނު ޚިޔާލުފުޅެއް ދެއްވުމުން ތިމަން ކަލޭގެފާނަކީވެސް އިންސާނަކަށްވީތީ އެންމެ ރަނގަޅު ނޫން ގޮތަކަށް ޚިޔާލުފުޅު ދެއްވިދާނެއެވެ. އެހެންކަމުން ތިމާމެންގެ ދުނިޔޭގެ ކަންކަން ބޮޑަށްއެނގޭނީ ތިޔަބައިމީހުންނަށް ކަމަށްވާތީ އެކަމުގެ މާހިރުން ބުނާގޮތަކަށް އެކަމުގައި ކުރިއަށް ދާށެވެ. މިއެވެ.
ޚުލާޞާ:
(ހ) ޚިތާނު ކުރުމަކީ އިބްރާހީމީ މިއްލަތުން އައިސްފައި އޮތް ކަމެކެވެ. އެންމެ ފުރަތަމަ ޚިިތާނު ކުރެވުނު ކަމަށް ބުނެވެނީ އިބްރާހީމުގެފާނެވެ. އެއީ އެކަލޭގެފާނުންގެ ޢުމުރުފުޅުން 80 އަހަރުފުޅުގައެވެ. މިކަމަކީ ޞިއްޙީ ގޮތުން ފިރިހެނުންނަށް ރަނގަޅު ކަމެއް ކަމުގައި ކަމާބެހޭ މާހިރުން ވިދާޅުވެފައި ވެއެވެ.
(ށ) ފިރިހެން ކުދިން ޚިތާނު ކުރުމަކީ ގިނަ ދަންނަބޭކަލުންގެ އަރިހުގައި ސުއްނަތެކެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުން ވާޖިބެކެވެ. ނަމަވެސް ވާޖިބެކޭ ބުނެވޭނެ ޞަރީޙަ ދަލީލެއް ނެތެވެ.
(ނ) އަންހެން ކުދިން ޚިތާނު ކުރުމޭ ބުނަނީ އެކުދިންގެ ކުޅަދިލީގެ މަތީގައި ތޫނު ކަމެއް ޖައްސައިލައި ލޭ ދައްކައިލުމެވެ. ފަހަރެއްގައި ވެސް ކުޅަދިލީން ބައެއް ބުރިކޮށްލުމެއް ނޫނެވެ. އަދި އެއިން ހަންކޮޅެއްވެސް ކަނޑާލުމެއް ނޫނެވެ. ކީރިތި ރަސޫލާގެ އަރިހުން އައިސްފައިވާ ކަމަށް ބުނެވޭ ޙަދީޘުތަކުން ވެސް އަންގައިދެނީ މިގޮތަށް މިކަން ކުރުމަށެވެ. އިހު ދިވެހި ރާއްޖޭގައި ކަން ކުރަމުންދިޔައީވެސް މިގޮތަށެވެ.
(ރ) އަންހެން ކުދިން ޚިތާނު ކުރުމާ ބެހޭގޮތުން އައިސްފައިިވާ އެންމެހައި ޙަދީޘުތަކަކީ އެއިން ޙުއްޖަތް ހޯދޭ ފެންވަރުގެ ޙަދީޘުތަކެއް ނޫނެވެ. ޟަޢީފު، މުންކަރު ޙަދީޘުތަކެވެ. އަދި މިކަމަކީ ސުއްނަތެއް ނޫނެވެ. ފަހަރެއްގައި ހުއްދަކަމެކޭ ބުނެވިދާނެއެވެ. ދީނުގެ ކަމެއް ނޫނޭ ވިދާޅުވާ ބޭފުޅުންވެސް އެބަތިއްބެވިއެވެ. މިޞުރުގެ މުފްތީއާއި ކުރީގެ އަޒުހަރުގެ ޝައިޚުގެ ފަތުވާއަކީ އަންހެންކުދިން ޚިތާނު ކުރުން ޙަރާމްވެގެންވާ ކަމަށެވެ.
(ބ) އެފްރިކާ ބައްރުގައި އަންހެން ކުދިން ޚިތާނު ކުރުމޭ ކިޔައިގެން އެކުދިންގެ ކުޅަދިލި ނުވަތަ އެގުނަވަނުން ބައެއް ބުރިކޮށްލަނީއެވެ. މިއީ އިންސާނިއްޔަތާ ޚިލާފަށް އެކުދިންނަށް ދެވޭ އަނިޔާއެކެވެ. މިޞުރުގެ މުފްތީ ވިދާޅުވެފައިވާ ފަދައިން މިކަމަކީ ޙަރާމްވެގެންވާ ކަމެކެވެ. މިއީއަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ.
(ޅ) ދީނުގެ ދަންނަބޭކަލުންގެ ތެރެއިން އަންހެން ކުދިން ޚިތާނު ކުރުމަށް ވިދާޅުވާ ބޭކަލުން ދަލީލުގެ ގޮތުގައި ބަޔާންކުރަށްވަނީ (ޟަޢީފު ޙަދީޘުތަކެއް ކަމުގައި ވިއަސް) އެޙަދީޘުތަކުގެ އަލީގައި އެބޭކަލުން ވިދާޅުވަނީ މަކްރަމާއެއްގެ ގޮތުގައި ހަމައެކަނި ލޭ ދައްކާލުމުގެ ގޮތުން ކުރަން އޮންނަ ކަމެއްގެ ގޮތުގައެވެ. މިކަމަކީ ދުނިޔޭގައި މަނާކުރަމުންދާ ޚިތާން ކުރުމާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށެވެ.
(ކ) ކީރިތި ރަސޫލާ ދުނިޔަވީ ކަމަކަށް އިރްޝާދެއް ދެއްވައިފިނަމަ އޭގެ މޮޅުދެރަ ގޮތް ބޮޑަށް އެނގޭނީ އެކަމާބެހޭ މާހިރުންނަށެވެ. ކަމުގެ މާހިރުންގެ ރައުޔާއި ކީރިތި ރަސޫލާގެ ބަސްފުޅާ އެއްގޮތް ވާނަމަ އުފަލާއެކު ބަސްފުޅުގައި ހިފަންވީއެވެ. މީގެ މިސާލުތައް އިސްލާމީ ތާރީޚުގައި ވަރަށް ގިނައެވެ. ނޫންނަމަ ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެން ވެއެވެ.
އަޅުގަނޑުގެ ރައުޔު:
އަޅުގަނޑު ދެކޭ ގޮތުގައި އިހުގައި ރާއްޖޭގައި އަންހެން ކުދިން ވިހައިގެން ޢަމަލު ކުރަމުންދިޔަ ލޭދެއްކުމުގެ ސަގާފަތަކީ ދީނީ ކަމެއްނޫނެވެ. އެއީ ދިވެހި ސަގާފަތެކެވެ. އެކަމަކީ ޔުނެސެފްގެ ފަރާތުން ކޮންމެ އަހަރެއްގެ ޖެނުއަރީ 6 ގައި ފާހަގަކޮށް ކުށްވެރިކުރަމުންދާ މައްސަލައާ އެއްވެސް ގުޅުމެއް އޮތް ކަމެއްވެސް ނޫނެވެ. މިއީއަކީ ދީނުގެ ލޭބަލް ޖަހައިގެން މީހުން ކުފުރުކުރަން ޖެހޭ ވަރުގެ ކަމަކަށް ނުވާއިރު، ބަޔަކުމީހުން ބެރުޖެއްސަކަސް އަޅުގަނޑުމެން ނަށަންވާ ވަރުގެ ކަމެއްވެސް ނޫނެވެ.
وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ
ރިފަރެންސް:
[1] ބައްލަވާ: އަލްމަޖްމޫޢު: ނަވަވީ (1/300) އައްނައިލް: ޝައުކާނީ (1/145) އަލްމުޣުނީ: އިބްނު ޤުދާމާ (1/64) އައްދުރަރުލް މުޚްތާރު: އިބްނި ޢާބިދީން (6/751)
[2] މި ޙަދީޘު ރިވާކުރެއްވީ އިމާމު މުސްލިމާއި ތިރްމިޛީއާއި އެނޫން ބޭކަލުންނެވެ. މިޙަދީޘު ކުދިކުދި ތަފާތު ތަކާއެކު އެކި ބޭކަލުން ރިވާކުރަށްވާފައި ވެއެވެ.
[3] މި ޙަދީޘު އިބްނި އަބީ ޝައިބާގެ އިތުރުން އިމާމު އަޙްމަދާއި ބައިހަޤީއާއި އިބްނި ޙަޖަރު ރިވާކުރަށްވާފައި ވެއެވެ.
[4] މިވާހަކަ ބަޔާން ކުރެއްވީ އިބްނި ޙަޖަރު: ތަލްޚީޞުގައި (4/155) ޝަމްސުލް ޙައްޤު: ޢައުނުލް މަޢުބޫދުގައި (14/144) ނޫރައްދީން ޙައިޘަމީ: މަޖްމަޢުއް ޒަވާއިދުގައި (5/172)
[5] ޝައުކާނީ: ނައިލުލް އައުޠާރުގައި (1/146))
[6] މިވާހަކަ ބަޔާން ކުރެއްވީ ޝަމްސުލް ޙައްޤު: ޢައުނުލް މަޢުބޫދުގައި (14/144) ގައެވެ.
[7] މި ޙަދީޘު ރިވާކުރެއްވީ އިމާމު މުސްލިމާއި އިބްނި މާޖާއާއި އަޙްމަދެވެ. އަދިވެސް އިމާމު ޙާކިމާއި އިބްނި އަބީ ޝައިބާއާއި ޢަބްދުއް ރައްޒާޤާއި ޛަހަބީއާއި ބައިހަޤީއާއި ޠަބަރާނީއާއި ޒަރްޤާނީއާއި މިބޭކަލުންވެސް އެކި މަގުތަކުން މިޙަދީޘު ނެރުއްވާފައި ވެއެވެ.