އިންޑިއާގެ މުމްބާއީގައި 2،000 އެއްހާ މީހުންގެ ގެޔަށް ކޮވިޑްގެ ފޭކް ވެކްސިން ޖަހާފައިވާ ކަމަށް މުމްބާއީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
މުމްބާއީގެ އިތުރުން، ކޮލްކަޓާގެ 500 އެއްހާ މީހުންވެސް ފޭކް ވެކްސިންގެ ޝިކާރައަކަށް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ނުކުޅެދޭ އެތައް ބަޔަކު ހިމެނެ ކަމަށްވެސް ބުނެއެވެ.
ފުލުހުން ބުނެފައިވަނީ، ވެކްސިންގެ ނަމުގައި އެމީހުންގެ ގަޔަށް އަސްލުގައި ޖަހާފައިވަނީ ސެލައިން ސޮލިއުޝަން ކަމަށެވެ.
މުމްބާއީގައި ކޮވިޑް ވެކްސިންގެ ނަމުގައި ބަޔަކު އޮޅުވާލައިގެން އާންމުންގެ ގަޔަށް ފޭކް ވެކްސިން ޖަހާފައިވަނީ އެމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާވެސް ނަގައިގެންނެވެ.
އިންޑިއާގައި އެޕްރީލް މަހާއި މެއިމަހު ކޮވިޑްގެ ހާލަތު ގޯސްވެގެން ދިއުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ވެކްސިން ހިލޭ ޖަހައިދޭން ފެށީ މި ހަފްތާ ތެރޭގައެވެ.
ހިލޭ ވެކްސިން ޖަހައިދޭން ފެށުމުން، ވެކްސިންޖަހާ މީހުންގެ ރޭޓު ކުއްލިއަކަށްވަނީ ވަރަށް މަތިވެގެން ގޮސްފައެވެ.
އެހެން ނަމަވެސް، އޭގެކުރިން، މުމްބާއީގައި މީހުންގެ އަތުން އަގު ނަގައިގެން ފޭކް ވެކްސިން ޖެހި މައްސަލާގައި ފުލުހުންވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ 2 ޑޮކްޓަރުންވެސް ހިމެނެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މުމްބާއީގައި ފޭކް ވެކްސިން ޖަހާ 8 ކޭމްޕެއްވަނީ ހޯދިފައެވެ. މިއީ، މުޅިންވެސް އެއް ގްރޫޕަކުން ހިންގާ ވެކްސިން ކޭމްޕްތަކެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ފާސްކުރި އެއް ވެކްސިން ކޭމްޕަކުން 1.24 މިލިއަން ރުޕީސްގެ ނަގުދު ފައިސާވެސް ފެނިފައި ވެއެވެ. މިއީ، 16،700 އެމެރިކާ ޑޮލަރެވެ.
ފުލުހުން ތުހުމަތު ކުރަނީ، މިއީ ފޭކް ވެކްސިން މީހުންނަށް ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމުގައެވެ.
މީގެއިތުރުން، ފުލުހުންވަނީ ކޮލްކަޓާއިން ޖެނެޓިކްސްއިން ފޭކް މާސްޓަރ ޑިގްރީއެއް އޮންނަ ސިވިލް ސާވަންޓެއް ކަމަށް ހެދިގެން އުޅުނު މީހަކުވެސް ހައްޔަރު ކޮށްފައެވެ.
އޭނާ އިސްވެ ހުރެ ކޮލްކަޓާގައި ހިންގަމުން ގެންދިޔަ ފޭކް ވެކްސިން ޖަހައިދޭ އަށެއްކަ ކޭމްޕް ފުލުހުން ވަނީ އަތުލައިގެންފައެވެ.
އެތަނުން އެއް ކޭމްޕަކުން 250 އެއްހާ ނުކުޅެދޭ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިދީފައިވާ ކަމަށާއި، ކޮލްކަޓާގައި ހަދާފައިވާ ކޭމްޕްތަކުން ގާތްގަނޑަކަށް 500 ވަރަކަށް މީހުންނަށް ފޭކް ވެކްސިން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮލްކަޓާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ފޭކް ވެކްސިން ޖަހައިދެމުން ގެންދިޔަ އެއްތަނުން ފޭކް ވެކްސިން ފުޅިތައްވެސް އަތުލައިގަނެވިފައިވާ ކަމަށެވެ.
އެ ފުޅިތައް ލޭބަލް ކޮށްފައިވަނީ އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ ގޮތުގައެވެ. ކޮވިޝީލްޑް އަކީ، އެސްޓްރަޒެނެކާގެ ފޯމިއުލާއަށް އިންޑިއާގައި އުފައްދާ ވެކްސިނަށް ދީފައިވާ ނަމެވެ.
އާންމުންނަށް އޮޅުވާލައިގެން ބަޔަކު ވެކްސިން ކޭމްޕްތައް ހަދައި މީހުންގެ ގަޔަށް ކޮވިޝީލްޑްގެ ނަމުގައި އަސްލު ޖަހައިދެމުން ގެންދިޔައީ އެމިކަސިން ސަލްފޭޓުގެ 500 މިލިގްރާމްގެ ފުޅީގެ ލޭބަލްގެ މަތީގައި ކޮވިޝީލްޑް ފެކް ލޭބަލް ތަތްކޮށްގެންނެވެ.
އެމިކަސިން ސަލްފޭޓްއަކީ، ކުޑަކަމުދާ ނިޒާމާއި، ކަށީގައާއި، ސިކުނޑިއާއި މެޔާއި ލޭގައި ބެކްޓީރިއާ އަށަގަތުމުން އެކަމަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.
ވެކްސިން ސެންޓަރުތައް ހަދައިގެން ބަޔަކު ފޭކް ވެކްސިން ޖަހަމުން ގެންދާކަން އެނގުނީ، ވެކްސިން ޖެހުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ފިލްމީ ތަރިއެއް ކަމަށްވާ މިމީ ޗަކްރަބޮތީ އެތަނުން ވެކްސިން ކޭމްޕަކުން ވެކްސިން ޖެހުމުންނެވެ. އެއީ، ފޭކް ކޭމްޕްތަކެއް ކަމާއި، އެތަނުން ޖަހަމުންދަނީ ފޭކް ވެކްސިންކަމަށް ޝައްކު ކުރެވިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމީ ޗަކްރަބޮތީއެވެ.
ކޮލްކަޓާގައި ފުލުހުން ހިންގި އޮޕަރޭޝަންގައި، ފޭކް ވެކްސިން ސެންޓަރުތަކުގައި ތިބި މީހުން ބޭނުން ކުރަމުންދިޔައީ ވަގު އަޑީތަކެއްކަންވެސް ހާމަވެގެންދިޔައެވެ.
ފުލުހުން ރެއިޑްކުރި އެއް ކޭމްޕުން އެކަކު އަޅައިގެންހުރީ އިންފޮމޭޝަން މިނިސްޓްރީގެ އޮފިޝަލެއްގެ ކާޑެވެ. އަނެއްކަކު އަޅައިގެންހުރީ މުނިސިޕަލް ކޮމިޝަނަރގެ ވަގު ކާޑެކެވެ. އެމީހުން ބޭނުންކުރި ކާރުގައި ހުރި ކޮލްކަޓާ ސްޓޭޓް ސަރުކާރުގެ ސްޓިކަރ ޖަހާފައެވެ.
ފޭކް ވެކްސިންގެ މައްސަލަ ފަޅާއެލުމުން، ފޭކް ވެކްސިންގެ ޝިކާރައަކަށް ވެފައިވަ އެތައް އާންމުން މިހާރު ބިރުން އެބައުޅެއެވެ. ވެކްސިން ޖެހިފަހުން އެމީހުންނަށް އެކި ކަންކަން މެދުވެރިވަމުންދާ ކަމަށްވެސް ބުނެއެވެ.