އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ސަބަބުން ދެ ގައުމުގެ މަސްލަހަތަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގައި އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލްޣަނީ ވަނީ، އެމެރިކާގެ ރައިސަށް ދަންނަވާފައެވެ. ޣަނީ ވިދާޅުވިގޮތުގައި އެމެރިކާއިން ވަނީ އަފްޣާނިސްތާނަށް އެހީވެދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރަހައްދުގެ ގައުމުތަކަށްވެސް އެންމެ ފައިދާ ބޮޑު ވަނީ އަފްޣާނިސްތާންގެ ވެރިކަމުގައި މިހާރު ހޮވިފައިވާ ސަރުކާރު އޮތުމުން ކަމަށެވެ.
މިދިޔަ ދުވަސްތަކުގައި ތާލިބާނަށް ގެއްލިގެން ދިޔައ ބައެއް ސަރަހައްދުތައް އަލުން އަފްޣާނިސްތާން ސަރުކާރުން އަނބުރައި އަތުލައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދިއުމާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލު ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާނެ ކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނަށް ޖޯންސަން އެންޑް ޖޯންސަންގެ ތިން މިލިއަން ޑޯޒް ކޮވިޑް ވެކްސިން ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން ޔޫއެސް އެއިޑުންވެސް ދަނީ އަފްޣާނިސްތާނަށް ބޭނުންވާ އޮކްސިންއާއި ކޮވިޑާ ގުޅޭ އެހެނިހެން ކަންކަމުގައިވެސް އެހީތެރިވެ ދެމުންނެވެ.