އިންޑިއާއިން މިދިޔަ ހަ މަސްދުވަސް ތެރޭގައި ކޮށްފައިވާ މަސައްކަތުން އިންޑިއާއާއި ޕާކިސްތާންގެ ދެމެދު އޮންނަ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހިމޭން ވެފައިވާ ކަމުގައި އިންޑިއާ ސިފައިންގެ އިސް ސަރަހައްދީ ކޮމާންޑަރު ވިދާޅުވެއެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އިންޑިއާއާއި ޕާކިސްތާނުން ވަނީ ހަމަލަތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. ދެފަރާތުން ސިއްރު މަޝްވަރާތަކެއްވެސް ބޭއްވިކަމަށް ވެއެވެ.

ކޮމާންޑަރު ވިދާޅުވިގޮތުގައި ސަރަހައްދީ ރޮނގު ހިމޭން ވިނަމަވެސް، އޭގެ މާނައަކީ ސަލާމަތީ ކަންތައްތައް މުޅިން އަމާން ވެފައިވީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންގެ އަމަލުތައް ހުއްޓުވުމަށް އެތައް އަހަރެން ވަންދެން މަސައްކަތް ކުރަންވާނެ ކަމަށެވެ.

އިންޑިއާގެ ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި ކަޝްމީރުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ކުދި ވިޔަފާރިތައް ފެށުމަށް ފައިސާ ދިނުމަށް ފަށާފައިވާ ޚާއްސަ މަޝްރޫއުތަކުގެ ސަބަބުން ބޮޑެތި ފައިދާތައް ފެންނަ ކަމަށެވެ. އެގޮތުން އޮށް ގައު އުކަން އުޅޭ މީހުން މަދުވެފައިވާ ކަމަށެވެ.

ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ބަހާއި އަމަލު ބަހައްޓާ 200 އެއްހައި މީހުން އަދިވެސް ކަޝްމީރުގައި އެބަތިއްބެވެ. އެފަރާތްތައް އައްސިކޮށްގެން މެނުވީ މުޅިން ޓެރަރިޒަމުން އަރައި ނުގަނެވޭނެ ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ދެމެދު ސަރަހައްދު ހޫނުވުމުގެ ސަބަބުން އޭގެ ސީދާ ގެއްލުން އިހުސާސް ކުރާ ބަޔަކީ ރައްޔިތުންނެވެ.