މިހާރު ކުރިއަށްދާ ޔުރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ޗެކްރިޕަބްލިކް އަތުން 2-0 އިން ބަލިވެ މަޝްހޫރު ނެދަލޭންޑްސް މުބާރާތުން ކަޓައިފިއެވެ.

ހަންގޭރީގެ މަޝްހޫރު ޕުސްކަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޗެކްރިޕަބްލިކުން ދެލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނެދަލޭންޑްސްގެ މުހިއްމު ޑިފެންޑަރު މެތިއަސް ޑިލީޓަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލި ފަހުންނެވެ.

ޗެކްރިޕަބްލިކުގެ ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބޮލުން ތޯމަސް ހޯލްސްއެވެ. ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިފަހަރުގެ ޔޫރޯގައި ޗެކްރިޕަބްލިކް ޓީމުން އެންމެ ބޮޑަށް ވިދާލާފައިވާ ޕެޓްރިކް ޝިކްއެވެ.

ކުއާޓާފައިނަލުގައި ޗެކްރިޕަބްލިކް ބައްދަލު ކުރާނީ ޑެންމާކާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 3 ވަނަ ދުވަހު ރާއްޖޭ ގަޑިން 21:00 ގައެވެ.