މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ ދަނޑުވެރިކަމަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި މުޅި ދުނިޔެ މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކުންވެސް، ޤަބޫލުކުރެވެމުން ދަނީ، ދަޑުވެރިކަމުގެ މިއަހަރުގެ ޝިޢާރާ އެއްގޮތަށް، މުޅި ޤައުމު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުކަން، ކަމަށެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މި ޝިޢާރެވެ.

ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވެގެން ކަމަށާއި، އެހެންކަމުން، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ޙާލަތެއްގައިވެސް، މިދެންނެވި ޔަޤީންކަން ރައްޔިތުންނަށް ލިބިދިނުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދަނޑުވެރިކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއް ކަމަށާއ، އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް، ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، މިއަހަރު ސަރުކާރުން ނިންމީވެސް، މި ޞިނާޢަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް، ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މިހާރު ވާނީ ކަނޑާލައިފައެވެ. އަދި މިދިޔަ އަހަރުން ފެށިގެން، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން އަންނަނީ ލޯނު ދޫކުރަމުންނެވެ. މީގެ އިތުރުން، ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތްވެސް ވަނީ އިތުރަށް ފުޅާކުރެވިފަ،" ރައީސް ވިދާޅުވިއެވެ.

ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކީ، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށާއި، މި ދަތިކަން ޙައްލުކޮށްދިނުމަށް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.