އިންޑިއާގެ މަތިންދާބޯޓް އުފުލާ ދެވަނަ މަނަވަރު އަންނަ އަހަރު ނިންމައި މަތިންދާބޯޓް އުފުލާ ތިންވަނަ މަނަވަރެއްގެ މަސައްކަތް ފަށާނެ ކަމަށް އިންޑިއާގެ ދިފާއީވަޒީރު ހާމަކުރައްވައިފިއެވެ.
ކޮއްޗީ ޝިޕްޔާޑްގައި ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ ވިދާޅުވީ އަންނަ އަހަރު އިންޑިއާއިން މިނިވަން 75 އަހަރު ފާހަގަ ކުރާ އިރު އައު ދެވަނަ އެއަރކްރާފްޓް ކެރިއަރ ޚިދުމަތަށް ނެރޭނެ ކަމަށެވެ.
އިންޑިއާގައި ކުރިން ބޭނުން ކުރި އެއަރކްރާފްޓް ކެރިއަރ އެހެލުމަށްފަހު މިވަގުތު ޚިދުމަތުގައި އޮތީ ވިކްރަމަދީތިޔަ އެއަރކްރާފްޓް ކެރިއަރ އެކަންޏެވެ.
ދެވަނަ އެއަރކްރާފްޓް ކެރިއަރ ބޭލުމަށްފަހު އޭގެ އެތެރޭގައި ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ދަނީ ފުރިހަމަ ކުރެވެމުންނެވެ. ވިކްރާންތު އެއަރކްރާފްޓް ކެރިއަރ ބަނުމުގެ މަސައްކަތް ފަށާފައި ވަނީ މީގެ 11 އަހަރު ކުރިންނެވެ. ނަމަވެސް އެކި ދަތިތަކާ ހެދި، މަސައްކަތް ނިންމާ ނުލެވިފައި ވަނީއެވެ.
މިއާ ޚިލާފަށް ޗައިނާއިން ބަންނަން ފެށި ދެވަނަ އެއަރކްރާފްޓް ކެރިއަރގެ މަސައްކަތް އެގައުމުން ތިން އަހަރުގެ ތެރޭގައި ނިންމައި ޚިދުމަތަށް ނެރުނެވެ.
އިންޑިއާއާއި ޗައިނާގެ ދެމެދު ގެލްވާން ވާދީގައި ހަމަނުޖެހުން ހިނގުމަށްފަހު އިންޑިއާއިން ވަނީ ކަނޑުގެ ސިފައިންނަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ. އިންޑިއާކީ ދެ ބިތުންވެސް ކަނޑަށް ސަރަހައްދު ޙިއްސާ ކުރާ ގައުމަކަށްވެފައި ދުނިޔޭގެ ހުރިހައި އާގު ބޯޓެއް މަލަކާ ކަނޑު އޮޅިން ނިކުންނަނީ އިންޑިއާއާ ދިމާއަށް ކަމުން ގެލްވާންގެ ހަމަނުޖެހުމުގައި އިންޑިއާއިން އަވަސް ވެގަތީ ކަނޑުގެ ސަރަހައްދަށް ސަމާލުކަން ދިނުމަށެވެ.
މިކަމަށް އިޝާރާތް ކުރައްވައި އިންޑިއާގެ ދިފާއީ ވަޒީރު ކޮއްޗިން ގައި ވިދާޅުވީ ނުރައްކާވެއްޖެ ހާލަތެއްގައި އިންޑިއާއިން އެއްވެސް ފިޔަވަޅެއް ނައަޅައި ދޫކޮށެއް ނުލާނެ ކަމަށެވެ.
އިންޑިއާއިން ދެބިތުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އިތުރު ކުރުމާއެކު ދެކުނު އިންޑިއާގައި ކަނޑުގެ ސިފައިންގެ އައު މަރުކަޒަކަށް މިފަހުން ވަނީ އިތުރަށް ސަމާލުކަން ދޭން ފަށާފައެވެ. އެގޮތުން ދެކުނު އިންޑިއާއަށް ފެށްޓެވި ދަތުރުފުޅުގައި ސިންގ ވަނީ ނޭވަލް ބޭސް ކަރްވާރަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
ކަރްވާރްގައި ތަރައްގީ ކުރާ ފެސިލިޓީތަކާއެކު ކަރްވާން ނޭވަލްބޭސް ވެގެންދާނީ އޭޝިއާގެ އެންމެ ބޮޑު ނޭވަލް ބޭސްއަށެވެ.
އިންޑިއާއަކީ، 7500 ކިލޯމީޓަރުގެ އައްސޭރިފަށުގެ ސަރަހައްދެއް ބަލަހައްޓާ އަދި އީއީޒެޑްގައި 1300 ޖަޒީރާއެއް ހިމެނޭ، 2.5 އަކަ ކިލޯމީޓަރުގެ އީއީޒެޑެއް އޮންނަ ގައުމެކެވެ. މީގެ އިތުރުން އިންޑިއާ އަކީ ސާގަރް (ސެކިއުރިޓީ އެންޑް ގްރޯތު ފޯރ އޯލް އިންދަ ރީޖަން)ގެ ދަށުން ކަނޑުގެ ސަރަހައްދު ހިއްސާ ކުރާ އަވަށްޓެރި ގައުމުތަކާއެކު ބަދަހި ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރާ ގައުމެކެވެ.