އިންޑިއާއިން އިތުރު ބައިލައްކައެއްހައި ސިފައިން ހަނގުރާމައިގެ ހާލަތަށް ތައްޔާރުކޮށްފައި ލަދާކަށް ފޮނުވައިފިއެވެ. 1962 ގައި އިންޑިއާއާއި ޗައިނާއިން ހަނގުރާމަ ކުރިނަމަވެސް، އިންޑިއާއިން މިހާތަނަށް މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައި ވަނީ، ޕާކިސްތާނަށެވެ. މި ދެގައުމުން ވަނީ ކަޝްމީރާ ބެހޭ ގޮތުން ތިން ހަނގުރާމައެއް ކޮށްފައެވެ.
ބްލޫމްބަރގްއިން މިއަދު ބުނި ގޮތުގައި މިދިޔަ އެތައް މަހެއްގެ ތެރޭގައި އިންޑިއާއިން ވަނީ ސިފައިންނާއި ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ޗައިނާގެ ކައިރި ސަރަހައްދުތަކަށް ފޮނުވާފައެވެ. ބްލޫމްބަރގްއަށް މި ކަމުގެ މަޢްލޫމާތު ލިބިފައި ހުރި ހަތަރު ފަރާތަކުން މިވާހަކަ ކަށަވަރު ކޮށްދިން ކަމަށް ބުނެވެ.
މި ފަރާތްތަކުގެ ވާހަކަތަކަށް ބުރަވާނަމަ ބެލެވޭނީ، އިންޑިއާއިން ޗައިނާއާ އިންވެގެންވާ ސަރަހައްދަށް ގާތްގަނޑަކަށް ދެ ލައްކައެއްހައި ސިފައިން މިހާރު އެއްކޮށްފައިވާ ކަމަށެވެ. މަޢްލޫމާތު ދިން މީހުންގެ ތެރޭން ދެ މީހަކު ކިޔައިދިން ގޮތުގައި މިއީ މިދިޔަ އަހަރު ބައިތިއްބާފައި ތިބި ސިފައިންނަށް ވުރން 40 އިންސައްތަ އިތުރު އަދަދެކެވެ.
ބްލޫމްބާރގް އިން ބުނަނީ އިންޑިއާގެ ބޮޑު ވަޒީރު އޮފީހުންވެސް އަދި އިންޑިއާގެ ސިފައިންގެ ފަރާތުންވެސް މި ވާހަކަ ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ.
މިދިޔަ ތާނގައި އިންޑިއާއިން މަސައްކަތް ކޮށްފައި ވަނީ ޗައިނާއަށް އިންޑިއާގެ ސަރަހައްދުން އިތުރު ބިންތައް ނުހިފޭ ގޮތަށެވެ. ނަމަވެސް މިހާރު ފެންނަ ގޮތުން ހީވަނީ، ޗައިނާގެ އަތްދަށުގައިވާ ބިންތައް ހިފަން ވެއްޖެނަމަ، އެކަންވެސް ކުރެވޭ ގޮތަށް ކަންކަން ރާވާފައިވާ ކަމަށެވެ.
ޗައިނާއިން އިންޑިއާގެ ސަރަހައްދުގައި ބައިތިއްބާފައިވާ ސިފައިންގެ އަދަދު ސާފެއް ނޫނެވެ. ނަމަވެސް ޗައިނާއިން ވަނީ ޓިބެޓުންނާއި ޝިންޖިއާން މިލިޓަރީ ސަރަހައްދުން އިތުރު ސިފައިން މިހިސާބަށް ގެނަސް ޖަމާކޮށްފައެވެ. އަދި ޗައިނާއިން މި ސަރަހައްދުގައި އިތުރު އިމާރާތްތައް އަޅައި، މަތިން ދާބޯޓް ރައްކާ ކުރުމަށް ބޮމުން ސަލާމަތް ކުރެވޭ ވައްތަރުގެ ބަންކަރުތައް ހަދާކަމަށާއި އަދި ޓިބެޓްގައި އައު އެއަރޕޯޓްތައް ހަދަމުން ދާކަމުގެ މަޢްލޫމާތު އިންޑިއާއަށް ލިބިފައި ވެއެވެ. މީގެ އިތުރުން ޗައިނާއިން ދަނީ ބޮޑެތި ބަޑިތަކާއި ޓޭންކާއި ފައިޓަރ ޖެޓްތައްވެސް މި ސަރަހައްދަށް އިތުރު ކުރަމުން ކަމަށް ބްލޫމްބަރގްއިން ރިޕޯޓް ކުރެއެވެ.
ޗައިނާ ފޮރިން މިނިސްޓްރީއާ ޙަވާލާދީ ރިޕޯޓް ކޮށްފައި ވަނީ ޗައިނާ އިންޑިއާ ސަރަހައްދު މި ވަގުތަށް އަދި އަމާން ކަމަށެވެ.