އަތޮޅުތެރޭގައި ހުރި އިންޖީނުގެތައް ޒަމާނީ އިންޖީނުގެތަކަށް ބަދަލުކުރުމަށް ފެނަކަ ކޯޕަރޭޝަން އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގެ އިތުރު ތިން 3 ރަށެއްގައި ފެނަކައިން އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަން އިން އަތޮލޫ ތެރޭގައި އަޅާ އެންމެ ބޮޑު އިންޖީނުގެ ހދ.ކުޅުދުއްފުށީގައި ބިންގާ އެޅުމަށްފަހު އެއަތޮޅު ކުޅުމުންދޫ އާއި އެ އަތޮޅު ވައިކަރަދޫ އަދި ނެއްލައިދޫގައި ފެނަކައިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އާ އިންޖީނުގޭގެ އިމާރާތުގެ ބިންގަ މިއަދު އަޅައިފި އެވެ.

ކުމުންދޫ ، ނެއްލައިދޫ އަދި ވައިކަރަދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ އެ ތިން ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކުމުންދޫގައި ހަދާ ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ.

އެ އިންޖީނުގެ 270 ދުވަހުގެ މުއްދަތަށް ހަދަން ހަވާލުކޮށްފައިވަނީ ވަލީދް ކޮންސްޓްރަކްޝަނާ އެވެ.

ވައިކަރަދޫގައި ހަދާ ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދެވެ.

އެރަށު އިންޖީނުގެ 210 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މީގެ އިތުރުން ހދ. ނެއްލައިދޫގައި ހަދާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެ އާއި އޮފީސް ބުލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމެވެ.

ނެއްލައިދޫ އާ އިންޖީނުގެ އާއި ފެނަކައިގެ އޮފީސް ބުލޮކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 280 ގެ މުއްދަތަށް ނުގާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު 13 ރަށެއްގައި އިންޖީނުގެ އެޅުމަށް އިޢުލާންކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންގެންދާކަމަށް ފެނަކައިން ބުނެއެވެ. މިމަސައްކަތް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނައިރު މި 3 އަހަތު ތެރޭގައި 56 ރަށުގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 56 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްދެމުންނެވެ. އޭގެ ތެރެއިން 42 ރަށެއްގައި ފެނަކައިން އަންނަނީ ފެނުގެ ޚިދުމަތް ދެމުންނެވެ.