އޭނާ އަތުން ނާކާމިޔާބުވި ޕެނަލްޓީގެ ސަބަބުން ޕެނަލްޓީ ޝޫޓްއައުޓުގައި ސްވިޓްޒަލޭންޑް އަތުން 5-4 އިން ބަލިވެ ފްރާންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ކެޓުމުން ހުރިހާ ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދޭކަމަށް ފޯވާޑް ކިލިއަން އެމްބައްޕޭ ބުނެފިއެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް 3-3 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނު މިމެޗުގައި އެމްބައްޕޭ ޕެނަލްޓީ ޖަހަން ދިޔައީ ފްރާންސްގެ 5 ވަނަ ޕެނަލްޓީއެވެ. އޭރު ސްވިޓްޒަލޭންޑުން ވަނީ އެޓީމުގެ ފަސް ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ. އިތުބާރެއް ނެތް ކަހަލަ ގޮތަކަށް އެމްބައްޕޭ ފޮނުވާލި ޕެނަލްޓީ ސްވިޓްޒަލޭންޑުގެ ކީޕަރު ޔެން ސޮމާ ހުށިޔާރު ކަމާއެކު ދިފާއުކޮށް މިފަހަރުގެ ޔޫރޯގައި ފެނިގެންދިޔަ އެންމެ ހައިރާންކުރުވަނިވި ނަތީޖާ ނެރުނެވެ.

އެމްބައްޕޭ ފޮނުވާލި ޕެނަލްޓީ ސްވިޓްޒަލޭންޑުގެ ކީޕަރު ދިފާއު ކުރަނީ.

"ޕެނަލްޓީއެއް ނާކާމިޔާބުވެ މުބާރާތުން ކެޓުން ވެގެންދާނީ ނިދަން ވަރަށް އުނދަގޫ ކަމަކަށް. އެކަމަކު މިއީ އަހަރެމެން އެންމެން ލޯބިވާ، ފުޓްބޯޅައިގައި އޮންނާނެ ރިސްކްތައް. އަހަރެން ގަބޫލް ކުރަން މުބާރާތުން ކެޓުމުން ސަޕޯޓަރުން ތިބޭނީ ވަރަށް ބޮޑަށް މާޔޫސްވެފައިކަން. ސަޕޯޓަރުންގެ ކިބައިން އަހަރެން މައާފަށް އެދެން ޕެނަލްޓީ ކާމިޔާބު ކުރެވުނީތީ. އަދި މިފުރުސަތުގައި ސަޕޯޓަރުން ދިން ސަޕޯޓަށާއި ހިތްވަރަށް ޝުކުރު އަދާކުރަން" ރޭގެ މެޗަށްފަހު ޓްވިޓާގައި އާންމު ކުރި ބަޔާނުގައި އެމްބައްޕޭ ބުންޏެވެ.

އެމްބައްޕޭ،22، އެންމެ ބޮޑަށް ވިދާލައިގެން ދިޔައީ 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރުއެވެ. އެމުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދިނުމަށް މުހިއްމު ލަނޑުތަކެއް އެމްބައްޕޭ ކާމިޔާބު ކޮށްދިނެވެ. އަދި ފައިނަލުގައި ކްރޭޝިޔާ ކޮޅަށް ލަނޑު ޖަހައި، ބްރެޒިލްގެ ޕެލޭއަށްފަހު ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދިއެވެ.