ޗައިނާއިން ބަނގްލަދޭޝްގައި ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ އަގުތައް ޑާކާއިން އަލުން މުރާޖައާ ކުރުމާ ގުޅިގެން ޗައިނާއިން ނުރުހުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން ޗައިނާއިން ބަނގްލަދޭޝްގައި އަޅަން ނިންމާފައިވާ ރޭލްވޭގެ ތިން މަޝްރޫއެއް ހުއްޓާލަން ނިންމައިފިއެވެ.
2016 ވަނަ އަހަރު ޗައިނާ ރައީސް ޝީ ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ.
ޗައިނާގެ ޕްރޮޖެކްޓްތައް ހުއްޓުމަކަށް އައީ ބަންގްލަދޭޝްގެ ބޮޑު ވަޒީރުގެ އޮފީހުން މަޝްރޫއުތަކުގެ އަގުތައް މުރާޖައާކޮށް، ބައެއް ޕްރޮޖެކްޓްތަކުން 20 އިންސައްތަ އުނި ކުރުމާ ގުޅިގެންނެވެ.
މިކަމުގެ ސަބަބެއް ކަމަށް ބަލްގްލަދޭޝް ސަރުކާރުން ބުނެފައި ވަނީ މިއިން ބައެއް ޕްރޮޖެކްޓްތަކަކީ ހުޅުވާ ލެވިފައިވާ ބީލަމަކާ ނުލައި ކޮންޓްރެކްޓަރު ހޯދާ މަޝްރޫއުތަކެއް ކަމުން އޭގެ އަގުތައް ގަބޫލު ކުރަން ދަތި މިންވަރަށް ބޮޑު ކަމަށް ފެންނާތީ ކަމަށެވެ. މިޕްރޮޖެކްޓްތަކަށް ފައިސާ ދީ، މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީވެސް ޗައިނާ އިންނެވެ. އަދި މަސައްކަތެރިންވެސް ގެންނަނީ ޗައިނާއިން ނެވެ. މި ޕްރޮޖެކްޓްތަކުގެ އަގުގެ 20 އިންސައްތައަކީ ބަންގްލަދޭޝްގެ ހިއްސާއެވެ. އެއީ ބިމާއި ބިން ސާފު ކުރުމާއި، މަސައްކަތް ކުރާ މީހުން ބައިތިއްބާ ތަންތަނުގެ ހޭދައެވެ.
ބަނގްލަދޭޝް ސަރުކާރުން ބުނެފައި ވަނީ، ރޭލްވޭ ހެދުމުގެ މަޝްރޫއުގެ ތެރޭން ހުޅުވާލާފައިވާ ބީލަމަކުން ކޮންޓްރެކްޓަރު ހޯދުމުން ކިލޯ މީޓަރަކަށް ޖެހެނީ، 2.25 މިލިއަން ޑޮލަރެވެ. އެކަމަކު ހުޅުވާލާފައިވާ ބީލަމެއް ނެތި ޗައިނާއިން ކޮންޓްރެކްޓަރު ހަމަޖެއްސުމުން އެ ޕްރޮޖެކްޓްގެ ކިލޯމީޓަރަކަށް ޖެހެނީ، 7.2 މިލިއަން ޑޮލަރެވެ.
މީގެ ކުރިންވެސް ޗައިނާއިން ސުތުލި އުފައްދާ ފެކްޓްރީއެއްގައި އިންވެސްޓް ކުރަން ނިންމައިފައި ވަނިކޮށް ޑާކާއިން ވަނީ އޭގެ އަގުވެސް ދަށްކުރި އެވެ. އެއަށްފަހު ޗައިނާއިން ބުނެފައި ވަނީ ސުތުލިއާއި ފޭރާމާއި ކޯލާ ދެލި ހިމެނޭ އެއްވެސް ޕްރޮޖެކްޓެއްގައި ބަނގްލަދޭޝާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.
ބައެއް މުހައްލިލުން ދެކޭ ގޮތުގައި ރޭލް ޕްރޮޖެކްޓުން ޗައިނާއިން އަތް ދޮވެލީ، މިއީ، ބަންގްލަދޭޝްއާއި އިންޑިއާ ފަސޭހައިން ގުޅިގެންދާނެ ޕްރޮޖެކްޓަކަށް ވާތީ އެކަން ވިޔަ ނުދިނުމަށެވެ.
މެއި މަހު ޑާކާގައި ހުންނަވާ ޗައިނާ ސަފީރު ބަންގްލަދޭޝްއަށް އިންޒާރު ކުރެއްވީ، އިންޑިއާއިން ބައިވެރި ވެގެން އުޅޭ އެމެރިކާއާއި ޖަޕާނާއި އޮސްޓްރޭލިއާ ހިމެނޭ ޗައިނާއާ ދެކޮޅުވެރި ޖަމާއަތުގައި ބައިވެރި ނުވުމަށެވެ.