ދަނޑުވެރިންނަށް ޚާއްސަކޮށްގެން އެގްރިކަލްޗަރ އޮންލައިން ސިސްޓަމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަން އެންޑް އެގްރިކަލްޗަރ ލޯންޗްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހާގުޅުވައިގެން އެގްރިކަލްޗަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލެވެ.

ދަނޑުވެރިންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި މި ސިސްޓަމުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުން ކުރާ ތަކެތި އެތެރެކުރުމުގެ ހުއްދައަށް އެދުމާއި، ހުއްދަ ދޫކުރުމާއި، ދަނޑުބިން ރަޖިސްޓްރީ ކުރުންފަދަ ކަންކަން ހިމެނޭ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ލޯންޗްކުރި "އެގްރިކަލްޗަރ އޮންލައިން ސިސްޓަމް"އަކީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާރްތަކަށް ފޯރުކޮށްދޭ އެކި ޚިދުމަތްތައް ފަސޭހައިން އެއް ވިއުގަރއެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ލޯންޗްކުރި ސިސްޓަމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ސިސްޓަމަށް އީ-ފާސް މެދުވެރިކޮށް ލޮގް-އިންވެވޭނެ ކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އިމްޕޯޓް އަދި އެކްސްޕޯޓް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އެއް ވިއުގަރއަކުން ގުޅާލެވިގެން އޮންލައިންކޮށް ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ސިންގަލް ވިންޑޯ ނިޒާމުގެ އެންމެ މުހިއްމު އެއް ބޭނުންކަމަށެވެ. އަދި ދަނޑުވެރިކަމާގުޅޭ މޮޑިއުލް މިހާރު ލޯންޗްކޮށްފައިވާއިރު، މަސްވެރިކަމާގުޅޭ މޮޑިއުލްވެސް ވަރަށް އަވަހަށް ލޯންޗްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.