މީރާއިން ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) އާއިއެކު ކޯޕޮރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފިއެވެ.
މި އެގްރިމަންޓްގެ މަޤުސަދަކީ މީރާގެ ޓެކްސް އޮޑިޓަރުންގެ އޮޑިޓް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ފެށުންކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓަކީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށް މީރާއިން ހާމަކުރެވެ. މީރާ އާއި ޓީ.އައި.ޑަބްލިއު.ބީ ގުޅިގެން ވަނީ 2018 ވަނަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމް ހިންގާފައެވެ.
މިގޮތުން، ޓީ.އައި.ޑަބްލިއު.ބީ އާ ގުޅިގެން މި ފަށާ ޕްރޮގްރާމުގެ ދަށުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފަންނީ ކެޕޭސިޓީ އިތުރުކުރުމަށާއި، ޓޫރިޒަމް ދާއިރާގެ އިންޓަރނެޝަނަލް ޓެކްސް ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކަށް އަލިއަޅުވާލެވިގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓީ.އައި.ޑަބްލިއު.ބީގެ ވެރިޔާ މސ. ރުސުދާން ކެމުލެރިއާ ވަނީ މީރާއާއިއެކު ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ޕްރޮޖެކްޓްގެ ކާމިޔާބީތަކަށް އަލިއަޅުވާލާފައެވެ. އަދި މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓުން ކުރީގެ ޕްރޮޖެކްޓްގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވަނީ ޓީ.އައި.ޑަބްލިއު.ބީ އިން އޮގަސްޓް 2018 ގައި ފެށި ޕްރޮޖެކްޓާއެކު ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
ޓީ.އައި.ޑަބްލިއު.ބީ އާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮޖެކްޓެގެ ކާމިޔާބީއަށް އަލިއަޅުވާލައި، މި ޕްރޮޖެކްޓްގައި ޓްރާންސްފަރ ޕްރައިޒިންގ މަސައްކަތުގެ އުކުޅުތަށް މީރާގެ އޮޑިޓަރުންނަށް އުނގެނިގެންދިޔަކަން ކޮމިޝަނަރ ފާހަގަކުރައްވާފައިވާކަމަށް މީރާއިން މަޢުލޫމާތުދެއެވެ. ކޮމިޝަނަރ ޖެނެރަލް ވަނީ މިއަދު އިފްތިތާހްކުރެވުނު ޕްރޮޖެކްޓަގައި މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަންނީ މާހިރު، މރ.ކޮލިން ހަޗްކިންސް އަށް މަރުހަބާ ދަންނަވާފައެވެ.
ޓީ.އައި.ޑަބްލިއު.ބީ އަކީ އޯ.އީ.ސީ.ޑީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.