ރޮނާލްޑޯ، ކޮވިޑް ޖެހިފައި ވަނިކޮށް އިޓަލީއަށް ދިޔުމުން މައްސަލަ ހޫނުވެއްޖެ
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނިކޮށް، މިދިޔަ ބުދަ ދުވަހު ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އިޓަލީއަށް އައީ ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ހޯދައިގެންކަމަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި ކޮވިޑު ހުއްޓުވުމަށްޓަކައި އަމަލު ކުރަމުން އަންނަ ޕްރޮޓޮކޯލްތަކާއި ރޮނާލްޑޯ ހިލާފްވެއްޖެ ކަމަށް ދެކި ވަޑައިގަންނަވާކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރ ވިންސެންޒޯ ސަޕަޑަފޯރާ މިރޭ މިދާޅުވެއްޖެއެވެ.
ހިތްހަމަ ޖެހިވަޑައި ނުގެން ހުންނަވައި ވިންސެންޒޯ ވިދާޅުވީ އަމިއްލަ ޖެޓުގައި ވިޔަސް އިޓަލީއަށް އެތެރެވާނަމަ އިޓަލީގެ ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ނަގަން ޖެހޭކަމަށާއި އެފަދަ ހުއްދައެއް ރޮނާލްޑޯ ނެގި ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ. "ހޯމް އައިސޮލޭސަންގައި ހުންނަން ޖެހިފައި ހުރި ފަރާތަކުން ސިއްހީ އިދާރާތަކުން ނަގަން ޖެހޭ ހުއްދައެއް ނުނަގާ އިޓަލީއަށް އެތެރެވުމަކީ ކުށެއް، އަހަންނަށް ހީވަނީ ކޮވިޑް ހުއްޓުވުމަށް އަމަލު ކުރަމުން އަންނަ ޕްރޮޓޮކޯލްތައް ރޮނާލްޑޯ މުގުރާލައިފިހެން" ވިންސެންޒޯ ވިދާޅުވިއެވެ.
ވިންސެންޒޯގެ ވާހަކަތަކާއި ގުޅިގެން، ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސްއިން ވަނީ ރޮނާލްޑޯ ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. ޔުވެންޓަސްއިން ބުނެފައި ވަނީ ރޮނާލްޑޯ ގޯހެއް ނުހަދާ ކަމަށާއި އިޓަލީއަށް އެތެރުވުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ރޮނާލްޑޯ ނަގާފައިވާ ކަމަށެވެ. "ރޮނާލްޑޯ އެނބުރި އިޓަލީއަށް އައީ އިޓަލީގެ ކަމާގުޅޭ އިދާރާތަކުން ހުއްދަ ދީފައިވާ މެޑިކަލް ޖެޓެއްގައި. އަދި ހޯމް އައިސޮލޭސަންގައި ހުންނަން ޖެހޭ މުއްދަތު އޭނާގެ ގޭގައި ފުރިހަމަ ކުރާނެ" ޔުވެންޓަސްގެ ބަޔާނުގައި ބުނެފައިވެއެވެ.
އިޓަލީގެ ސިއްހީ އިދާރާތަކުން ނަގަން ޖެހޭ ހުއްދަ ނުގަނައި އެނބުރި އިޓަލީއަށް ރޮނާލްޑޯ ދިޔަ މައްސަލަ ފެންމަތިވެފައިވާއިރު ޕޯޗުގަލް ގައުމީ ޓީމާ ގުޅެން އޭނާ އިޓަލީން ފުރީވެސް ކޮވިޑް ހުއްޓުމަށްޓަކައި އިޓަލީން އަމަލު ކުރަމުން އަންނަ ޕްރޮޓޮކޯލްތަކާ ހިލާފަށްކަމަށެވެ. އިޓަލީއިން އަމަލު ކުރަމުން އަންނަ ޕްރޮޓޮކޯލްތަކުގެ ދަށުން ޓީމުގެ އޮފިޝަލަކު ނުވަތަ ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ޓީމު އެކުގައި އެއްތަނެއްގައި ކަރަންޓީން ވާންޖެހެއެވެ. އަދި އިޓަލީން ބޭރަށް ދަތުރު ކުރެވޭނީ ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގަޓިވް ވުމުންނެވެ. ރޮނާލްޑޯ އާއި އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑައިބަލާ ގައުމީ ޓީމާއި ގުޅެން ދިޔައީ މިއުސޫލުތަކާއި ހިލާފަށެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޔުއެފާ ނޭޝަންސް ލީގުގައި ސްވިޑްންއާ ދެކޮޅަށް ޕޯޗުގަލް ގައުމީ ޓީމުގެ ކުޅުމުގެ ކުރިން ހެދި ޓެސްޓްތަކުންނެވެ. އޭގެ ކުރިން ރޮނާލްޑޯ ވަނީ އެކުވެރިކަމުގެ މެޗެއްގައި ސްޕެއިންއާ ދެކޮޅަށް އަދި ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސާ ދެކޮޅަށް ކުޅެފައެވެ. މިދެމެޗް އެއްވަރުވެފައިވާއިރު ޔުއެފާ ނޭޝަންސް ލީގުގައި ރޮނާލްޑޯ ނުލައި ސްވިޑްންއާ ދެކޮޅަށް ކުޅެ ފަސޭހަ ކަމާއެކު 3-0 އިން ޕޯޗުގަލް ވަނީ މޮޅުވެފައެވެ.
ރޮނާލްޑޯ އާއި ޔުވެންޓަސްގެ ބައެއް އެހެން ކުޅުންތެރިންގެ މައްސަލަ އިޓަލީގެ ސިއްހީ އިދާރާއިން ބަލަމުން އަންނައިރު މުހިއްމު މެޗުތަކަކަށް ރޮނާލްޑޯ ސަސްޕެންޑް ވެދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. މީގެ ތެރޭގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ރޮނާލްޑޯގެ ވާދަވެރިޔާ ލިއޮނަލް މެސީގެ ބާސެލޯނާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅެންޖެހޭ މެޗްވެސް ހިމެނެއެވެ.