ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މޮނިޓަރިން އިން ނެގުމަށްޓަކައި ނަގަންޖެހޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ. މި މަަސައްކަތް ބުދަ އަދި ބުރާސްފަތި ދުވަހު ކުރާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ސިއްހީ މަރުކަޒުން ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން ގިނަ ޢަދަދެއްގެ ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެހެން ކަމުން އެންމެހާ ރައްޔިތުން އެކަމަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ސިއްހީމަރުކަޒުން ވިދާޅުވެފައިވެއެވެ. "މިއީ ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ކަމުގައި ވާތީވެ، މި ސާމްޕަލްތައް ނަގައި ރަށް މޮނިޓަރިން އަށް ލެވިފައިއޮތް އޮތުން ނިމުމަކަށް ގެނައުމަށް ތިޔަ ލޮބުވެތި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެއެވެ." އެރަށު ސިއްހީ މަރުކަޒުން ވިދާޅުވެފައި ވެއެވެ.

އެރަށުން ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައިި ސިއްހީމަރުކަޒުން ވަނީ އެރަށު ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އެރަށުން ޖުމްލަ 60 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 2 މީހަކު ފިޔަވައި އެންމެންން ވަނީ ﷲ ހެޔޮރަހުމަތާއެކު ބަލިން ފަސޭހަވެފައެވެ. އެ ދެ މީހުންގެ ޙާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެރަށުން ޕޮޒިޓިވް ކޭސް އެއް ނުފެންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.