އެއީ ޔޫރޯ 1996 ގެ ސެމީފައިނަލުގައި އިނގިރޭސިންނާއި ޖަރުމަނު ބައްދަލު ކުރި މެޗެވެ. އިނގިރޭސިންނަށް ތަރުހީބު ދިނުމަށް ވެމްބްލީ ދަނޑަށް ވަދެތިބި ހަތްދިހަފަސްހާސް ސަޕޯޓަރުންގެ އަޑުން ދަނޑު އޮތީ ގުގުމާފައެވެ. މިއަޑު ކެނޑިގެންދިޔައީ އިނގިރޭސިންގެ ޑިފެންޑަރު ސައުތު ގޭޓް ފޮނުވާލީ ޕެނަލްޓީ (6 ވަނަ ޕެނަލްޓީ) ޖަރުމަނުގެ ކީޕަރު އަންދްރެސް ކޮޕްކޭ ދިފާއު ކުރުމުންނެވެ. އިނގިރޭސިންނަށް ކަރުނަ ހިފަހައްޓާލައިގެން ހުރެވުނީ ދެތިން ސިކުންތު ވަންދެނެވެ. ޖަރުމަނުގެ ކެޕްޓަން އަންދްރެސް މޮލާ އެގައުމުގެ ހަވަނަ ޕެނަލްޓީ ކާމިޔާބުކޮށް އިނގިރޭސިން ރޮއްވާލައި ޖަރުމަނު ފައިނަލަށް ގެންގޮސް ދިނެވެ. ޖަރުމަނުން އިންގްލެންޑުން ފުރައިގެންދިޔައީ އެމުބާރާތުގެ ތަށިވެސް ހިފައިގެންނެވެ.

ހިތި މިހަނދާންތައް ފުހެލުމަށް އިނގިރޭސިން ގޮވައިގެން މިރޭ ޖަރުމަނާ ދެކޮޅަށް ނިކުންނާނީ ސައުތު ގޭޓެވެ. މިރޭގެ މެޗާއި ގުޅޭ ގޮތުން ސައުތު ގޭޓް ބުނީ ފާއިތުވެދިޔަ ގިނަ މުބާރާތްތަކަކުން އިނގިރޭސިން ވަކިވާން ޖެހުނީ ދެވަނަ ބުރުން ކަމަށާއި އެހެންވެ އެކަން ބަދަލު ކުރަން ކުޅުންތެރިން އެއްއަޒުމެއްގައި ތިބި ކަމަށެވެ. "އަހަރެމެން މިރޭ ކުޅޭނީ ޖެހިލުމެއް ނެތި ބިރު ކަނޑާލައިގެން" ސަތު ގޭޓް ބުންޏެވެ.

ޔޫރޯ 1996 ގެ ސެމީފައިނަލުގައި ސައުތު ގޭޓް އަތުން ޕެނަލްޓީ ނާކާމިޔާބު ވުމުން ކީޕަރު ސީމަން ހިތްވަރު ދެނީ.

އިނގިރޭސިންގެ އުއްމީދުތަކާ ގުޅިފައިވާ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމުގައިވާ ފިލް ފޯޑެން ބުނީ ޖަރުމަނާއި އިނގިރޭސިންގެ ވާދަވެރި މަޝްހޫރު ކުރިމަތިލުންތައް ފެނިގެން ގޮސްފައި ވަނީ އޭނާ އުފަންވުމުގެ ކުރިން ކަމަށާއި މިހާރު އިނގިރޭސި ޓީމު އޮތީ ތާރިހުން ޖާގަ ހޯދަން ކެތްމަދުވެފައި ކަމަށެވެ. "މިޓީމުގައި އެބަތިބި ޖަރުމަނު ހާސްކޮށްލެވޭނެ ވަރުގެ ނުރައްކާތެރި ކުޅުންތެރިން. މާޒީގެ ނަތީޖާތަކަށް މާބޮޑަށް ވިސްނޭކަށް ނެތް. އަހަރެމެންގެ އަމާޒު ހުރީ މިރޭގެ މެޗް ކާމިޔާބުކޮށް މިޓީމުން އަމިއްލަ ތާރިހެއް ލިޔެލުމަށް" ފޯޑެން ބުންޏެވެ.

ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ ބުނީ މިރޭ އިންގްލެންޑް ބަލި ނުކުރެވިއްޖެނަމަ މިފަހަރުގެ ޔޫރޯއިން ޖަރުމަނަށް ހާސިލް ކުރެވޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. "އިންގްލެންޑް ދަނޑުގައި މިރޭގެ މެޗް ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް. ހަންގޭރީ (ގްރޫޕް ސްޓޭޖުގައި ޖަރުމަނު އެންމެފަހުން ކުޅުނު މެޗް) މެޗަށް ވުރެ މިމެޗް މާބޮޑަށް އޯޕަން ވެގެންދާނެ ކަމަށް ގަބޫލް ކުރަން. އިންގްލެންޑުން މިރޭ ހަމަލާތައް އުފައްދަން ބޭނުންވާނެ. އޭގެ ސަބަބުން އަހަރެމެންނަށްވެސް ފުރުސަތުތަކެއް ލިބޭނެ" ޖަރުމަނު ކޮޅަށް މެޗް އަނބުރާލަން ފުރުސަތު ލިބޭނެކަން ހާމަކޮށްދެމުން ލޯ ބުންޏެވެ.

ޖަރުމަނުގެ ހަމަލާތަކުގެ މިރޭ އެންމެ އިސްދައުރެއް އަދާކުރާނެ ތިން ކުޅުންތެރިން (މުލާ، ކައި އަދި ނަބްރީ).

ޖަރުމަނާއި އިންގްލެންޑް ވަނީ މިހާތަނަށް 32 ފަހަރު ބައްދަލު ކޮށްފައިވާއިރު އިންގްލެންޑް މޮޅުވީ 13 ފަހަރުއެވެ. ޖަރުމަނުން 15 ފަހަރު އިންގްލެންޑް މައްޗަށް ކުރި ހޯދިއިރު 4 މެޗް ނިމުނީ އެއްވަރު ވެގެންނެވެ. ވާދަވެރި މެޗެއްގައި އެންމެފަހުން މިދެގައުމު ބައްދަލު ކޮށްފައި ވަނީ ވޯލްޑް ކަޕް 2010 ގެ ދެވަނަ ބުރުގައެވެ. މައްސަލަ ބޮޑުވި އެމެޗް 4-1 އިން ކާމިޔާބު ކުރީ ޖަރުމަނެވެ.

ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ.