ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ސިޓީ އިއްވާފަ އެވެ.
ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ނިޔާޒީގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ފޮނުވާފަ އެވެ.
އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓުގައި އޮތުމުން އޭނާ އެމަގާމުން އިސްތިއުފާދީފައިވާތިއެވެ.