ބޭރު ފައިސާ ގަނެ ވިއްކާ ތަންތަން ހިންގުމަށް އެމްއެމްއޭއިން ދޭ ހުއްދަ ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. އެމްއެމްއޭއިން މި ފިޔަވަޅު އަޅާފައިވަނީ ބައިނަލްއަގްވާމީ މާލީ ޖަރީމާތައް ތަހުގީގު ކުރާ ނޫސްވެރިންގެ ޖަމާއަތަކުން މަނީލޯންޑާ ކުރުމާ ގުޅޭ ބޮޑު ތަހުގީގެއް ހިންގައި "ފިންސެން ރިޕޯޓް" ޝާއިއުކޮށްފައި ވަނިކޮށެވެ.

އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓު (އައިސީޖޭއައި) އިން ތުހުމަތު ކުރާ ގޮތުގައި ފައިސާ މާރުކުރުމުގެ ނަމުގައި އެކިގައުމުތަކުގައި ހިންގާ ހަވާލާ އޮފީސްތަކަކީ، މަނީލޯންޑާ ކުރުމަށް އެހީތެރިވެދޭ ނިވާފްތްގަނޑުތަކެވެ.

އެމްއެމްއޭ އިން މި ފިޔަވަޅު އަޅާފައިވަނީ ރާއްޖެއަށް ޑޮލަރުގެ ދަތިކަން ވެސް އިހުސާސްކުރަން ޖެހިފައިވާ ދަނޑިވަޅެއް ގައެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޮންލައިން ކޮށް މަނީއެކްސްޗޭންޖް ކޮށް އުޅޭ ފަރާތްތަކުން އެމީހުންގެ ކްރެޑިޓް ކާޑް ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކާ ހެދި ބޭންކްތަކުގެ ޑޮލަރުގެ ރިޒާވަށްވެސް މިދަނޑިވަޅުގައި އަސަރު ކޮށްފައި ވެއެވެ. އަދި މި ފަރާތްތަކަކީ މަނީ ލޯންޑާ ކުރުމާއި އެކު ޑާކްވެބް ގައި ކްރިޕްޓޯ ކަރަންސީގައިވެސް މުއާމަލާތު ކުރާ ފަރާތްތައް ކަމަވެސް ތުހުމަތު ކުރެވޭ ބަޔެކެވެ.

އައިސީޖޭއައިގެ ފިންސެން ރިޕޯޓަށް ފަހު ގައުމުތަކުން ދަނީ މަނީލޯންޑާ ކުރުމަށް ފަހިވާ ގޮތަށް ގަވާއިދުތަކުގައި ހުރި ލުއިތައްވެސް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އެ އިދާރާއިންވެސް ދަނީ ގަވާއިދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.